ސިއްހީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރަން އައްޔަން ކުރަންޖެހޭ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް، ހަތަރު އަހަރު ފަހުން ބޭފުޅަކު އިއްޔެ އައްޔަންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް ހަމަޖެއްސީ، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ތަސްލީމާ އުސްމާން (ތަހޭ) އެވެ. އޭނައާއެކު އެ މަގާމަށް އިތުރު ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސަކީ އޮގަސްޓް 26، 2015 ގައި ތަސްދީގުކޮށް އޭގެ އަހަރެއް އަހުން އަމަލުކުރަން ފެށި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމަށްޓަކައި އައްޔަން ކުރަންޖެހޭ މަގާމެކެވެ. ނަމަވެސް ހަތަރު އަހަރުވީ އިރު ވެސް އެ މަގާމަށް އިއުލާނުކޮށްފައި ނުވެ އެވެ.

ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސިއްހީ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމާއި އެ ތަންތަން ހިންގަނީ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން ހިމެނެ އެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރު ކުރުމަށާއި މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން ރައްކާތެރި ކުރުމަށް އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލުމާއި ސިއްހީ ހިދުމަތްދޭ ތަނެއްގެ އިހުމާލުން ކަމެއް ހިނގައިފި ނަމަ އެކަމެއް ބަލައި ތަހުގީގުކޮށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ ވެސް ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރުގެ ޒިންމާ އެކެވެ. ވަކި މުއްދަތެއް ނެތް ޓެކްނިކަލް ޑިރެކްޓަރު ޖެނެރަލް ފެންވަރުގެ އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް މަހަކު 24،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.