ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސް އިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް އިތުރު ކޮށްފި އެވެ.
މި ބަދަލާއެކު، އެ އެއާލައިނުން މިހާރު ހަފުތާއަކު 11 ދަތުރު ރާއްޖެ އަށް ކުރާނެ އެވެ.
ދިވެހިންގެ މެދުގައި ވެސް މަގުބޫލު މަންޒިލަކަށް ވެފައިވާ ތުރުކީގެ ގައުމީ އެއައިނުން މީގެ ކުރިން ރާއްޖެ އަށް ކުރަމުން އައީ ހަފުތާއަކު ހަތް ދަތުރު ނުވަތަ ދުވާލަކު ދަތުރެކެވެ.
ޓާކިޝް އެއާލައިނުން އިތުރު ކުރި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުރާސްވފަތި އަދި ހޮނިހިރު ދުވަހުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓާކިޝް އެއާލައިނަކީ މި އަހަރުގެ މިހާތަނަށް ހަތްވަނަ އަށް އެންމެ ގިނަ މީހުން ދަތުރު ކުރި އެއާލައިނެވެ. އެ އެއާލައިނުން މިހާތަނަށް 56،712 މީހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.
ޑިސެމްބަރާއި ޖެނުއަރީ މަހަކީ ރައްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާ ދެ މަހެވެ. އެހެންވެ، ބައެއް އެއާލައިންތަކުން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރެ އެވެ.