އޯ ލެވެލް އަށް ތައްޔާރުވުމުގެ މޮކް އެގްޒާމްގައި، އައްޔާޝް އަލީއަށް ލިބުނު ނަތީޖާ އިން ވެސް ޓީޗަރު ހުރީ އުއްމީދެއްގަ އެވެ. އިކޮނޮމިކްސްއިން ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޓީޗަރު އިބްރާހިމް މަބްރޫކް، 33،އަށް އޮތެވެ. ހުރިހާ މާއްދާއަކުން ވެސް ރަނގަޅު ނަތީޖާ ހޯދާ އައްޔާޝަށް އިކޮނޮމިކްސްގައި ރާއްޖެއިން އެއްވަނަ ލިބުންވީ އޭނާއަށް ވެސް ލިބުނު ސަޕްރައިޒަކަށެވެ.
ކިޔަވައިދިނުމުގެ ހޭދަކުރި ހަތް އަހަރު ކުރި މަސައްކަތުގެ ނަތީޖާ އެ ދަރިވަރުގެ ކިބައިން ފެނުންވީ ޓީޗަރަށް ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.
އައްޔާޝް ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހެދިއިރު، ދިވެހި ނޫން ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދި އެވެ. ދިވެހިން އޭ ހޯދިއިރު އިނގިރޭސިން މާއްދާ އިން ދުނިޔެއިން އެއް ވަނަ ހޯދި އެވެ.
"މިއީ އަޅުގަނޑު ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް. ކޮންމެ އަހަރަކުވެސް މަސައްކަތް ކުރަނީ މި ނަތީޖާ ހާސިލުކުރަން. ގަދަ 10އަށް އަރާ، ރާއްޖެއިން ވަނައަކަށް އެރި މިއީ ފުރަތަމަ ފަހަރު. އެ ދަރިވަރު އެ ހޯދައިދިން ކާމިޔާބީއަކީ ހުވަފެނެއް ހަގީގަތަކަށް ވުން،" ށ. ކަނޑިތީމުގައި ހުންނަ އެ އަތޮޅު މަދަރުސާގައި އިކޮނޮމިކްސް ކިޔަވައިދޭ އިބްރާހިމް ވިދާޅުވި އެވެ.
ދަރިވަރުން ޓެސްޓަށް ތައްޔާރުކުރި ގޮތް
އެ ރަށު ސްކޫލުގައި ގްރޭޑް 10ގައި މިދިޔަ އަހަރު ކިޔެވި ދަރިވަރުންގެ ތެރެއިން ބިޒްނަސް ސްޓްރީމް ހެދީ ހަތް ދަރިވަރުންނެވެ. އެ ހަތް ދަރިވަރުން ވެސް ވަނީ އޯ ލެވެލްގައި އިކޮނޮމިކްސް އިން ފާސް ވެ، 100 ޕަސެންޓު އެ މާއްދާގެ ފާސް ޕަސެންޓޭޖު ހޯދައިފަ އެވެ.
އެ ދަރިވަރުންގެ ނަތީޖާ ތަފާތު ލެވެލް އަކަށް ނެރުމަށް އިބްރާހީމް މަސައްކަތްތަކެއް ކުރި އެވެ.
އޭނާ ވިދާޅުވީ ލިޔުމުގެ ހުނަރު ކުރިއަރުވައި ބައެއް ކަހަލަ ކަންކަން ހިފެހެއްޓި ކަމަށެވެ. އަދި ލިޔުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތައް އެ ދަރިވަރުންނަށް ބުނެދިނުން ކަހަލަ ކަންކަން ކުރި ކަމަށެވެ.
އިކޮނޮމިކްސްއިން އެއް ވަނަ ހޯދި ދަރިވަރު އެހެން ކުދިންނާ ތަފާތުވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ކިޔައިދޭ އެއްޗެއް ފަހުމުވެ، އެ ދަރިވަރަށް އެނގެންދެން އެކައްޗެއް ރިޕީޓު ކުރުން ކަމަށެވެ. އެ ދަރިވަރަކު ކިޔެވުމަށް ކުރާ މަސައްކަތަކީ އަމިއްލައަށް ކުރާ ކަންކަން ކަމަށް ވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޕާސްޕޭޕަރު ހެދުމާއި ސާމްޕަލް ޖަވާބުތައް ހިއްސާ ކުރުމާއި އެއް ކުއްޖަކު ހަދާ މިސްޓޭކުތައް ރަނގަޅުކުރަންވީ ގޮތް ކިޔައިދިނުމާއި ޓެސްޓުގައި ގެންގުޅޭނެ ބައެއް ކަހަލަ އުކުޅުތައް ކިޔައިދިނުމަކީ ވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"ޕާސްޕޭޕަރު އެންމެ ބޮޑަށް ޕްރެކްޓިސް ކުރެވިފައި ހުންނާނީ. ޓެސްޓު ފެށުމުގެ ކުރިން ހުންނާނެ އޭގެ ކުރީ 5 ނުވަތަ 6 އަހަރުގެ ޕޭޕަރުތައް ޕްރެކްޓިސް ކުރެވިފައި. އެމްސީކިޔު ޕޭޕަރު ވެސް އެއީ ގާތްގަނޑަކަށް 700އަށް ވުރެ ގިނައިން ހެދިފައި ހުންނާނެ،" ހަމަ އެކަނި އައްޔާޝް އިކޮނޮމިކްސް ޓިއުޝަނުގައި ކުރި މަސައްކަތް ކިޔައިދެމުން އޭނާ ވިދާޅުވި އެވެ.
