ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. އަތޮޅު މަޑިފުއްޓަށް މިއަދު ވަޑައިގެންނެވި ވަގުތު، އުމުރުން ހަތަރު އަހަރުގެ ޔޫނުސް ވެސް ހުރީ ރައީސަށް މަރުހަބާ ކިޔަން އެއްވި މީހުންގެ ސަފުގަ އެވެ.

ގައުމީ ދިދައެއް ކުރަހާފައި އޮތް ސިޓީއެއް ހިފައިގެން ޔޫނުސްގެ މަންމައާ އެކު ހުރީ އޭނާގެ އާއިލާ އާއި ރަށުގެ އެތައް ބަޔަކަށް ދިމާވެފައިވާ ދަތިކަމެއްގެ ވާހަކަ ރައީސަށް ދަންނަވާށެވެ.

ރައީސް ވަޑައިގެން ޔޫނުސްއާ އަރައި ހަމަވުމާ އެކު ފުރަތަމަ ވެސް ދިއްކޮށްލީ އެ ސިޓީ އެވެ. ޔޫނުސް ކައިރީގައި ރައީސް މަޑުކުރައްވައި އެ ސިޓީ ވިދާޅުވާން ފެއްޓެވި އެވެ.

އަމިއްލަ އަތުން އިނގިރޭސި ބަހުން ޔޫނުސް ލިޔެފައިވާ އެ ސިޓީގައި ބުނެފައި އޮތީ ބައްޕައަކީ މަސްވެރިއެއް ކަމަށާއި ރަށުގައި ބައްޕަގެ ބިމެއް ވެސް އެބަ އޮތް ކަމަށެވެ. އެކަމަކު އެ ބިމުގައި ގެދޮރު އިމާރާތްކޮށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދޭނެ ގޮތެއް ބައްޕައަށް ނެތް ކަމަށާއި އެކަން ބަދަލު ކޮށްދިނުމަށް ރައީސްގެ އެހީތެރިކަން ދެއްވުމަށް އެދިފައިވެ އެވެ.

މަލަކާއި ގައުމީ ދިދައެއް ވެސް ކުރަހާފައިވާ އެ ސިޓީގައި ވިދާޅުވާން ކިއޫގެ މެދުތެރޭގައި ރައީސް ހުންނެވުމަށް ފަހު އާއެކޭ ވިދާޅުވާ ގޮތަށް ބޮލުން އިޝާރާތްކޮށްލެއްވި އެވެ. އަދި ހިނިތުންވުމާ އެކު ޔޫނުސްގެ ކޮނޑުގައި ޖައްސަވާލެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔޫނުސް ލިޔުނު ސިޓީ. -- ފޮޓޯ: މޫސާ ރަޝީދު / މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔޫނުސް ލިޔުނު ސިޓީ. -- ފޮޓޯ: މޫސާ ރަޝީދު / މިހާރު

ދެން އެމްޑީޕީ ޖަގަހައަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޔޫނުސްގެ އެ ސިޓީގެ ވާހަކަ ވިދާޅުވެފަ އެވެ. ޔޫނުސްގެ ސިޓީގައި އެދިފައި އޮތް ކަންތައް އޮތީ ރައީސްގެ ވައުދު ލިސްޓުގެ ވެސް ވަރަށް ކުރީގަ އެވެ.

މަޑިފުށީގައި ބޯހިޔާވަހި ކަމުގެ މައްސަލަ ވަރަށް ބޮޑެވެ. ގޯތި ހުރި ނަމަވެސް އިމާރާތް ކުރާނެ ފައިސާ ހޯދުމަކީ ބޮޑު ދައްޗެކެވެ.

ރައީސްގެ ވާހަކަފުޅުގައި އެ މައްސަލަ އަށް އިޝާރަތް ކުރައްވައި ވިދާޅުވީ މަޑިފުށީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޑިފުށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޔޫނުސްގެ ސިޓީ ވިދާޅުވަނީ. -- ފޮޓޯ: މޫސާ ރަޝީދު / މިހާރު
މަޑިފުށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޔޫނުސްގެ ސިޓީ ވިދާޅުވަނީ. -- ފޮޓޯ: މޫސާ ރަޝީދު / މިހާރު

ރައީސް ވިދާޅުވި ގޮތުގައި އެކަން ހައްލު ކުރުމަށް ކުރައްވާނެ އެއް ކަމަކީ ރަށުގެ ބިންތަކުގައި ގެދޮރު އަޅަން ބޭނުންވާ ފައިސާ ހޯދުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސެވުމެވެ.

"ފަސޭހައިން ލުއި ލޯނު ލިބޭނެ ގޮތް އަޅުގަނޑު ހަމަޖައްސާނަން," ރައީސް ވިދާޅުވި އެވެ.

ރަށުގެ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެއީ ރައީސް ވިދާޅުވި ފަދައިން ރަށުގައި ބޮޑު މައްސަލައެއްކަން އެނގުނެވެ.