އައިޝަތު އިއްޒަތު ޔޫސުފު ހުރީ އޭނާގެ މަންޒިލަށް ދާން ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް ތައްޔާރަށެވެ! މ. ކޮޅުފުއްޓަށް އުފަން އިއްޒަގެ ފުރަތަމަ ގުރުބާނީ އަކީ، ކިޔެވުމަށް ޓަކައި ރަށް ދޫކޮށްލައިފައި އެހެން ރަށަކަށް ބަދަލުވާން ޖެހުމެވެ.
އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އެކަން ވާން އޮތީ ސައިންސް ސްޓްރީމް އަށް ކިޔަވައިގެންނެވެ. އަމިއްލަ ރަށުގައި ކިޔަވައިދެނީ ހަމަ އެކަނި ބިޒްނަސް ސްޓްރީމް ކަމުން އިއްޒަ މ. އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުވި އެވެ.
އެ ގްރޭޑްގައި ރިޕީޓްވެ، ސައިންސް ސްޓްރީމް ކިޔަވައި އޯލެވެލް ނިންމާލި އެވެ. ގަދަ 10 ގައި ހިމެނުނަސް، އެއީ އޭނާގެ އެންމެ ރަނގަޅު ނަތީޖާ ނޫން ކަން އޭނާ އަށް އެނގެ އެވެ.
"މިހާރު ވަރަށް ރިގްރެޓް ކުރެވޭ 10ގައި ކިޔަވަން މަސައްކަތް ނުކުރެވުނީމަ. އޭރު އެއީ އަޅުގަނޑުގެ އެންމެ ބެސްޓެއް ނޫން. އެހެންވެ އޭލެވްގައި ވަރަށް މަސައްކަތް ކުރިން."
އޯލެވެލްގައި އިއްޒަ އަށް ތިން މާއްދާއިން އޭ ސްޓާ އާއި ފަސް އޭ ލިބިގެން ދިޔައީ ގަދަ ދިހައެއްގެ ހަ ވަނަ އަށެވެ. ނަމަވެސް އޭލެވެލްގައި އޭނާ ވަރަށް ގަދައަށް މަސައްކަތްކޮށް، އޭގެ ނަތީޖާ އަކަށް ވީ އޭލެވެލްގެ އެއްވަނައިގައި ހިމެނުމެވެ. އެއީ ފަސް އޭ ސްޓާ އެވެ.
އޭލެވެލްގައި ލިބުނު ވަނައާ މެދު ދެކެނީ ކިހިނެއް؟
ވަރަށް ހިތްހަމަ ޖެހޭ ނަތީޖާއެއް. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އޯލެވެލްގައި އެހާ މަސައްކަތް ނުކުރެވުނީމަ އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަން.
އޯލެވެލްގައި އެ ނަތީޖާއިން އޭލެވެލްގައި މިފަދަ ވަނައެއް ލިބޭނެ ކަމަށް އުންމީދު ކުރިންތަ؟
އަބަދުވެސް އުންމީދު ކުރިން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް. މަންމަ އާއި ބައްޕަ އަށް ވެސް އަޅުގަނޑު ކުރި މަސައްކަތުން ޔަގީންކަން އޮތް އެ ނަތީޖާއާ ދޭތެރޭ.
އިއްޒަ ޓެސްޓަށް ތައްޔާރުވީ ކިހިނެއް؟
އަޅުގަނޑު ތައްޔާރުކުރީ ޝެޑިއުލްއެއް. ކިތަންމެ ބިޒީކޮށް އުޅުނަސް ބަލަން އެ ޝެޑިއުލް ފޮލޯކުރަން ކޮންމެ ދުވަހަކު ވެސް.
މި ނަތީޖާގެ އެންމެ ބޮޑު އެއް ހިއްސާއަކީ ޕާސްޓް ޕޭޕަރު ހެދުން. ހުރިހާ ޕާސްޓް ޕޭޕަރެއް ވެސް ހެދިން. އެންމެ އުނދަގޫ މާއްދާތަކުން ޓިއުޝަން ވެސް ނަގައިގެން ކިޔެވީ.
މިފަދަ ކާމިޔާބީއެއް ހޯދުމަށް އެހެން ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ؟
އޭލެވެލް ކިޔަވަން ފެށުމުގެ ކުރިން ކޮންމެ ކުއްޖަކު ވެސް ވަކި ޓާގެޓެއް ކަނޑައަޅަންވާނެ. އެ ކުއްޖާ ހޯދަން ބޭނުން ވަނީ ކޮން ނަތީޖާއެއްތޯ، ދާން ބޭނުންވަނީ ކިހާ ހިސާބަކަށްތޯ. އެ ޓާގެޓަށް ގަދައަޅާ މަސައްކަތް ކުރުން.
ޑިސްޓްރެކްޝަންސް އަންނާނެ، ތަފާތު ހިޔާލުތައް ވެސް އަންނާނެ. ކުދިންގެ ފަރާތުން ވެސް އެކި މީހުންގެ ފަރާތުން ވެސް އަންނާނެ. އެކަމަކު އެ ކާމިޔާބުކުރަން އުޅޭ ގޯލު، ނޫނީ އެ މަގުން ކައްސާލައިގެން ނުދާ ވަރަށް މަސައްކަތް ކުރާނެ ކޮންމެ ކުއްޖަކު ވެސް.
ދެން އެންމެ މުހިންމު ކަމަކަށް ދީނީ ކަންކަން ކުރުން. ހުރިހާ ނަމާދެއް ބަރާބަރަށް ކޮށް ދީނީ ކަންކަމަށް ފަރުވާތެރިވާން ވާނެ.