ސަލްމާން ޚާން ސިއްރު ސިއްރުން ކައިވެނި ކުރީ ހެއްޔެވެ؟ ނުވަތަ ކައިވެނި ކުރަން ރާވަނީ ހެއްޔެވެ؟ މިހާރު ސަލްމާން ކަންތައް ކުރަމުންދާ ގޮތުން ކައިވެނި ކުރަން އުޅޭ ކަމުގެ ބައެއް ހެކިތައް ދައްކަމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ.
މިދުވަސްވަރު އަނެއްކާވެސް ސަލްމާންގެ ކައިވެނީގެ ޚަބަރުތައް މާގިނައިން މީޑިއާތަކުން ދަނީ ފެންނަމުންނެވެ. އަދި މިކަމާ ބެހޭ ގޮތުން، ސަލްމާނުގެ ލޯބިވެރިޔާ ކަމަށް ބުނެވޭ އިއުލިއާ ވަންތޫރާ ވެސް މީހުން ދަނީ ސުވާލު ކުރަމުންނެވެ.
ސަލްމާން، 50، ރޫމޭނިޔާގައި ނިއުސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އިއުލިއާ ވަންތޫރު އާ ވަރަށް އަވަހަށް ކައިވެނި ކުރާނެކަމަށް މިހާރު މާގަދަޔަށް ވާހަކަ ދެކެވެން މެދުވެރިވި އެއް ސަބަބަކީ ސަލްމާންގެ ލޯބިވެރިޔާގެ ގޮތުގައި އިއުލިއާ ތައާރަފްކޮށްދީފައި ވުމެވެ. އަދި މިހާރު ސަލްމާން ދާ ޕާޓީތަކަށް ވެސް އޭނާއާ އެކު އިއުލިއާ ގެންދަން ފެށުމެވެ. މީގެ އިތުރުން އާއިލާގެ މީހުންނަށާއި ގާތް އެކުވެރިންނަށް ވެސް ލޯބިވެރިޔާގެ ގޮތުގައި އިއުލިއާ ތައާރަފްކޮށްދޭން ސަލްމާން ވަނީ ފަށާފަ އެވެ.
ނަމަވެސް ސަލްމާނާއި އިއުލިއާގެ ކައިވެންޏާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތައް އިއުލިއާ މިހާރު ވަނީ ދޮގުކޮށްފަ އެވެ. އިއުލިއާގެ އިންސްޓަގްރާމުގައި ލިޔެފައިވާ މެސެޖެއްގައި އޭނާވަނީ އޭނާއާ ގުޅޭ ގޮތުން ނޫސްތަކުގައި ލިޔަމުންދާ ތަފާތު ޚަބަރުތަކަކީ ދޮގެއް ކަމަށް ބުނެފަ އެވެ. އެގޮތުން އިއުލިއާ މީގެ ކުރިން މީހަކާ ކައިވެނި ކުރި ކަމަށް ބުނެ ފޮޓޯތަކަކާ އެކު ނޫސްތަކުގައި ޖެހި ޚަބަރަކީ ވެސް ދޮގެއް ކަމަށް އިއުލިއާ ބުނެފައިވެ އެވެ.
"އެކުވެރިންނޭ! އަހަރެންމީ ހަދައިހަދައިގެން ދައްކާ ފާޑުފާޑު ވާހަކަޔަށް އަޅާލާ މީހެއް ނޫން. ނަމަވެސް އަހަރެންގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ތަފާތު ވާހަކަތަކަށް ބުނަން ޖެހެނީ އަހަރެން މީގެ ކުރިން އެއްވެސް މީހަކާ ކައިވެންޏެއް ނުކުރަމޭ. އަދި އާ ކައިވެނީގެ ހެދުން އެހާ އަވަހަށް ލާކަށް ވެސް ގަސްދެއް ނުކުރަމޭ،" އިއުލިއާ ލިޔެފައިވެ އެވެ.
އިއުލިއާ އާއި އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ސަލްމާން ޚާން ވެސް ވާހަކަ ދައްކާފައިވެ އެވެ. ސަލްމާން ބުނެފައިވަނީ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެކަމާ ގުޅޭގޮތުން އާއިލާގެ މީހުންނާ ސުވާލު ނުކުރަން ސަލްމާން އެދިފައިވެ އެވެ.
ސަލްމާން މިހެން ބުނީ ދާދިފަހުން ސަލްމާންގެ ބައްޕަ އާއި ކޮއްކޮ ސުހައިލް މުމްބައިގެ ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ނޫސްވެރިންތަކެއް އެމީހުން ވަށާލައި ސަލްމާންގެ ކައިވެންޏާ ބެހޭ ގޮތުން ތަފާތު ސުވާލުތައް ކުރަން ފެށުމުން ސުހައިލް ކައިރިއަށް ރުޅިއައިސްގެން އެތަނުން މީހެއްގެ ގައިގައި ޖެހި ކަމުގެ ވާހަކަތައް ފެތުރިފައި ވަނިކޮށެވެ.
ސަލްމާން ބުނީ ކައިވެނިކުރުމަކީ އޭނާގެ ޒާތީ ކަމެއް ކަމަށާއި ކައިވެންޏެއް ކުރާނަމަ އޭނާގެ ފޭނުންނަށް ޓުވިޓާ މެދުވެރިކޮށް އަންގާލާނެ ކަމަށެވެ.