(އޭއެފްޕީ)
ކްރިސްޓަލް ޕެލަސްއިން ރޭ ހޯދި ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބަކީ އެއް އަހަރުގެ "މަގު އޮޅުމަކަށް" ފަހު އަލުން "ހައްގު މަގާމަށް" އައުން ކަމަށް އެ ކްލަބްގެ ކޯޗު އޮލިވާ ގްލާސްނާ ބުނެފި އެވެ.
މެޗުގެ ދެވަނަ ހާފުގައި ޜޯން-ފިލިޕް މަޓެޓާ ކާމިޔާބުކޮށްދިން ލަނޑުން ރަޔޯ ވަޔެކާނޯގެ މައްޗަށް 1-0 އިން ކުރިހޯދައި، ޕެލަސް އިން ވަނީ އެ ޓީމުގެ ފުރަތަމަ ޔޫރަޕްގެ ތަށި އުފުލާލާފަ އެވެ. މި ކާމިޔާބީއާ އެކު އެ ޓީމަށް ވަނީ ޔޫރޮޕާ ލީގުން ވެސް ޖާގައެއް ކަށަވަރުވެފަ އެވެ.
ނިމިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކޮށްގެން ޕެލަސް އަށް މި ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގަ ލިބުނެވެ. ނަަމަވެސް ކްލަބްގެ ކޯ އޯނަރުގެ ޖޯން ޓެކްސްޓާގެ ކުންފުނި "އީގަލް ފުޓްބޯލް ހޯލްޑިންގްސް" އިން ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ މިލްކުވެރިކަން ވެސް އޮންނާތީ ޕެލަސް އަށް ޖެހުނީ ޔޫރޮޕާ ލީގުން ޖާގަ ދޫކޮށްލަށެވެ.
އެއީ އެއް މިލްކުވެރިކަމެއް އޮންނަ ދެ ކްލަބަކަށް އެއް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށް ޔޫއެފާގެ ގަވާއިދުގައި ލިޔެފައި އޮންނާތީ އެވެ. ކްލަބްތައް ހިންގުމާ ބެހޭ ޔުއެފާގެ އެ ގަވާއިދުތަކުގެ ސަބަބުން، ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތުން އެ ޓީމަށް ލިބުނު ޖާގަ ޔުއެފާއިން އަތުލި އެވެ.
"އަހަރެން ކުޅުންތެރިން ގާތު ބުނިން، އެފްއޭ ކަޕް ކާމިޔާބުކޮށްގެން ކަލޭމެންނަށް ހައްގުވާ އެއްޗެއް (ޔޫރޮޕާ ލީގު) މިހާރު ހޯދާށޭ،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގްލާސްނާ ބުންޏެވެ.
"މިއީ އެއް އަހަރުގެ ލަސްވުމެއް. ކްލަބަށާއި، ސަޕޯޓަރުންނަށް އަދި ކުޅުންތެރިންނަށް އެމީހުންނަށް ހައްގުވާ އެއްޗެއް މިހާރު ލިބިއްޖެ އެވެ. ބައެއް ފަހަރު އެހެން މަގަކުން ދާންޖެހުނަސް، މިހާރު އަހަރެމެން މިތިބީ އެ މަންޒިލުގައި."
ޕެލަސްއާ ގްލާސްނާ ހަވާލުވިއިރު އެ ކްލަބަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ނަމަވެސް، މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާނެކަން ޖެނުއަރީ މަހު އިއުލާންކުރި ގްލާސްނާ މިހާރު އެ ކްލަބް ދޫކޮށް އެދަނީ އެފްއޭ ކަޕާއި، ކޮމިއުނިޓީ ޝީލްޑް އަދި ކްލަބްގެ ފުރަތަމަ ޔޫރަޕްގެ ތަށި ވެސް ހޯދައިދިނުމަށްފަހު އެވެ.
"ސަޕޯޓަރުން އެމީހުންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް އަދި އެފަދަ ޖަޒުބާތުތަކެއް ހޯދައިދިނީތީ ޝުކުރު އަދާކުރާ އަޑު އަހަރެމެންނަށް ވަރަށް ގިނައިން އިވޭ. އަދި އަހަރެން ކުޅުންތެރިންނަށް ވެސް ޝުކުރު އަދާކުރިން، އެއީ އަހަންނަށް ވެސް ހަމަ އެފަދަ އިހުސާސެއް ކުރެވޭތީ،" ގްލާސްނާ ބުންޏެވެ.
"އެއީ އެ ކުޅުންތެރިން އަހަރެންގެ ހަޔާތަށް ވެސް ވަރަށް ފުރިހަމަ، ގަބޫލުކުރަން ދަތި ދުވަސްތަކެއް ގެނެސްދީފި. އެކަމުގެ އަގު އަހަރެން ވަރަށް ބޮޑަށް ވަޒަންކުރަމެވެ."
ގްލާސްނާ ބުނި ގޮތުގައި ޕެލަސްގައި އޭނާ ހޭދަކުރި ދުވަސްތަކަކީ "ކްރިސްޓަލް ޕެލަސްގެ ފޮތުން ކިޔާލަން ވަރަށް ރީތި" ބާބެކެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ބާބުތައް ވެސް އަންނާނެ" ކަމަށް އޭނާ ބުންޏެވެ.