މަތިންދާބޯޓު ތެރެއަށް ވިހެއުން ނުވަތަ ފާޚާނާ ތެރެއަށް ވިހެއުން ފަދަ ކަންތައްތައް ދިމާވާ ބައެއް މީހުން ބުނަނީ ބަލިވެ އިންކަން ނުވެސް ދެނަހުރި ކަމަށެވެ. ނަމަވެސް އެކަން ގަބޫލުކުރުމަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް އުނދަގޫ ކަމަކަށްވެ އެވެ. މިފަދަ ޚަބަރެއް އިވޭ ކޮންމެ ފަހަރަކު "އެއީ ކިހިނެއްވާނެ ކަމެއް ހެއްޔޭ" ސުވާލުކުރެވެ އެވެ.
ނަމަވެސް ކްރިޕްޓިކް ޕްރެގްނަންސީ ނުވަތަ ނޭނގި ބަލިވެއިނދެ ދުވަސް ފުރާ ވިހެއުމަކީ އަހަރެމެން ހީކުރާ ވަރަށް ވުރެ މާގިނައިން ދިމާވާ ކަމެކެވެ.
"ދަ ކޮންވަޒޭޝަން" ކިޔާ މަޖައްލާއަކަށް އިނގިރޭސި ވިލާތުގެ ރޯޔަލް ކޮލެޖުގެ ފޫޅުމައެއްކަމަށްވާ ހެލެން ޗޭން ލިޔެފައިވާ އާޓިކަލެއްގައި މިކަން މިގޮތަށް ދިމާވެދާނެކަމަށާއި އެކަމުގެ ސަބަބުތައް އޮޅުން ފިލުވައިދީފައިވެ އެވެ. އަދި މިގޮތަށް ވިހާ މީހުން ހަދަނީ ދޮގެއްކަމަށް އެހާ އަވަހަށް ނިންމުން ރަނގަޅު ނޫން ކަމަށް ވެސް ހެލަން ބުނެފައިވެ އެވެ.ހަގީގަތަކީ، ބަލިވެ އިންނަ ކޮންމެ 2500 މީހެއްގެ ތެރެއިން އެކަކަށް މިކަން ދިމާވާ ކަމެވެ. އަދި އިނގިރޭސި ވިލާތުގައި އެކަނިވެސް އަހަރަކު 320 އަށް ވުރެ ގިނަ މީހުން ބަލިވެ އިންކަން ނޭނގި ވިހަ އެވެ.
މިގޮތަށް ގިނަ ފަހަރަށް ދިމާވެފައި ހުންނަނީ ބަލިވެ އިނުމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހޭލުންތެރި ނޫން މީހުންނާއި އެފަދަ ނިޝާންތައް އެއްގޮތަކަށްވެސް ނުފެންނަ މީހުންނަށެވެ.
ބައެއް މީހުން ބަލިވެ އިންކަމަށް ޝައްކު ކުރެވިއްޖެ ނަމަ ބޭސްފިހާރަތަކުން ލިބެން ހުންނަ ޕްރެގްނަންސީ ޓެސްޓް ކިޓް ގަނެގެން ޓެސްޓް ކުރެ އެވެ. މިފަދަ ޓެސްޓަކީ ވަރަށް ކަށަވަރު އެއްޗެއް ކަމަށް ހީވި ނަމަވެސް ގިނަ ފަހަރަށް މީގެ ނަތީޖާ އެހާ ކަށަވަރެއް ނޫނެވެ.
