މާލޭން ފުރައިގެން ހުޅުލެ އަށް ދަނިކޮށް މިއަދު އަނދައި ހުލިވި ލޯންޗުގައި އަލިފާން ރޯވީ ލޯންޗުގެ ޕެޓްރޯލް ޓޭންކް ގޮވައިގެން ކަމަށާއި އޭގެ ގެއްލުން ނުވަ ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް އެ ދުއްވުމުގައި އިސްކޮށް އުޅޭ މުހައްމަދު ނަބީހު ބުނެފި އެވެ.
ކ.މާފުށީގައި ހިންގާ "ސަމާވިލާ ގެސްޓް ހައުސް"ގެ "ނިރުމާ" ލޯންޗު އެނދީ، ޕެޓްރޯލް ޖެޓީން އެ އަށް ޕެޓްރޯލް އަޅައިގެން ދެ ފަޅުވެރިންނާއި ޓުއާ ގައިޑަކާ އެކު އެއާޕޯޓަށް ޓޫރިސްޓުން ބަލައި ދަނިކޮށެވެ. ރޯވި އިރު ލޯންޗުގައި ހުރި ނަބީހު ބުނީ މާލެ އާއި ފުނަދުއާ ދެމެދަށް ލޯންޗު އެންމެ ފުރަތަމަ ހުއްޓުނީ ކަމަށާއި އަލިފާން ރޯވީ ދެ ވަނަ ފަހަރަށް ސްޓާޓްކުރަން ޖެއްސިތަނާ ކަމަށެވެ.
"ޕެޓްރޯލް އަޅައިގެން ދަނިކޮށް އިންޖީނު ނިވުނީ. ދެން ނިވުނީމަ ކައްޕި އިންޖީނު ޗެކްކުރަން ބުނީ އިންޖީނު ހިއްލާލަ ދީބަލާށޭ. އިންޖީނު ހިއްލާލާފައި ބަލާލީ ބުރަފަތީގައި އެއްވެސް އެއްޗެއް ޖެހިފައި ހުރިތޯ. އެއްޗެއް ނެތީމަ އިންޖީނު ސްޓާޓަށް ހަމަ ޖެއްސި ގަޑީގައި އޭތި ގޮވީ. ދެން މުޅި ލޯންޗަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ،" ނަބީހު ބުންޏެވެ. "ބެލެވެނީ ޕެޓްރޯލް ޓޭންކް ގޮވައިގެން ކަމަށް އެނދީ،"
ލޯންޗުގައި އަލިފާން ރޯވުމުން އެންމެ ފަހުން މޫދަށް ފުންމާލީ އޭނަ ކަމަށާއި އެމީހުން ސަލާމަތްކޮށްދިނީ އެއާޕޯޓް އެކްސްޕްރެސްގެ ލޯންޗަކުން ކަމަށް ވެސް ނަބީހު ބުންޏެވެ. އަދި ރޯވުމުން ތިން މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ވެސް ބުންޏެވެ.
ލޯންޗު އެނދިއިރު ހުންނާނީ އިންޝުއަރެންސް ކޮށްފައި ކަމަށް ނަބީހު ބުންޏެވެ.