ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރަކަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ކެންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ތަސްމީނަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ތަސްމީނު، ސިންގަޕޫރުގެ ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ޖޫން 30 ގައި ރުހުން ދީފަ އެވެ.
ތަސްމީނަކީ އެއް ދުވަސްވަރެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރި، ސިޔާސީ އިސް ލީޑަރެކެވެ. ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްކަން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެެއްދެވި ޑީއާރުޕީ ހިންގުމުގައި ވެސް ތަސްމީން ހަރަކާތްތެރިވެވަޑައިގަތެވެ. މައުމޫންގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމާއި އެޓޯލްސް މިނިސްޓަރުކަން ވެސް ތަސްމީން ކުރެއްވި އެވެ.
ތަސްމީނު ވަނީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި މައުމޫނުގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް ވާދަކުރައްވައިފަ އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ޑީއާރުޕީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވައި، އެ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރެއްވި އެވެ. އެ އިންތިހާބަށް ފަހު އޭނާ އަދިވެސް ހުންނަވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.
ތަސްމީން ވަނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ވޯރިކް އިން އިކޮނޮމިކްސްގެ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.
ތަސްމީން މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވީ އަނިކަނބަލުން ވިސާމް އަަލީއާ އާއި އާއިލާގެ އެހެން ބޭފުޅުންނާއެކު އެކު މެލޭޝިއާގަ އެވެ. މި ވެރިކަން ފެށުމާއެކު ވިސާމް ހަމަޖެއްސީ މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކަށެވެ. އެކަމަކު، އޭނާ ވަނީ މިދިޔަ އޭޕްރީލް މަހު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސިންގަޕޫރުގެ ސަފީރަކަށް ކުރިން ހުންނެވި ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް ހަމަޖައްސަން ނިންމާފައި ވަނީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށެވެ.