ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ވިޔަފާރިވެރިންނަށް އެހީވުމަށް ތަކެތި ދޫކުރާ ސްކީމަށް ހޮވުނު ފަރާތްތައް ވަރަށް އަވަހަށް އިއުލާންކޮށް، އެ މީހުންނާ ފައިސާ އާއި އެއްޗެހި ހަވާލުކުރަން ފަށާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރެ އެވެ. މި ސްކީމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް އެ ފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ސްޕްޝަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވި ގޮތުގައި އެސްއެމްއީ ލޯނަށް ހުށަހެޅި 447 ފޯމުގެ ޓެކްނިކަލް އިވެލުއޭޝަން ފުރިހަމަކޮށް، ކޮމިޓީން ބަލަންޖެހޭ ކަންކަން ވެސް ވަނީ ނިންމާފަ އެވެ. މި މަސް ނިމުމުގެ ކުރިން އެ ލޯނު ލިބޭ ފަރާތްތައް އިއުލާން ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މި އަހަރު ތެރޭގައި ވެސް އެބަހުރި އެކި ލޯނު ޕްރޯގްރަމްތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް،" އިކޮނޮމިކް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުމްތާޒް ވިދާޅުވި އެވެ.

އެސްއެމްއީ ލޯނުގެ އިތުރުން މިދިޔަ އަހަރު ފަހުކޮޅު މުޅިން އަލަށް ތައާރަފްކުރި "ފަސޭހަ މަދަދު"ގެ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގާ މި ކްރެޑިޓް ސްކީމުން ފައިސާގެ ބަދަލުގައި ދެނީ ތަކެއްޗެވެ. އެ އެއްޗެހި ދެނީ ދަތުރުފަތުރާއި މަސްވެރިކަން އަދި ދަނޑުވެރިކަމުގައި އުޅޭ ފަރާތްތަކަށެވެ.

ޖުމްލަ 30 މިލިއަން ރުފިޔާގެ ބަޖެޓަކުން ހިންގާ ފަސޭހަ މަދަދަށް އެދި ފޯމް ހުށަހެޅި 119 ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ތެރެއިން 105 ފަރާތެއް އެދުނު ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މުމްތާޒް ވިދާޅުވި އެވެ. އޭގެ ތެރެއިން އަށް ފަރާތަކާ އެކު އެއްބަސްވުން އެކުލަވާލައި ނިމިފައި ވާއިރު، ދެން ތިބި މީހުންގެ ފަރާތުން އިތުރަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ކުރަން ފުރުސަތު ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާވެގެން ގޮސް، އެ ވިޔަފާރިތަކަކީ ދިވެހިރާއްޖޭގެ އިގްތިސާދުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ ފަރާތްތަކަކަށް ވާތީވެ، އެ ފަރާތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުން،" މުމްތާޒް ވިދާޅުވި އެވެ.