އިންޑިއާގެ ރާޖަސްތާން ސްޓޭޓަށް މިއީ އާދަޔާޚިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. އެ ސްޓޭޓުގެ ފިނިހޫނުމިން މި ހަފުތާގައި ވަނީ 51 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.

މޫސުމާ ބެހޭ އޮފިޝަލުން ބުނާ ގޮތުގައި މިއީ އިންޑިއާގައި ފިނިހޫނުމިނުގެ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން ހޫނުމިން އެންމެ މަތިވި ފަހަރެވެ. މީގެ ކުރިން އެންމެ ހޫނުގަދަވެފައި ވަނީ 1956 ވަނަ އަހަރު އެވެ. އެ ފަހަރު ހޫނުމިން ވަނީ 50.6 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.

އިންޑިއާގެ އަލަހުއާބާދުގެ ބަސް ސްޓޭޝަނެއްގައި ފެން ވިއްކަނީ. --ފޮޓޯ:އޭއެފްޕީ
އިންޑިއާގެ އަލަހުއާބާދުގެ ބަސް ސްޓޭޝަނެއްގައި ފެން ވިއްކަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ އުތުރުގެ ބައެއް ހިސާބުތަކަށް މި ދުވަސްވަރު ކުރިމަތިވެފައިވާ ހީޓްވޭވުގައި ފިނިހޫނުމިން ވަނީ އެވްރެޖް 40 ޑިގްރީ އަށް ވުރެ މައްޗަށް ޖެހިފަ އެވެ.

އިންޑިއާ އަށް ވިއްސާރަ މޫސުން ލައިގަތުމުގެ ކުރިން އާއްމުކޮށް ހޫނުގަދަވެ އެވެ. ނަމަވެސް 50 ޑިގްރީއާ ހަމައަށް ހޫނުމިން މައްޗަށް ދިއުމަކީ ނާދިރު ކަމެކެވެ.

އިންޑިއާގެ ނިއު ދިއްލީގައި ފައުންޓެއިންއަކުން ކުއްޖަކު ފިނިކަން ހޯދަން. --ފޮޓޯ:އޭއެފްޕީ
އިންޑިއާގެ ނިއު ދިއްލީގައި ފައުންޓެއިންއަކުން ކުއްޖަކު ފިނިކަން ހޯދަން. --ފޮޓޯ:އޭއެފްޕީ

ހޫނުމިން މައްޗަށް ދިޔަ ރާޖަސްތާނުގެ ފަލޮޑި އަވަށުގެ މުރާރީ ލާލް ތަންވީ ބުނީ ހޫނުގަދަވެގެން އޭނާގެ މޯބައިލް ފޯނު މަސައްކަތް ވެސް ނުކުރި ކަމަށެވެ.

"ފޯނުން ފޮޓޯއެއް ނަގަން ހުއްޓާ ކުއްލިއަކަށް ފޯނުގެ މަސައްކަތް ހުއްޓުނީ. ދެން ފޯނު މަތީގައި ފެން ފޮތިގަނޑެއް ބޭއްވީ ވިއްސަކަށް މިނިޓަށް،" އޭނާ ބުންޏެވެ.

އިންޑިއާގެ އުތުރާއި ހުޅަނގުގެ ހިސާބުތަކަށް މި ހަފުތާގައި ވެސް އާދަޔާޚިލާފަށް ހޫނުގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އޮފީހުން ބުންޏެވެ.

"ފޯނުން ފޮޓޯއެއް ނަގަން ހުއްޓާ ކުއްލިއަކަށް ފޯނުގެ މަސައްކަތް ހުއްޓުނީ. ދެން ފޯނު މަތީގައި ފެން ފޮތިގަނޑެއް ބޭއްވީ ވިއްސަކަށް މިނިޓަށް،" ރާޖަސްތާނުގެ ޒުވާނެއް

އިންޑިއާ އަށް ވިއްސާރަ މޫސުން ލައިގަންނާނެ ކަމަށް ބެލެވެނީ އަންނަ މަހު އެވެ. ނަމަވެސް "ރޯނު" ތޫފާނުގައި ދެކުނު އިންޑިއާގެ ބައެއް ހިސާބުތަކަށް މިދިޔަ ހަފުތާގައި ވަނީ ގަދައަށް ވިއްސާރަކޮށްފަ އެވެ.