ނޭޝަނަލް ލައިބްރަރީގައި ހިންގަމުން އައި އެމެރިކަން ސެންޓަރު އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

އޮލިމްޕަހުގެ އިރުމަތިން އޮންނަ ގޯޅީގައި ހުންނަ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ހިންގާ އިމާރާތަށް އެ ސެންޓަރު ބަދަލުކޮށް އެ ތަން މިއަދު ހުޅުވައިދެއްވީ އެމެރިކާ އިން ރާއްޖެއަށާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕެވެ.

އެމެރިކަން ސެންޓަރު ހުޅުވައިދެއްވުމަށްފަހުު އެމެރިކާ ސަފީރު އަތުލް ކެޝަޕު، ވާހަކަދައްކަވަނީ--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމެރިކަން ސެންޓަރު ހުޅުވައިދެއްވުމަށްފަހުު އެމެރިކާ ސަފީރު އަތުލް ކެޝަޕު، ވާހަކަދައްކަވަނީ--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ސެންޓަރަކީ 2004 ވަނަ އަހަރުން ފެށިގެން ޒުވާނުންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތައް ހިންގަމުން އަންނަ ތަނެކެވެ. އެގޮތުން ލީޑަޝިޕްގެ ހުނަރުތަކާއި އިނގިރޭސި ބަހުން ވާހަކަދައްކަން ދަސްކޮށްދިނުން ފަދަ ހަރަކާތްތައް ހިންގަ އެވެ.

އެމެރިކަން ސެންޓަރުން ކޮމްޕިއުޓާ ވޯކްސްޓޭޝަނާއި އައިޕެޑާއި ތަފާތު ފޮތްތައް ކިޔޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އެމެރިކާ އެމްބަސީން ބުނީ އާ ތަނަކަށް ބަދަލުވެ އެ ތަން ތަރައްގީކުރަަން އެއް ލައްކަ ޑޮލަރަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށެވެ.

އެމެރިކަން ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން: އާ ސެންޓަރު ހިންގާނީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ އިމާރާތުގައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމެރިކަން ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން: އާ ސެންޓަރު ހިންގާނީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ އިމާރާތުގައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ކެޝަޕް ވިދާޅުވީ އެމެރިކާއަކީ ރާއްޖޭގެ ބައިވެރިއެއް ކަމަށާއި އެ ގައުމުން އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ގާއިމްކުރަން ރާއްޖެ އިން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އަދި ސުލްހަވެރި އަމާން އަދި ޑިމޮކްރެޓިކް ގައުމެއްގައިގެ ގޮތުގައި ރާއްޖެ އޮތުމަށް ބޭނުންވާ ކަަމަށް ވެސް ވިދާޅުވި އެެވެ.

"ރާއްޖެއާއެކު އެމެރިކާ އިން އަބަދު ވެސް ދެމިއޮންނާނެ. އެމެރިކާ އިން ރާއްޖެއާ މެދު ދެކެނީ ފުދުންތެރި، ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައި،" ކެޝަޕް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ އެމެރިކަން ސެންޓަރުން ރާއްޖޭގައި ކުޅިވަރަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެމުން އަންނަ ކަމަށެވެ.