މުސްލިމުންނާ އިދިކޮޅު އަދި ހިންދީންގެ ހަރުކަށި ދީނީ ބޭފުޅަކު، އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް އައްޔަންކުރެއްވުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

މިދިއަ ހަފުތާގައި އިއުލާންކުރި ސްޓޭޓް އިންތިޚާބުގެ ނަތީޖާގައި ބޮޑު ކާމިޔާބީއެއް ހޯދި ބީޖޭޕީން އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް ވަކި ބޭފުޅަކު ކެމްޕޭންކުރައްވާފައެއް ނުވެ އެވެ. މުޅި އިންތިޚާބު ބިނާކުރެއްވީ މޯދީ އަށެވެ. އަދި 200 މިލިއަނުގެ އާބާދީއެއް އޮންނަ ސްޓޭޓުން އެހާ ބޮޑު ކާމިޔާބީއެއް، ވެރިކަންކުރާ ބީޖޭޕީ އަށް ލިބުނީ މޯދީ އަށް ރައްޔިތުން ކުރި އިތުބާރެއްގެ ސަބަބުންނެވެ.

އެންމެ ފަހުން ޗީފް މިނިސްޓަރަކަށް މޯދީ ޚިޔާރުކުރެއްވި ޔޯގީ އަދިތުޔަނާތަކީ މުސްލިމުންނާ އިދިކޮޅު އެތައް ވާހަކަތަކެއް ދައްކަވާފައިވާ ބޭފުޅަކަށް ވާތީ އެއީ އެއްގޮތަކަށް ވެސް ރަނގަޅު ނިންމެވުމެއް ނޫން ކަމަށް ބުނެ އެތައް ބަޔަކު މިހާރު ދަނީ ފާޑުކިޔަމުންނެވެ.

އެކަމަކު ބީޖޭޕީން ބުނާ ގޮތުގައި މިއީ ބީޖީޕީގެ ތާރީޚުގައި ވެސް ވަރަށް މުހިންމު ވަގުތުކޮޅެކެވެ.

"އަހަރެމެންގެ އަމާޒަކީ ތަރައްގީ، ރަނގަޅު ސަރުކާރެއް ހިންގުން، އަދި ވަކި އިޖުތިމާއީ ގޮތުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުން،" މައި ސަރުކާރުގެ އިންފޮމޭޝަން އަދި ބްރޯޑްކާސްޓިން މިނިސްޓަރު ވެންކައިއާ ނައިދޫ ވިދާޅުވި އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަދިތުޔަނާތު އައްޔަންކުރުމުގެ ބޭނުމަކީ މިހާރަށް ވުރެ ވެސް ހާލަތު ގޯސްކުރުމެވެ.

އުއްތަރަ ޕްރަދޭޝްގެ ކެމްޕޭނުގައި ބޮޑުވަޒީރު މޯދީ ވަރަށް އިސް ދައުރެއް އަދާކުރެއްވި
އުއްތަރަ ޕްރަދޭޝްގެ ކެމްޕޭނުގައި ބޮޑުވަޒީރު މޯދީ ވަރަށް އިސް ދައުރެއް އަދާކުރެއްވި

އުމުރުން 44 އަހަރުގެ އަދިތުޔަނާތު ވަނީ މުސްލިމުންނާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހު ރުކް ހާނަކީ، ޕާކިސްތާނުގެ ޓެރަރިސްޓެއް ކަމަށްވާ ހާފިޒު ސައީދުއާ އެއްވަރުކުރެއްވި އެވެ. އަދި ޔޯގާއާ ދެކޮޅު އެހެން ދީންތަކުގެ މީހުން އިންޑިއާ ދޫކޮށް ދާން ވެސް އޭނާ ގޮވާލެއްވި އެވެ.

މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރުނުކުރެވޭ ގޮތަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރަށް ވެސް އަދިތުޔަނާތު ތާއީދުކުރެއްވި އެވެ. އަދި އެކަހަލަ ފިޔަވަޅެއް އިންޑިއާ އިން ވެސް އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ސަރުކާރު ހިންގަން ޖެހޭނީ ދީނީ ފިކުރުތަކާ ނުލައިކަމަށް ވަކާލާތުކުރާ ސިޔާސީ މީހުންނާއި ފާޑުކިއުންތެރިން ސުވާލުކުރަނީ އެ މަގާމަށް އަދިތުޔަނާތު އައްޔަންކުރީ ކީއްވެގެން ހެއްޔެވެ؟ އަނެއްކޮޅުން ހިންދީންގެ ހަރުކަށި މީހުން ކުރާ ސުވާލަކީ އޭނާ އައްޔަން ނުކުރަންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގައި ގިނަ ގޮނޑި ލިބިފައި ވަނީ އުއްތަރަ ޕްރެދޭޝްއަށެވެ. އެހެންކަމުން އެ ސްޓޭޓްގެ އިންތިޚާބު، 1980ގެ ފަހުން އެހެން ޕާޓީއަކަށް ހޯދިފައިނުވާ ވަރުގެ ކާމިޔާބީއަކާ އެކު ބީޖޭޕީން ނިންމާލުމަކީ، 2019ގެ އާންމު އިންތިޚާބަށް ވާއިރަށް މޯދީ އަށް ލިބިވަޑައިގެންނެވި މުހިންމު ފުރުސަތެކެވެ.