ރައްޔިތުންނަށް ރަނގަޅު ގޮތުގައި ހިދުމަތް ދިނުމަށް ސަރުކާރުން ބޭނުންވާއިރު، ދައުލަތަށް ލިބޭ ފައިސާ އިން ވައްކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ބަޔަކު ދައްކާ ވާހަކަ ގަބޫލުނުކޮށް ވިސްނުން އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިންސާނާގެ ސިކުނޑި ރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭނަމަ ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ބޭނުމެއް ނެތް، އަޅުގަނޑުމެން އެއް ކުރާނެ އެއްޗެއް ވެސް ނެތް. ﷲ އަޅުގަނޑުމެންނަށް އާރާއި ބާރާއި މުދާ ކުރިން ވެސް ދެއްވި. އެހެންވީމަ ވައްކަން ކުރާނެ އެއްވެސް ބޭނުމެއް ނެތް،" އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ތިން މަސް ތެރޭގައި ފައިސާ ދެއްކުމަށް އިންޑިއާގެ ކޮމާޝަލް ބޭންކުން ލޯނުގެ ގޮތުގައި 50 މިލިއަން ޑޮލަރު ނެގި ކަމަށެވެ. އަދި އެ ފައިސާއިން ހިންގަން އުޅުނު ޕްރޮޖެކްޓް ނިންމާނުލެވި ލޯނު ވެސް ދެއްކިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ ހަލާކު ކުރުމަށް އިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވާކަން ތުހުމަތު ކުރައްވައި، ސިޔާމް ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ.
ރައީސް ޔާމީނަކީ ބޮޑުތަކުރުފާނު ފަދަ ލީޑަރެއް ކަން ސިފަ ކުރައްވަމުން ސިޔާމް ވިދާޅުވީ ގައުމަށް ޣައްދާރުވާ ރައީސުން މި ގައުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ.