ޕްރީތީ ޒިންޓާގެ ކައިވެނީގެ ރިސެޕްޝަނުން ސަލްމާން ޚާނާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ އިއުލިއާ ވަންތޫރު އެކުގައި ފެނުމުން ދެން އިއުލިއާ އާއި ސަލްމާން ކައިވެނި ކުރަން މާގިނަ ދުވަހެއް ނެތް ކަމަށް ގިނަ ވަނީ ބުނަން ފަށާފަ އެވެ. ހަގީގަތުގައި ވެސް އެ ދެ މީހުން ކައިވެނި ކުރަނީ ހެއްޔެވެ؟ އިއުލިއާ މިހާރުއްސުރެ ސަލްމާންގެ އާއިލާގެ މެމްބަރަކަށް ވީ ހެއްޔެވެ؟ މި ސުވާލުތައް ގިނަ ބަޔަކު ކުރަމުންދާއިރު އަނެއް ބަޔަކު ކެތްތެރިކަމެއް ނެތި ހޯދަމުންދަނީ ސަލްމާނާއި އިއުލިއާ ކައިވެނި ކުރާ ތާރީހެވެ.

ސަލްމާންގެ ގާތް ބައެއް މީހުން ބުނަނީ އިއުލިއާ ގޮވައިގެން ސަލްމާން ބޭރުތެރެއަށް ނުކުތުމުގެ މާނައަކީ އެމީހުންގެ ކައިވެނި ކުރާ ދުވަސް ކަނޑައެޅުން ނޫން ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ދާދިފަހުން ބުނެފައިވަނީ ސަލްމާންގެ 51 ވަނަ އުފަން ދުވަސްކަމަށްވާ 27 ޑިސެމްބަރުގައި އިއުލިއާ އާއި ސަލްމާން ކައިވެނި ކުރަން ހަމަޖެހިއްޖެ ކަމަށެވެ.

ނަމަވެސް ސަލްމާންގެ ގާތް ބައެއް މީހުން ބުނަނީ ސަލްމާން އަދި އިއުލިއާ އަށް ޕްރޮޕޯސް ވެސް ނުކުރާ ކަމަށެވެ. އެހެންކަމުން ކައިވެނީގެ ތާރީޚު ކަނޑައެޅޭނީ ކިހިނެއްތޯ އެމީހުން ސުވާލު ކުރެ އެވެ. އެކަމަކު އެމީހުން ވެސް އެއްބަސްވާ ގޮތުގައި ސަލްމާން އިއުލިއާއާ ކައިވެނިކުރަން ގަސްދު ކުރެ އެވެ. ނަމަވެސް އެހާ އަވަސް އަރުވާލައިގެނެއް ނޫނެވެ. މަޑުމަޑުން ހުރިހާ ކަމެއް ވެސް ހަމަޔަކަށް އެޅުނީމަ އެވެ.

ޕްރީތީގެ ކައިވެނީގެ ޕާޓީން ސަލްމާނާއި އިއުލިއާއާ އެކު ފެނުމުން ކައިވެނިކުރަން އުޅެނީ ކަމަށް ހިތާ ގިނަ ބަޔަކު އޭނާއަށް ތަހުނިޔާ ކިޔަމުންދާތީ ސަލްމާން މިހާރު ހުރީ ތަންކޮޅެއް ހިތްހަމަނުޖެހިފައި ކަމަށްވެ އެވެ.

މިވަގުތު އަދި ސަލްމާން ކައިވެނީގެ ވާހަކަތައް މީޑިއާގައި އާންމު ނުކުރި ނަމަވެސް ވަރަށް އަވަހަށް އޭނާގެ ކައިވެންޏާ ބެހޭ ޚަބަރުތައް އިވިގެން ދާނެ ކަމަށްވެ އެވެ.

ކައިވެންޏެއް ނުކުރާނެކަމަށް ބުނަމުން އައި ސަލްމާންގެ ހިތް ކުއްލިއަކަށް ބަދަލުވީ ކީއްވެ ހެއްޔެވެ؟ ބައެއް ނޫސްތަކުން ބުނަނީ ސަލްމާންގެ މަންމަ ސަލްމާ ޚާން މިހާރު އުޅެނީ ވަރަށް ބަލިވެ ކަމަށާއި ސަލްމާން ކައިވެނިކުރާތަން ދުށުމަކީ އޭނާ މަންމަ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ސަލްމާން ކައިވެނި ކުރަން ވިސްނަން ފެށީ މަންމަ އެކަމަށް ވަރަށް ބޮޑަށް އެދޭތީ ކަމަށެވެ.

ދާދިފަހުން ސަލްމާނާއި އިއުލިއާ ސަލްމާންގެ މަންމަ ގޮވައިގެން ކޮންމެވެސް ތަނަކަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންޑިއާގެ ނޫސްތަކުން ފެނިފައިވެ އެވެ. މި ފޮޓޯތަކުގައި އިއުލިއާ ހުންނަނީ ސަލްމާންގެ މަންމަގެ އަތުގައި ހިފައިގެންނެވެ. ކައިވެނީގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މި ފޮޓޯތައް އާއްމުވުމުންނެވެ.