"ރަނގަޅު ނަތީޖާ ހޯދަން ދަރިވަރުގެ ވިސްނުން ބަދަލުވާން ޖެހޭ"
އައްޔާޝް ހޯދި ފަދަ ނަތީޖާއެއް ނެރެވޭނީ އެކަމަށް މަސައްކަތް ކުރަން ފެށުމުގެ ކުރިން ދަރިވަރު ވެސް އެކަމަށް ތައްޔާރުވެގެން ކަމަށް އޭނާ ދެކެ އެވެ. އެގޮތުން ޓީޗަރު އެ ދަރިވަރަށްދޭ "ފީޑްބެކް" ބަލައިގަނެ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ދަރިވަރު މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށް އިބްރާހިމް ދެކެ އެވެ.
ކިޔަވައިދެމުންދާއިރު އާއި ފިލާވަޅު ނަގައިދީ ނިންމުމަށްފަހު ވެސް ދަރިވަރަށް ފަހުމުވާނެ ގޮތަށް އެ ދަރިވަރު އަމިއްލައަށް ނޯޓް ހެދުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ދެކެ އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް އެންމެ ބޭނުންތެރި ކަމަކީ ދަރިވަރު އެކަމަށް ބޭނުންވެގެން ކިޔަވަން ފެށުމެވެ.
"އެންމެ ފުރަތަމަ ކަމަކަށް ކުއްޖާގެ ވިސްނުން ބަދަލުވާން ޖެހޭނެ. މަސައްކަތް ކޮށްފި ނަމަ ވާނެކަން. އެވަރަށް މަސައްކަތް ކުރާނެކަން. ޓީޗަރާ ގުޅިގެން މަސައްކަތް ކުރާނެކަން،" ބެޗްލާސް އޮފް ޓީޗިން އެކައުންޓް އެންޑް އިކޮނޮމިކްސް އާއި އެޑިޔުކޭޝަން ދާއިރާއިން މާސްޓާސް ނިންމާފައިވާ އިބްރާހިމް ވިދާޅުވި އެވެ.
އެ ކާމިޔާބީގެ ފަހަތުގައި އޮތީ ޓީޗަރާއި ދަރިވަރުގެ ގުޅުމާއި، ހުއްޓުމެއް ނެތް ބުރަ މަސައްކަތެވެ. ކިޔަވައިދިނުމުގައި ޓީޗަރު ގެންގުޅުނު އުކުޅުތަކަކީ ދަރިވަރުގެ ޝައުގުވެރިކަން އެ މާއްދާއަށް އިތުރުކޮށްދިން މައިގަނޑު ސަބަބެވެ.
ހަމައެކަނި ފޮތުގައި ހުންނަ އެއްޗެއް ކިޔައިދިނުމުގެ ބަދަލުގައި އަމަލީ ދާއިރާ އާއި ދުނިޔޭގެ އިގްތިސާދީ ހާލަތްތަކާ ގުޅުވައިގެން ފިލާވަޅުތައް ކުރިއަށް ގެންދިއުމަކީ ދަރިވަރުގެ ވިސްނުން ތަރައްގީވުމަށް އެހީތެރިވި ކަމެއް ކަމަށް އައްޔާޝް ފާހަގަ ކުރި އެވެ.
ސްކޫލުގެ ގަޑިތަކުގެ އިތުރުން އަމިއްލައަށް ރިސާޗްކޮށް، ގިނަ ވަގުތުތަކެއް ފިލާވަޅުތައް ދަސްކުރުމުގައި ހޭދަކުރި އެވެ. ކޮންމެ ދުވަހަކުވެސް ކުރިމަތިވާ ސުވާލުތަކާއި އޮޅުންނުފިލާ ކަންކަން ޓީޗަރާ ހިއްސާކޮށް އެކަންކަން ސާފުކުރުމަކީ އެ ދަރިވަރުގެ އާދައެކަށް ވެސް ހެދި އެވެ.
"ޓީޗަރު އަޅުގަނޑަށް ދެއްވި އިރުޝާދުތަކުން ވަރަށް ބޮޑަށް ހޯޕް ލިބުނު. އެ ބޭނުންވާ ޓާގެޓަށް މަސައްކަތް ކުރިން ސާގެ އެކްސްޕެކްޓޭޝަނަށް ދާން. އެއީ ސާގެ ވަރަށް ބޮޑު ޑްރީމެއްކަން އެނގޭ. އެ ޑްރީމް ފުލްފިލް ކޮށްދިނުމަކީ ވަރަށް ބޮޑު އުންމީދެއް. އެކަން ހާސިލް ކުރެވުމުން ވަރަށް އުފާވި،" އިކޮނޮމިކްސްއިން މުޅި ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރު ކިޔައިދިނެވެ.
މި ކާމިޔާބީއަކީ ހަމައެކަނި ދަރިވަރަކަށް ލިބުނު ވަނައެއް ނޫނެވެ.
މިއީ ޓީޗަރަކު ކުރި އިހުލާސްތެރި މަސައްކަތާއި ދަރިވަރަކު ދެއްކި ކިޔަމަންތެރިކަމާއި ހިތްވަރުގެ ނަތީޖާ އެވެ. މިއަދު ށ. އަތޮޅު ސްކޫލުގެ މި ޓީޗަރުގެ ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ. އަދި މިއީ އެހެން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.