ބުދަ ދުވަހާ ގުޅޭ

"އޭނަޔާ އެއްކޮށް މިހާރު ކިތައް ރޭ ނިދައިފިން؟" މަލާމާތާއި ޝަކުވާގެ ރާގެއްގައި ޒާހިރު ބުންޏެވެ.

ވަރަށް ކުރަކި ޖަވާބެއް ދޭން ރިފާ ހިތަށްއެރިއެވެ. އެ ކަހަލަ ސުވާލެއް އަހަން ޒާހިރަށް ކެރުނީތީއެވެ. ހުރިހާ އަކުރެއްގައި ފިލިޖަހައިގެން ޒާހިރުގެ ހިތަށް ތަދުވާނެ ކަހަލަ ޖަވާބެއް ރިފާއަށް ދެވިދާނެއެވެ. މިހާދާ އެކުގައި ރިފާ ހޭދަކުރި ހުރިހާ ވަގުތެއްގެ ޔައުމިއްޔާ، ސިކުންތުން ސިކުންތަށް ތަފުސީލާ އެކުގައި ޒާހިރަށް އިއްވިދާނެއެވެ. އެ ކަން ކުރަން ރިފާއަށް ކެރޭނެއެވެ. އެ ހަނދާންތައް ހުރީ ނުފިލާނެ އަކުރުތަކަކުން ރިފާގެ ހިތުގައި ބިންވަޅު ނެގިފައެވެ.

"ޒާހިރަށް ކެރޭނެތަ އަޑުއަހަން؟" ހިތާމައާއި ނަފުރަތު އެކުލެވިފައިވާ އަޑަކުން، މަޑުމަޑުން ރިފާ ބުންޏެވެ. "ތިހާ ގޮތްކުޑަ ސުވާލެއް ޒާހިރަށް އަހަން ކެރެންޏާ، ހަމަ ތިހާ ގޮތްކުޑަ ޖަވާބެއް ވެސް އަހަންނަށް ދެވިދާނެ. ދެ ފިރިން އަޅައިވެސް ކިއިދާނެ. އެކަމަކު އޭރުން ހަމަ ޒާހިރުގެ ހިތަށް ތަދުވާނީ."

ރިފާ ނުދެއްކި ވާހަކަތަކުގައި ފޮރުވިފައިވާ ޖަވާބު ޒާހިރަށް އިވުނު ކަހަލައެވެ. ހަމަ ބިމަށް ޒާހިރު ތިރިވީ އެ ހިސާބުންނެވެ. ޒާހިރަކީ ކުރިން އެ ކަހަލަ ދަށް ފެންވަރުގެ ވާހަކަދައްކާ މީހެއް ނޫނެވެ. ޒާހިރަކީ ވަރަށް އޯގާތެރި، ދުރުވިސްނޭ ފިރިއެކެވެ. ޒިންމާދާރު ބައްޕައެކެވެ. ޒާހިރު ރުޅިއައިސްގެން ގޮސް ފަޅައިގެންދާ ކަހަލަ އެއްޗެއް ރިފާ ނުބުނި ނަމަ ނުބުނީ މަސްލަހަތަށް ބަލައިފައެވެ. ޒުވާބެއްގައި ކުރި ހޯދުމަކީ އަނެކާ އަނގަ ބަންދުކޮށްލުމެއް ނޫނެވެ. މަދުން ވާހަކަދައްކައިގެން ވިޔަސް ނުވަތަ މަޑުން ވާހަކަދައްކައިގެން ވިޔަސް ޒުވާބު ފިނިކުރެވިއްޖެ ނަމަ އެއީ ކާމިޔާބެކެވެ.

"ތި ކަހަލަ އެއްޗެހި ޒާހިރަކާ ނުވެސް ގުޅޭ!" އިސްޖަހައިލަމުން، މަޑުމަޑުން ރިފާ ބުންޏެވެ. "ޒާހިރު ހާދަ ބަދަލުވެއްޖޭ! އަހަންނަށް ހީވަނީ އެހެން މީހަކާ ވާހަކަދެއްކޭހެން. ހިތަށްއަރާ ޒާހިރަށް ވެސް ފަހަރި އެއްޗެއް ކާންދިނީބާއޭ!"

