ސޯޝަލް މީޑިއާގައި މަޝްހޫރު އަދި އަންހެނުންނަށް ނަފުރަތުކުރާ މީހެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރާ އެންޑްރޫ ޓޭޓް އާއި އޭނާގެ ކޮއްކޮ ޓްރިސްޓަން ޓޭޓް، އެމެރިކާގެ މަޔާމީން ހައްޔަރުކޮށްފި އެވެ.
ޔޫއެސް މާޝަލްސް ސާވިސްއާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެބެއިން ހައްޔަރުކުރީ އިނގިރޭސިވިލާތުގެ އެދުމަކަށް އެ ގައުމަށް ފޮނުވާލުމުގެ (އެކްސްޓްރަޑިޝަން) މަރުހަލާގެ ދަށުންނެވެ.
އިނގިރޭސިވިލާތުން މި ދެބެއިންގެ މައްޗަށް ވަނީ ރޭޕް ކުރުމާއި، މާލީ އަދި ޖިންސީ މަންފާ ހޯދުމަށް އިންސާނީ ވަގު ވިޔަފާރި ހިންގުމާއި، މާރާމާރީގެ އިތުރުން ކުޑަކުދިންގެ ބަދުއަހުލާގީ މަންޒަރު ދައްކުވައިދޭ ތަކެތި ގެންގުޅުމުގެ އާ ތުހުމަތުތަކެއް ކޮށްފަ އެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ދެބެއިން ހައްޔަރުކުރީ ސިއްރު ކޯޓު އަމުރެއްގެ ދަށުން ކަމަށްވުމުން، މައްސަލައިގެ ތަފްސީލުތައް ދެވޭކަށް ނެތެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ޓީއެމްޒީން އާންމުކުރި ވީޑިއޯއެއްގައި ފުލުހުން މި ދެބެއިންގެ އަތުގައި ބިޑި އަޅުވައިގެން ވެހިކަލަށް އަރުވާ މަންޒަރު ފެނެ އެވެ.
އިނގިރޭސިވިލާތުގެ ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) އިން ބުނި ގޮތުގައި، ޓޭޓްގެ ދެބެއިންގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ އަދަދު މަދުވެގެން 7 އަށް އަރާކަން، ފުލުހުންނަށް ލިބުނު އާ ހެކިތަކުން މިހާރު އެނގެ އެވެ.
މިހާރު މި ދެބެއިންގެ މައްޗަށް އިނގިރޭސިވިލާތުގައި 59 ދައުވާއެއް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 42 ދައުވާ ކުރަނީ އެންޑްރޫގެ މައްޗަށް ކަމަށްވާއިރު، 17 ދައުވާ ކުރަނީ ޓްރިސްޓަންގެ މައްޗަށެވެ.
މީގެ އިތުރުންވެސް، ޓޭޓް ބްރަދާސްގެ މައްޗަށް އިނގިރޭސިވިލާތުގައި ޓެކްސް އަށް މަކަރު ހެދުމާއި މަނީ ލޯންޑަރިންގެ ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން މި ދެބެއިންގެ ގާނޫނީ ވަކީލު ޖޯސެފް މެކްބްރައިޑް ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މުވައްކިލުންނަކީ ކުށެއް ނެތް ބައެއް ކަމަށެވެ. އަދި މިއީ އިދާރާތަކުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހިންގާ ޖަރީމާއެއް ކަމަށާއި، ކޯޓުގައި ހަގީގަތް ހާމަވުމުން ދެބެއިން މިނިވަންވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ވަކީލު ބުންޏެވެ.
އެންޑްރޫ، 39، އަދި ޓްރިސްޓަން އަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ރައްޔިތުންކަން ވެސް އޮންނަ ބައެކެވެ. މީގެ އިތުރުން އެމީހުން ދިރިއުޅެމުންދިޔަ ރޫމޭނިއާގައި ވެސް ކުޑަކުދިން ޓްރެފިކް ކުރުމާއި، ކުޑަކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެ ގައުމުގައި ވެސް ޝަރީއަތްތަކެއް ހިނގަމުންދެ އެވެ.
އެންޑްރޫ ޓޭޓް އަކީ ސޯޝަލް މީޑިއާގައި، ހާއްސަކޮށް އެކްސްގައި 10 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ، އަންހެނުންނާ ދެކޮޅު ވިސްނުންތަކާއި "އަލްފާ-މޭލް" ސަގާފަތް ފަތުރާ، މަޝްހޫރު ނަމަވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މީހެކެވެ.