ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފި އެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.
އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާ އަށް ލީކުކޮށްލައިފަ އެވެ.
އެ އޯޑިއޯގައި އަސްމާ އެދިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.
މުންދު އާއި ސަލްމާ އަށް މި ސަރުކާރުގެ އިސް ދެ މަގާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީކޮޅުގަ އެވެ.
މުންދު އާއި ސަލްމާގެ އިތުރުން އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް ވެސް ހުންނެވީ މި ސަރުކާރުގެ އިސް މަގާމެއްގަ އެވެ. އޭނާ ފަހުން ބަދަލު ކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.