ޒާހިރުގެ ސިކުނޑީގައި މާޒީ ޓަކިޖަހައިލި ކަހަލައެވެ. އެކަމަކު ޒުލްފާގެ އެތިފަހަރުން ޒާހިރު ސަލާމަތްވެއްޖެއެވެ. މައިތިރި ހަދައި ރައްކާތެރިވެވިއްޖެއެވެ.

"ރިފާ އެންމެ ލޯބިވި މީހާޔާ ހެދި ރިފާގެ ފައި ބިންދައިގެން ގޮސް އެނދެއްގަ މިހެން އޮންނަން ޖެހުނީމަ ރިފާއަށް ވެސް އެނގޭނީ ކިހާ އެއްޗެއް ހިތަށްއަރާކަން،" އެ ފަހަރު ޒާހިރުގެ އަޑުގައި އެކުލެވިގެންވީ ހިތާމައިގެ އަސަރެވެ. "މަ ބޭނުމެއް ނޫން މިހާދުގެ ދަރިއެއް ރިފާ ވިހާކަށް. އެހެންވެ ރިފާ ބަނޑުބޮޑުތޯ އަހަރެން ބަލަން ޖެހޭ! މާދަމާ ކަންނޭނގެ ރިފާ ބުނާނީ މަ ބަނޑުބޮޑޭ ދެނެއް ވަރިއެއް ނުވެވޭނޭ! ރިފާ ހަނދާންކުރާތި! ތި އަނިޔާކުރަނީ އަހަންނަށް އެކަންޏެއް ނޫން. ރިފާ ތި ކުރާ ކަންތަކަށް ކެތް ނުކުރެވިގެން ނަޝްފާ އަތުންފައިން ގޯހެއް ހަދައިފިއްޔާ ހަމަ ރިފާ ޒިންމާވާން ޖެހޭނީ."

ނަޝްފާއަކީ ޒާހިރު ހީކުރާ ކަހަލަ ކުއްޖެއް ނޫނެވެ. ރިފާ ހިތަށްއެރިއެވެ. ކަންކަމަށް ކެތްކުރާހާ ހިތްވަރު ނަޝްފާގެ ކިބައިގައި ހުންނާނެއެވެ.

"ޒާހިރަށް ހީވެދާނެ އަހަރެން އުޅެނީ ބަހަނާއެއް ހޯދާށޭ،" ރިފާ މަޑުމަޑުން ބުނެލިއެވެ. "އެކަމަކު އަހަންނަށް ހީވަނީ އަހަރެން އެ ބަހަނާ ދައްކަން ވިސްނާ ނަމަ މި ތާކު އަހަންނެއް ނީންނާނެހެން. ޒާހިރަށް އަޑުއަހަން ކެރެންޏާ އަހަރެން..."

ރިފާއަށް ފޯނެއް އަންނަން ފެށުމުން ރިފާގެ ވާހަކަ މެދުކެނޑުނެވެ. ފޯނަށް އަރާފައި އޮތީ މިހާދުގެ ނަމެވެ. އެ ވަގުތު ރިފާގެ ފައިން ފެށިގެން ބޮލާ ހަމައަށް ފިނިވެގެންދިޔައެވެ.

"ކަންތަކާ ޖެހުނީ!" ޒާހިރު ހިތްހަމަނުޖެހިފައި ބުންޏެވެ. "މި ތަނަށް އައިތާ އަދި މިނެޓެއް ނުވޭ! މިހާރު ގުޅަން ފެށީ. މަ ބުނެފީމެއްނު ރިފާ ނާންނާށޭ. އަހަރެން ބޭނުމެއް ނޫން އަހަރެން ކުރިމަތީގަ ތި ދެ މީހުން ޗުކުޗުކުލައްވާކަށް. ތިހާ ދެއްކުންތެރި.."

ޒާހިރު ވާހަކަދައްކަދައްކާ އޮއްވައި ރިފާ ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ. އެ ފޯނުކޯލު ރިފާއަށް ވަރަށް މުހިންމެވެ.