ބަލިވެ އިނުމުން ފެންނަ އަލާމާތްތައް
ބަލިވެ އިނުމާ ގުޅިގެން ފެންނަ އަލާމާތްތައް ނޭނގޭ ކުޑަ ކުއްޖަކުވެސް މިހާރު ނޫޅެނޭ ގިނަ ބަޔަކު ބުނެ އެވެ. ނަމަވެސް މިފަދަ އެއްވެސް ނިޝާނެއް ނުފެންނަ މީހަކު ހަދާނީ ކިހިނެއް ހެއްޔެވެ؟
ބަލިވެ އިނުމުގެ އެންމެ ކުރީކޮޅުގައި ފެންނަ އެއް ނިޝާނަކީ ޕީރިއަޑް ނުވުމެވެ. ކޮންމެ މަހަކު ގަވާއިދުން ޕީރިއަޑްވާ މީހަކު އެ ދުވަސް ފާއިތުވެ ދާއިރުވެސް ނުވެއްޖެ ނަމަ ބަލިވެ އިނީކަމަށް ޝައްކު ކުރެވެ އެވެ. ނަމަވެސް ގަވާއިދުން ޕީރިއަޑް ނުވަނީ ހަމައެކަނި ބަލިވެ އިނުމަކުން ނޫނެވެ. ޕީރިއަޑް ނުވާން ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. ސިއްހީ މައްސަލައެއްގެ ސަބަބުން ނުވަތަ ކެއުމުގައި ގެންގުޅޭ އާދަތަކުގެ ސަބަބުން އަދި ސްޓްރެސްގެ ސަބަބުން ވެސް ޕީރިއަޑް ނުވެ ހިނގައިދާނެ އެވެ.
ބައެއް މީހުން އިއްދައިން ކެނޑޭ ދުވަސްވަރާ ގާތްވުމުން ވެސް ޕީރިއަޑް ނުވެ އެތައް މަސް ދުވަހެއް ހުރެ އެވެ. އަދި ދޭތެރެ ދުރުކުރާ ބޭސް ކާ ބައެއް މީހުންގެ ވެސް ޕީރިއަޑް ލަސްވެ އެވެ.
ބަލިވެ އިންނަ މީހުންގެ ތެރެއިން އެއް ޕަސެންޓް މީހުންނަކީ ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ވެސް ގަވާއިދުން ކޮންމެ މަހަކު ލޭ އަންނަ މީހުންނެވެ. މިފަދަ މީހުންނަށް ބަލިވެ އިންކަން ނޭނގިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ ހެއްޔެވެ؟
ވަރަށް ގިނަ ޑްރާމާ ތަކާއި ފިލްމުތަކުގައި ވެސް ދައްކާ ގޮތުން ބަލިވެ އިންކަން އެނގެނީ ހެނދުނު ހޮޑުލެވެން ފެށީމަ އެވެ. ނަމަވެސް ހެނދުނު ހޭލާ ވަގުތު ހޮޑުލެވުމަކީ ބަލިވެ އިންނަ އެންމެންނަށް ދިމާވާ ކަމެއް ނޫނެވެ.
ބަރުދަން އިތުރުވާން ފެށުމަކީ ވެސް ބަލިވެ އިންކަމަށް ޝައްކު ކުރެވޭ ކަމެކެވެ. ނަމަވެސް ފަލަވަނީ ހަމައެކަނި ބަލިވެ އިނދެގެނެއް ނޫނެވެ. ބަލިވެ އިނީންސުރެ ވިހެއުމާ ދެމެދުގެ މުއްދަތުގައި އެވްރެޖްކޮށް ކޮންމެ މީހަކުވެސް 12.5 ކިލޯ ބަރުދަން އިތުރުވެ އެވެ. ނަމަވެސް ބައެއް މީހުން ނަސްލީ އަދި ސަގާފީ ގޮތުން ތަފާތު މީހުން ބަލިވެ އިނަސް މާބޮޑަށް ބަރުދަން އިތުރު ނުވާ މީހުން ތިބެ އެވެ.
