މިޒަމާނުގައި އަންހެނުން ވެސް އެމީހަކު އެ ކުރާ މަސައްކަތެއްގައި އެންމެ އުހަށް އެރުމަށް މަސައްކަތް ކުރެ އެވެ. ގޭގައި ވެސް އަދި ޕްރޮފެޝަނަލް މަސައްކަތުގައި ވެސް މި ޒަމާނުގެ އަންހެނުންނަކީ ފާހަގަ ކޮށްލެވޭ ބައެކެވެ.

ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރޭގައި ވެސް އާއިލާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުން ފިލްމީ މަސައްކަތްކުރާ ތަރިން އެބަތިއްބެވެ. އަދި "ސުޕަ މޮމްސް"ގެ ގޮތުގައި ސިފަ ކުރެވިދާނެ ބަތަލާ އިން ވެސް އެބަތިއްބެވެ. އައިޝްވަރިޔާ ރާއީ އަކީ މީގެ ރަނގަޅު މިސާލެކެވެ. އާއިލާގެ ކަންތައްތައް ބަރާބަރަށް ބަލަހައްޓަމުން ޕްރޮފެޝަނަލް މަސައްކަތްތައް ވެސް އައިޝްވަރިޔާ ކުރަނީ ތައުރީފު ހައްގު ގޮތަކަށެވެ.

ދާދި ފަހުން ދެއްކި ޓީވީ ޝޯއެއް ކަމަށްވާ "ޔާރް މެރާ ސުޕަސްޓާ"ގައި ވާހަކަ ދައްކަމުން އައިޝްވަރިޔާ ބުނީ ފިލްމު ޝޫޓިންއަކަށް ދާން އޮތް ނަމަވެސް އާރާދިޔާގެ ހުރިހާ ކަމެއް ފުރިހަމަކޮށް އޭނާ ސްކޫލަށް ލާފައި ނޫނީ ނުދާ ކަމަށެވެ. އަދި އޭނާ ފިލްމީ މަސައްކަތް ކުރަނީ އާރާދިޔާގެ ސްކޫލް ގަޑިތަކަށް ބަލައި، އޭނާ އަށް ވަގުތު ދެވޭނެ ގޮތްތަކަށް ވިސްނާފައި ކަމަށެވެ.

"އަހަރެން ލައްވާ މަސައްކަތްކުރުވާ އެންމެންގެވެސް އެހީތެރިކަން އަހަންނަށް ލިބުމަކީ ޝުކުރުވެރިވާ ވަރުގެ ކަމެއް. މަންމައަކަށް ވުމަށް ފަހު އަހަރެން މަންމައެއްގެ ތަޖުރިބާ ވެސް އެންމެ ފުރިހަމަ އަށް ކުރަން އަހަރެން ބޭނުން. ދަރިފުޅު ބަލަން އެހެން މީހުންނާ ހަވާލު ކުރަންވީ ކީއްކުރަން. އަހަރެން އާރާދިޔާ ވިހެއީ އެހެން މީހުން ލައްވާ ބަލުވާކަށް ނޫން. މަންމައެއްގެ ހައިސިއްޔަތުން އަހަރެން އާރާދިޔާއާ އެކު ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް އުފާވެރި އަދި ވަރަށް ހިތްހަމަޖެހޭ ދުވަހެއް،" އައިޝްވަރިޔާ ބުންޏެވެ.