އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާ ޗާގޯސްގެ ރަށްތައް މޮރިޝަސް އަތުން ގަތުމުގެ ޕްލޭނެއް އެމެރިކާ ސަރުކާރުން ކުރިއަށްގެންދާ ކަމަށް އެމެެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ އިނގިރޭސިވިލާތުގެ "ދަ ޓެލެގްރާފް" ނޫހުން ރިޕޯޓްކޮށްފި އެވެ.
ޓެލެގްރާފް ނޫހުން އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން އިނގިރޭސިންނާ މުއާމަލާތު ނުކޮށް، މޮރިޝަސްއާ ވާހަކަދައްކައިގެން ޗާގޯސް ގަންނަން ހުށަހަޅާނެ ޕްރޮޕޯސަލެއް އެމެރިކާ ސަރުކާރުން މިިހާރު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. ބޭނުމަކީ ސްޓްރެޓީޖިކް ގޮތުން މުހިއްމު އަތޮޅެއް ކަމަށްވާ ފޯޅަވަހީގެ ކޮންޓްރޯލް ހޯދުމެވެ.
އެ ރިޕޯޓްގައިވާ ގޮތުން އެމެރިކާގެ އެ ވިސްނުމަކީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ގެންގުޅުއްވާ ސިޔާސަތަށް ހިޔަނިއެޅިދާނެ ކަމެކެވެ. އަނެއްކޮޅުން، މޮރިޝަސް އަކީ އެމެރިކާގެ ވާދަވެރިންކަމަށްވާ ޗައިނާ އާއި އީރާނާ ގާތްގުޅުމެއް އޮންނަ ގައުމަކަށް ވާތީ އެެއީ އެމެރިކާއަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.
މައުލޫމާތު އެނގި ހުރި އޮފިޝަލަކާ ހަވާލާދީ ދަ ޓެލެގްރާފްގެ ރިޕޯޓްގައި ބުނި ގޮތުގައި ޗާގޯސްގެ ކޮންޓްރޯލް އެމެރިކާއަށް ހޯދަން އެގައުމުގެ ސަރުކާރުން އަންނަނީ އިނގިރޭސި ސަރުކާރާ ގަވައިދުން މަޝްވަރާކުރަމުންނެވެ.
"އެ ރަށްތައް [ޗާގޯސްގެ ރަށްތައް] ގަތުމަކީ އެމެރިކާއަށް ކުރިއެރުން ލިބޭނެ ހައްލަކަށް ނުވިޔަސް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް އަށް ސީދާ ގޮތެއްގައި އެ ހިޔާލު ހުށަހެޅުމުން އޭނާ ވަނީ އެކަން ރައީސްގެ ސަމާލުކަމަކަށް ގެންނަވާފައި،" މައުލޫމާތު ދިން މަސްދަރުން ބުނި ކަމަށް ޓެލެގްރާފްގެ ރިޕޯޓްގައި ބުންޏެވެ.
އެމެރިކާއިން މިފަދަ ވިސްނުމެއް ގެންގުޅޭ އިރު މުޅި ދުނިޔޭގައި ސްޓްރެޓީޖިކް ގޮތުން މުހިއްމު މިލިޓަރީ ބޭސްތައް ދަމަހައްޓަން އެމެރިކާގެ އެތެރެއިން ސަރުކާރަށް ގޮވާލާ ގޮވާލުންތަކުގެ އަޑު، އީރާނާ ދެކޮޅަށް އެގައުމުން ފެށި ހަނގުރާމައާ އެކު ވަނީ ގަދަވެފަ އެވެ.
އެމެރިކާގެ ބާރުގެ ދަށުގައި ފޯޅަވަހި އޮތުމަކީ ދުުރުރާސްތާގެ މަތިންދާބޯޓްތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭން ފަސޭހަވާނެ ކަމެކެވެ. "ބީ-2 ސްޕިރިޓް ސްޓެލްތު ބޮމްބާސް ބޭނުންކޮށްގެން އެމެރިކާއިން އެންމެ ފަހުން އީރާނަށް ދިން ހަމަލާތަކުގައި ވެސް ފޯޅަވަހި ބޭނުންކުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
މޮރިޝަސް އަށް ޗާގޯސް އަނބުރާ ދޭން އިނގިރޭސި ވިލާތުން ނިންމާފައި ވިޔަސް އެ ތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސި ވިލާތުން އޮތީ އެއްބަސްވުމުގައި ޝަރުތު ކޮށްފަ އެވެ. އިނގިރޭސި ސަރުކާރުން އެތަން ކުއްޔަށް ހިފާ އަގު ހާމަކޮށްފައި ނުވި ނަމަވެސް، އަހަރަކު 90 މިލިއަން ފައުންޑް (111 މިލިއަން ޑޮލަރު) ދައްކަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގެއް ނުކުރެ އެވެ.
ޓެލެގްރާފްގެ ރިޕޯޓްގައިވާ ގޮތުން ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ކަންބޮޑުވުމަކީ މޮރިޝަސްއަަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިއްޖެ ނަމަ ޗައިނާއިން ކަނޑުމަގުން ޖާސޫސޫސް ކުރުމުގެ ނުރައްކަލާ ކުރިމަތިވުމެވެ.
ޗާގޯސް ރަށްތަކުގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ދޫކޮށްލައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް ނިންމައި އެކަން މި ވަގުތަށް އޮތީ މަޑުޖައްސާލައިފަ އެވެ.