ބަލިވެ އިނަސް ނުވަތަ ނޫނަސް ވަރަށް މަދު އެތިކޮޅެއް ކާ މީހުންގެ ބަރުދަން ބަލިވެ އިނުމުން މާބޮޑަށް އިތުރު ނުވެ ވެސް ހުރެ އެވެ. މިފަދަ މީހުން ވިހާ ދަރިންގެ ބަރުދަން ފުދޭ ވަރަކަށް ހުއްޓަސް މައިމީހާގެ ހަށިގަނޑު މާބޮޑަށް ފަލަނުވާ މީހުން ތިބޭ ކަން ވެސް ފާހަގަ ކުރެވެ އެވެ. އެހެންކަމުން މިއީ ވެސް ބަލިވެ އިންކަން ނޭނގި ހިނގައިދާނެ ސަބަބެކެވެ.
ގިނަ މީހުން ބަލިވެ އިންނަތާ 18 ހަފުތާ ނުވަތަ 20 ހަފުތާގައި ބަނޑުން ތޮޅެން ފަށަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބަނޑުން ތޮޅެން ފެށުމުން ބަލިވެ އިންކަން ނޭނގެންވީ އެއްވެސް ސަބަބެއް ނެތެވެ.
ނަމަވެސް ބަނޑުން ތޮޅެން ފަށާތާ ފުރަތަމަ ދުވަސްކޮޅު އެއީ ވައިގަނޑެއް ކަމަށް ހީވެ، ބަނޑުގައި ކުއްޖެއް އޮތް ކަން ނޭނގި ހިނގައިދާނެ އެވެ. ނަމަވެސް ބަނޑަށް ދުވަސްވާ ވަރަކަށް ކުއްޖާ ބޮޑުވެ މާގަދަޔަށް ބަނޑުން ތޮޅެން ފެށުމުން ބަލިވެ އިންކަން ނޭނގި ނުދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް ކްރިޕްޓިކް ޕްރެގްނަންސީ ނުވަތަ ބަލިވެ އިންކަން ނޭނގި ވިހާ ގިނަ ބަޔަކު ބުނަނީ އެމީހުންގެ ބަނޑުން އެއްގޮތަކަށް ވެސް ނުތޮޅޭ ކަމަށެވެ.
ސުވާލަކީ ބަލިވެ އިނދެގެން ދުވަސް ފުރޭއިރު ބަނޑުން ނުތޮޅި އޮވެދާނެ ހެއްޔެވެ؟
އާނއެކެވެ. ނަފްސާނީ މައްސަލައެއް ހުންނަ އަންހެނަކަށް ނަމަ ބަނޑުން ތޮޅުނަސް އެއީ ކުއްޖެއްކަން ގަބޫލު ނުކުރެވިދާނެ އެވެ. ނަފްސާނީ މައްސަލައެއް ނެތަސް ބަނޑުން ތޮޅޭކަން ނޭނގޭ މީހުން ތިބެ އެވެ. މިފަދަ މީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބަލިވެ އިންކަން ނޭނގި އެމީހުން ބޭނުންހާ އެއްޗެއް ކައި، ބޮއެ އަދި ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބޭ ކަހަލަ ކޮންމެ ފަދަ އަމަލެއް ވެސް ކުރެވިދާނެތީ އޮންނަ ނުރައްކަލެވެ.
ތަޖުރިބާކާރުން ވިދާޅުވަނީ ބަލިވެ އިނދެ ދުވަސްފުރެންދެން ވެސް ބަނޑުގައި މާބޮޑު ހަރަކާތެއް ނުކޮށްވެސް ބައެއް ކުދިން ތިބޭ ކަމަށެވެ. މިފަދަ ކުއްޖަކު ބަނޑުގައި އޮތަސް އެއީ ވައިގަނޑެކޭ ހިތާ ވެސް އަޅާ ނުލާ ހުރެވިދާނެ އެވެ.
ކޮންމެ އަންހެނަކަށް ވެސް ބަލިވެ އިނުމަކީ ވަރަށް ބޮޑު ބަދަލެއް އަންނަ އަދި ވަރަށް ގިނަ ތައްޔާރީތައް ވާން ބޭނުންވާ ވަގުތެކެވެ.