ރީތި ބީޗް ރިސޯޓް ހިންގާ ކުންފުނިން އެ ރަށުން ފޭބުމަށް އަމުރުކޮށް ދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ކުރިން ހިންގެވި އެ ރިސޯޓަކީ މިހާރު ސިންގަޕޫރުގެ އާރްބީއާރްއެމް ކިޔާ ކުންފުނީގެ ތަނެކެވެ. ތަސްމީނުގެ އާއިލީ މަސްހަލަތު އޮންނަ ކުންފުންޏަކުން ނެގި ބޮޑު ލޯނެއް ނުދެއްކުމުން 2015 ގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރީތި ބީޗް ރިސޯޓް އަތުލުމަށް ފަހު، އާރްބީއާރްއެމް އަށް ވިއްކާލައިފަ އެވެ. އެކަމަކު ރިސޯޓް ހިންގަނީ މަހޮގަނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.
މަހޮގަނީ ކުންފުނި ރީތި ބީޗުން ފައިބަން ޖެހޭނެ ކަމަށް ބުނެ އާރްބީއާރްއެމް އިން ކޯޓަށް ދިޔައީ އެއްބަސްވުމުގެ ދަށުން މަހޮގަނީ ކުންފުނިން ދައްކަންޖެހޭ ބައެއް ފައިސާ އާރްބީއާރްއެމް އަށް ނުދައްކާތީ އެ އެއްބަސްވުން މިދިޔަ ސެޕްޓެމްބަރުމަހު އުވާލާފައިވާ ކަމަށް ބުނެ އެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެ އެއްބަސްވުން ބާތިލް ކުރިކަން އަންގައި، އާރްބީއާރްއެމް އިން ފޮނުވި ނޯޓިހަކީ ބާތިލް ނޯޓިހެއް ކަމަށާއި އެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ. އެހެންވެ، ރީތި ބީޗް ރިސޯޓުން ފޭބުމުގެ އަމުރެއް މަހޮގަނީގެ މައްޗަށް ނެރެދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވާ ގޮތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ މަހޮގަނީ ކުންފުނިން ގަވާއިދުން ދައްކަމުންދާ ކަން ހެކިތަކުން ސާބިތުވެ އެވެ. އެގޮތުން ސެކިއުރިޓީ ޑިޕޮޒިޓުން ވަކި އަދަދެއް އުނި ކުރުމަށް ފަހު، ކޮންމެ ކުއާޓާއަކަށް ދައްކަންޖެހޭ އަދަދު އެ ކުންފުނިން ދައްކާ ކަމަށް ހުކުމުގައިވެ އެވެ.
އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ގުޅިގެން ހުޅުވަންޖެހޭ ޖޮއިންޓް އެކައުންޓް ހުޅުވާފައި ނެތަސް އެކަން އެގޮތަށް ދިމާވީ ހަމައެކަނި މަހޮގަނީ ކުންފުނީގެ އިހުމާލުން އެކަނި ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. ހުކުމުގައި އަންގާފައިވަނީ 30 ދުވަހުގެ ތެރޭގައި ދެ ފަރާތުން ގުޅިގެން ޖޮއިންޓް އެކައުންޓެއް ހުޅުވުމަށާއި އެ އެކައުންޓަށް ޑިޕޮޒިޓް ފައިސާ ޖަމާ ކުރުމަށެވެ.
އެކަމަކު އާރްބީއާރްއެމް އިން އެދިފައިވާ ގޮތަށް، އެ ރިސޯޓުން ފޭބުމަށް މަހޮގަނީގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަަށް ހުކުމުގައިވެ އެވެ. އަދި މަހޮގަނީ ކުންފުނިން އެއްބަސްވުމާ ޚިލާފްވިކަން ސާބިތު ނުވާތީ، އެއްބަސްވުން ބާތިލް ކުރިކަން އަންގައި އާރްބީއާރްއެމް އިން ފޮނުވި ނޯޓިސް ބާތިލްކުރާ ކަމަށް ހުކުމުގައިވެ އެވެ.
މަހޮގަނީ އަކީ ރީތި ބީޗް ރިސޯޓް ތަސްމީންގެ ބެލުމުގެ ދަށުގައި އޮތްއިރު 2006 ވަނަ އަހަރުން ފެށިގެން ސަބްލީޒް އުސޫލުން އެ ރިސޯޓާ ހަވާލުވެގެން އެތަން ހިންގާ ކުންފުންޏެވެ. ސަރުކާރުން އެރަށް ތަސްމީނަށް ދިނީ 1997 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ގައި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށަށް އެ ރިސޯޓްގެ މިލްކުވެރިކަން ބަދަލުކުރި އެވެ. އެތަން ބޭންކަށް ނެގީ އެ ކުންފުނީގެ ދަށުގައި އޮއްވަ އެވެ.