ތ. ތިމަރަފުށީގައި ފެނަކަ އިން ހިންގާ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރު އިސްތިއުފާދޭން ކުއްލި ގޮތަކަށް މިއަދު އަންގައިފި އެވެ.

ލޯކަލް އިންތިހާބުގެ ތިމަރަފުށީ ކައުންސިލް، ވެރިކަން ކުރާ ޕީޕީއެމަށް ކާމިޔާބުކޮށްދޭން އިސްކޮށް އެ ރަށުގައި ހަރަކާތްތެރިވި އެސިސްޓެންޓް މެނޭޖަރު އަހްމަދު އިލްހާމް ވަޒީފާ އިން އިސްތިއުފާ ދޭން އެންގި ސަބަބެއް މިހާތަނަށް އޭނާ އަށް އަންގައިފައެއް ނުވެ އެވެ.

"އަޅުގަނޑަށް އެޗްއާރުން ގުޅާފައި ބުނީ އިސްތިއުފާ ދޭށޭ، އެހެން ނޫނީ އެހެން ތަނަކަށް ބަދަލުވާށޭ. އަޅުގަނޑު ސަބަބު ހޯދަން ވަރަށް މަސައްކަތްކޮށްފިން، އެޗްއާރުން ބުނަނީ އެމްޑީއަށޭ އެނގިވަޑައިގަންނަވާނީ،" އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އިން އިސްތިއުފާ ދޭން ޖެހޭވަރުގެ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. މިއީ، އިންތިހާބާ ގުޅިގެން ފެނަކައިގެ ބްރާންޗްތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމަނައިގެން އެންގި އެންގުމެއް ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އިންތިހާބުގައި ތިމަރަފުށީގެ ތިން ގޮނޑި ވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އިލްހާމަކީ އިންތިހާބުގައި ވޯޓު ފޮއްޓެއްގެ އިސްވެރިއަކަށް ހަމަޖެއްސި އެކަކެވެ.

ސަރުކާރު ހިއްސާވާ ކުންފުނި، ފެނަކަ އަކީ ސިޔާސީ ކަންކަން ވަރަށް ބޮޑު ކުންފުންޏެއްގެ ގޮތުގައި އޮންނަނީ އަޑުފެތުރިފަ އެވެ. ސިޔާސީ އެކި ކަންކަމާ ގުޅިގެން ބައެއް ބްރާންޗުތަކުން މީހުން ވަކިކުރުމާއި ވަޒީފާ ދިނުން ފަދަ ކަންކަން ހިންގާ ކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުން ވެސް ފާޅުކުރެ އެވެ.