"އާނ ކީކޭ!" ފޯނު ނަގައިފައި ރިފާ ބުންޏެވެ.

މިހާދު ވާހަކައެއް ނުދައްކައެވެ. ފޯނު ހިފާއްޓައިގެން އިނީއެވެ. ވާހަކަދައްކަން އަނގަ ހުޅުވައިލައިފި ނަމަ ދެން ވާނެ ގޮތް މިހާދަށް ވިސްނެއެވެ. މިހާދު މަސައްކަތްކުރީ ހިތްވަރު ހޯދާށެވެ.

"ހަލޯ!" ރިފާ ވަރަށް ލޯތްބާއެކު ބުންޏެވެ. "މިހާދު!"

އަނގައިން ބުނާނެ ހިތްވަރެއް މިހާދަކަށް ނުލިބުނެވެ. ތިން ފަހަރު މަސައްކަތް ކޮށްގެން ވެސް އެންމެ ލަފުޒެއް ވެސް މިހާދުގެ ދުލަކުން ބޭރެއް ނުވިއެވެ. މިހާދު ފޯނު ކަނޑައިލިއެވެ. އެ ވީ ކިހިނެއްކަން ރިފާއަށް ވިސްނުނެވެ. ނަޝްފާ އެއްބަސްނުވީކަމާއި، އެ ވަގުތު މިހާދު ކިހާ ދެރަވާނެކަމާއި، ކިހާ އެކަނިވެރިވާނެކަން ވެސް ވިސްނުނެވެ. އެކަމަކު އެންމެ މީހަކު ދެ މީހުން ގާތުގައި، އެއް ވަގުތެއްގައި ހުންނާނީ ކިހިނެއް ހެއްޔެވެ؟ ދެ މީހުން ރުއްސާނީ ކިހިނެއް ހެއްޔެވެ؟ ދެން އައީ މެސެޖެކެވެ. މިހާދުގެ މެސެޖެކެވެ. ރިފާ މެސެޖު ހުޅުވައިލިއެވެ.

"ވަރަށް ވަރަށް ލޯބިވޭ!" އެ މެސެޖުގައި އޮތެވެ. "ވަރަށް ވަރަށް ހަނދާންވާނެ."

އެއްވެސް ހިފެހެއްޓުމެއް ނެތި ރިފާއަށް ރޮއިގަނެވުނެވެ. އަމިއްލައަށް އަނގަމަތީގައި އަތް ނޭޅި ނަމަ ޒާހިރަށް އަޑުއިވުނީހެވެ. ރިފާ ކޮޓަރިން ނުކުތެވެ. އެކަހެރި ވެވޭނެ އެންމެ ބޮޑަށް އެކަހެރި ވިއެވެ. މިހާދަށް ގުޅިއެވެ. ވަގުތުން މިހާދު ފޯނު ނެގިއެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ.

"ކޮންތާކު؟" ރިފާ ސުވާލުކުރިއެވެ. "އާދެ މަ ބަލާ!"

ރިފާ ބޭނުންވީ އެ ވަގުތު މިހާދު ގާތުގައި ހުންނާށެވެ. މިހާދު ޖަވާބެއް ނުދީ ފޯނު ކަނޑައިލިއެވެ. ރިފާ ބަލާ ދާކަށް މިހާދު ބޭނުމެއް ނޫނެވެ. ގެއަށް ދާކަށް ވެސް މިހާދު ބޭނުމެއް ނޫނެވެ. މިހާދު ދިޔައީ މޫދު ކައިރިޔަށެވެ. އެ ވަގުތަކީ މީހުން މޫދުކައިރިއަށް ދާ ވަގުތެއް ނޫނެވެ. ވާޓަރު ކައިރިއަށް ކާރު މަޑުކޮށްލައި ކާރުގެ ގޮނޑި ކުޑަކޮށް ތިރިކޮށްލިއެވެ. އަދި ގޮނޑީގައި މިހާދު ހަމަޖެހިލިއެވެ. ވިސްނައިލިއެވެ. މިހާދު ސަދަގާތް ކުރިއެވެ. ދުއާކުރިއެވެ. އެ ވަރުން ވެސް ރިފާ ގެއްލެނީއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ރިފާ ދިޔުމުން މިހާދު ވަރަށް އެކަނިވާނެއެވެ. އެހެން މީހެއްގެ އަންބަކަށް ރިފާ ވުމުން ވަކިން ބޮޑަށް މިހާދު ބާކީވާނެއެވެ. އޭގެ ފަހުން މަގުމަތިން ރިފާ ފެނިއްޖެ ނަމަ މިހާދަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ ވަގުތު ރިފާގެ މެސެޖެއް ލިބުނެވެ.

