މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި އަންހެނަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި އެމެރިކާގެ އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްގެ ކުރީގެ އަންހެނުން މެކެންޒީ ސްކޮޓް ކަމަށް ބްލޫބާގުން ބުނެފި އެވެ.

ބްލޫމްބާގް ބިލިއަނާޒް އިންޑެކްސްގައި ބުނާގޮތުން 50 އަހަރުގެ މެކެންޒީގެ މިލްކިއްޔާތު މިހާރު 68 ބިލިއަން ޑޮލަރަށް އަރަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓްގައި އެންމެ ފުރަތަމަ މެކެންޒީ ހިމެނުނީ މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އާއި ބެޒޯސްގެ 25 އަހަރު ކައިވެނި ރޫޅައިލި އިރު ބަދަލެއްގެ ގޮތުން ލިބުނު ތަނަވަސްކަމާ އެކީގަ އެވެ.

އެ ދެ މީހުންގެ ކައިވެނި ރޫޅައިލި އިރު، އެމެޒޯންގެ ހަތަރު ޕަސަންޓް ހިއްސާއާ އެކު 38 ބިލިއަން ޑޮލަރު ލިބުނެވެ.

ޚައިރާތަށް 1.7 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާކަން ޖުލައި މަހުގެ ތެރޭގައި އިއުލާންކުރި މެކެންޒީ އަށް ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާގެ މަގާމު ލިބުމުގެ ކުރިން އެ މަގާމުގައި އޮތީ ފްރާންސްގެ މަޝްހޫރު ކުންފުނި ލޯރިއަލްގެ ފްރާންކޮއިޒް ބެޓެންކޯޓް މޭޔާޒް، 67، އެވެ. އޭނާގެ މިލްކިއްޔާތަކީ 66.8 ބިލިއަން ޑޮލަރެވެ.

އެންމެ މުއްސަނދި އަންހެނުންގެ ތިން ވަނަ މަގާމުގައި އޮތީ ވޮލްމާޓްގެ ހިއްސާ އޮންނަ އެލިސް ވޮލްޓަން، 70، އެވެ. އޭނާގެ މިއްކިއްޔާތު 54.4 ބިލިއަން ޑޮލަރަށް އަރަ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ބެޒޯސްގެ މިލްކިއްޔާތު މިހާރު 205.6 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ އަކީ 200 ބިލިއަން ޑޮލަރު ހުރަސްކުރި ފުރަތަމަ މަހުޖަނު ވެސް މެ އެވެ.

މެކެންޒީ އާއި ބެޒޯސްގެ ކައިވެނި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ރޫޅައިލި އިރު، ހަތަރު ދަރިން ލިބިފައިވެ އެވެ.