މާލެ ސަރަހައްދުން ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުން ކުރިއާ އަޅާބަލާއިރު މިހާރު ތަންކޮޅެއް މަދުވާނެ ކަމަށާއި މިހާރު ބޮޑަށް ބާރު އަޅަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ ފްލޫ ކްލިނިކަށް ދާން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުމުން ލޮކްޑައުން ކުރުމަށް ފަހު ލުއި ދިނީ ރެންޑަމް ސާމްޕްލިން ނުވަތަ އެކްޓިވް ސަވައިލަންސްގެ މަސައްކަތް އިތުރުކޮށްފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ސަރަހައްދުތަކުން މީހުން ހުއްޓުވައި، ރެންޑަމްކޮށް އަންނަނީ ސާމްޕަލް ނަގަމުންނެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ މިވަގުތު މައިގަނޑު ފޯކަސް އަކީ އެކި ސަރަހައްދުތަކުން ފެންނަ އައުޓްބްރޭކްތައް ކޮންޓްރޯލްކުރުން ކަމަށެވެ. ހަދަމުން އަންނަ ރިސޯޓުތަކާއި އެއާޕޯޓު ފަދަ ތަންތަނުން ފެންނަ ބޮޑެތި ކްލަސްޓާތައް ކުރިއާލައި ދެނެގަތުމަށް އެ ތަންތަނުން ޓެސްޓުކުރަން މިހާރު ސަމާލުކަން ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަހަލަ ތަންތަނަށް ރާއްޖެއިން ބޭރުން މީހުން ގެނެސް ކަރަންޓީނަށް ފަހު މަސައްކަތް މި ކުރުވަނީ. އަނެއްކާ އޭގެ ތެރެއަށް އެބަ ގެންދޭ މާލެ އިން މީހުން ދެން ބޮޑު އައުޓްބްރޭކަކަށްވާ ފަހުން އެނގޭ އިރު އޭގެ އެޔެއް މިއެއް ނޭނގެ،" ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ތަންތަނުން މީހުން މާލެ ވެސް ދަތުރުކުރެ އެވެ. އެހެންވެ، ނޭނގި ތިބެ މާލެ ތެރޭގައި ވެސް ކޮވިޑް-19ގެ އިތުރު ކްލަސްޓާތައް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އާންމުކޮށް ދުވާލަކު 50 އަށް ވުރެ ދަށުގައި ހުންނަތާ މަހެއްހާ ދުވަސް ފަހުން ހޯމަ ދުވަހު އެ އަދަދު 100 އިން މައްޗަށް ދިޔަ އެވެ. އޭގެ ދެެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުންނަކީ ހަދަމުން އަންނަ ރިސޯޓުތަކާއި އެކި މަސައްކަތު ސައިޓްތަކުން ފެނުނު މީހުންނެވެ.

ތަސްލީމާ ވިދާޅުވީ މާލެ ތެރޭގައި ކުރިއާ އަޅާބަލާއިރު ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާ ކަމަށެވެ. ނަމަވެސް މިކަމަށް އަދިވެސް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ބޮޑަށް ލަފާ ދެނީ ފްލޫ ކްލިނިކަށް ދާން. ބަލީގެ ކުޑަ އަލާމާތެއް ހުއްޓަސް. މީހަކާ ބައްދަލުވިޔަސް، ރޯގާ ޖެހުނަސް، ބަލިހެން ހީވިޔަސް ފްލޫކްނިކްތަކަށް ދާން ސަޖެސްޓު ކުރަނީ،" ތަސްލީމާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ފްލޫ ކްލިނިކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި ހުރުމަށް ފަހު މިހާރު އަނެއްކާވެސް ކުޑަކޮށް މައްޗަށް ޖެހިލާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ މި ހަފުތާގައި ބުނެފަ އެވެ.

އިއްޔެގެ އިރު އޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 12,355 އަށް އަރައިފަ އެވެ. މީގެ ތެރެއިން 11,388 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 45 މީހަކު ބަލީގައި މަރުވެފައިވެ އެވެ.