"އަޅެ އާދެބަލަ އަހަރެން ބަލާ!" ރިފާ އެދިފައި އޮތެވެ.

މިހާދު ޖަވާބެއް ލިޔަން އުޅެފައި ފޯނު ބޭއްވިއެވެ. ފުން ނޭވައެއް ބޭރުކޮށްލިއެވެ. މިހާދު ޖެހޭނީ އެކަނި އުޅެން ދަސްކުރާށެވެ. ފަރިތަކުރާށެވެ. އެ ދުވަސް އޮތީ ވަރަށް ކައިރީގައެވެ. އެކަމަކު މިނެޓެއް ނުވަނީސް މިހާދު ފޯނު ނެގިއެވެ. ރިފާ ދެކިލާ ހިތުން ކެތްނުވެގެންނެވެ. އަދި ފޯނުގައި އޮތް ރިފާގެ ފޮޓޯ ބަލައިލިއެވެ. އެއީ އިންޑިޔާއަށް ފުރަތަމަ ދިޔަ ފަހަރު ރިފާ ނިދާފައި އޮއްވައި ނެގި ފޮޓޯއެކެވެ. ރިފާގެ ހަމަ އެކަނި ފޮޓޯއެވެ. އެ ފޮޓޯއަށް ބަލަން އެތައް އިރަކު މިހާދު އިނެވެ. ހިތަށްއެރިއެވެ. ފޮޓޯ އޮވެއްޖެއްޔާ ބެލޭނެއެވެ. ބަލަންޏާ ހިތަށް ތަދުވާނެއެވެ. ވަގުތުން ފޮޓޯ ފުހެލަން ފިތައިލިއެވެ. މެސެޖެއް އެރިއެވެ. އެއީ ފޮޓޯ ފުހެލަން ނުވަތަ ބާއްވަން މިހާދަށް ލިބުނު ފަހު ފުރުސަތެވެ. ރިފާގެ ފޮނި ހަނދާންތައް އެތައްމިތަނުން އައިސް މިހާދުގެ ސިކުނޑިއަށް ޖަމާވިއެވެ. ސިކުނޑި ބުނީ ފޮޓޯގަނޑު ބާއްވާށެވެ. ހިތް ބުނީ ފުހެލާށެވެ. މިހާދު އެހީ ހިތުގެ އަޑެވެ.

އެ ދުވަހު ޒާހިރުގެ ފައިގައި ރިއްސަން ފެށިއެވެ. ފުރަތަމަ ރިއްސީ ވަރަށް ކުޑަކޮށެވެ. އިސާހިތަކު ޒާހިރަށް ކެތް ނުވާ ވަރަށް ރިހުން ގަދަވިއެވެ. ޑަކުޓަރުން އައިސް ޒާހިރު ބަލައިފައި ވަގުތުން ސްކޭން ހަދަން ބޭނުންވިއެވެ. ރިފާ އެ ވާހަކަ ލިޔެފައި މެސެޖު ފޮނުވުމުން މިހާދު ހޮސްޕިޓަލަށް އައެވެ. އޭރު ނަޝްފާ ވެސް ހޮސްޕިޓަލުގައި ހުއްޓެވެ. ރިފާއަށް ހިތްވަރު ދީފައި މިހާދު ގުޅީ ބާރީއަށެވެ. ބާރީއަކީ ބަލިމީހުންގެ ކަންތައްތަކާ ހަވާލުވެގެން ހުންނަ އެންމެ އިސް ޑަކުޓަރެވެ. މިހާދުގެ ރައްޓެއްސެކެވެ. ބާރީޔާ ވާހަކަދައްކަން މިހާދު ދިޔައީ ރިފާޔާ އެއްކޮށެވެ. ބާރީ ބުނި ގޮތުގައި ޒާހިރަށް ދިމާވީ ވަރަށް ނާދިރު ހާލަތެކެވެ. ފައިން ބިނދުނު ބައި ޒާހިރުގެ ހަށިގަނޑު ބަލައިނުގަތީއެވެ. ހަށިގަނޑަށް ހީވަނީ އެ ބަޔަކީ ޒާހިރުގެ ބަޔެއް ނޫން ހެންނެވެ.

"އޮތީ ދެ ގޮތް،" ބާރީ ބުންޏެވެ. "އެއް ގޮތަކީ އެ ބައި ދޫކޮށްލުން. އޭރުން ފުރާނަ ސަލާމަތްވީ. އަނެއް ގޮތަކީ އެއީ އޭނަގެ ހަށިގަނޑުގެ ބައެއްކަން ހަށިގަނޑަށް ދަސްކޮށްދިނުން. މި ވަގުތު މި ހޮސްޕިޓަލަކުން ނެތް އެ ފަރުވާ ދެވޭކަށް. އެކަމަކު އިންޑިޔާ، ސިންގަޕޫރު، ބެންކޮކުން ވެސް އެ ފަރުވާ ހޯދިދާނެ. މައްސަލައަކީ ވަގުތު. ލަސްވާ ވަރަކަށް އިންފެކްޝަންގެ އަސަރު ފެތުރޭލެއް ބޮޑުވާނެ. އަދި ހުރީ ކަކުލުން ތިރީގަ. އުކުޅުވަޅާ ހަމައަށް ވެސް ހިނގައިދާނެ."

ރިފާ ރޯން ފެށިއެވެ. މިހާދު އަވަސްއަވަހަށް ރިފާ ގޮވައިގެން ބޭރަށް ނުކުތެވެ. ނަޝްފާޔާ ރިފާ ހަވާލުކޮށްފައި މިހާދު ފޯނު ނަގަމުން ދުރަށް ޖެހިލިއެވެ. ވީ ގޮތް އޮޅުންފިލުވަން ނަޝްފާ މަސައްކަތްކުރިއެވެ. ރިފާޔާ ވާހަކަދެއްކިއެވެ. އެކަމަކު ރިފާއަކަށް ވާހަކައެއް ނުދެއްކެއެވެ. މިހާދު ފޯނަށް ބަލަބަލައިފައި ނަންބަރުތަކަށް ގުޅާ ތަން ނަޝްފާއަށް ފެނެއެވެ. ނަޝްފާ ވިސްނައިލިއެވެ. މިހާދުގެ ހުށައެޅުން ނަޝްފާ ބޮލާލައި ޖެހިތާ އޭރު ހައެއްކަ ގަޑިއިރު ވެސް ނުވެއެވެ. އެހެނަސް، ނަޝްފާގެ ނިންމުމާ މެދު ނަޝްފާ ފަހުރުވެރިވެއެވެ. މިހާދުގެ ކެހިވެރި ރޭވުން ނަޝްފާއަށް ފަޅާއަރައިފިއެވެ. ނަޝްފާ ހުރީ އެ ވާހަކަ ރިފާ ގާތުގައި ބުނާނެ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. ނަޝްފާގެ ބައްޕައަށް މިހާދުގެ ފަރާތުން އެއްވެސް އެހީއެއް ލިބިދާނެ ކަމަކަށް ނަޝްފާ އުންމީދެއް ނުކުރެއެވެ. ދެން ފެނުނީ މިހާދު ނިކަން ބާރަށް އައި ތަނެވެ.

"ރިފާ! ފުރަން ތައްޔާރުވޭ!" މިހާދު ބުންޏެވެ. "އިންޑިޔާ އެއާ އެންބިއުލާންސެއް ހަމަ ދެންމެ އެ ނައްޓާލީ!"

ރިފާގެ ހިތް އުފަލުން ފޮޅުނެވެ. އެކަމަކު ނަޝްފާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.

ނުނިމޭ