ރަށްރަށުގައި ގެސްޓް ހައުސް ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި ރަށްތައް ޕްރޮމޯޓް ކުރުމުގައި އާ ގޮތްތަކެއް ވިސްނަންޖެހޭ ކަމަށް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސް ޓޫރިޒަމް ފުޅާކުރަން "އައިލެންޑްސްޑޮޓްއެމްވީ" ގެ ނަމުގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހެދި ވެބްޕޯޓަލް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަލީހް ވިދާޅުވީ، ގެސްޓް ހައުސް ޓޫރިޒަމަކީ ރާއްޖޭގައި މިހާރު ކާމިިޔާބު މޮޑެލްއެއް ކަމަށާއި ޓޫރިސްޓް އެނދުތަކުގެ 21 ޕަސެންޓް ހިއްސާ ކުރަނީ ގެސްޓް ހައުސްތަކުން ކަމަށެވެ. އެހެންވެ، ގެސްޓް ހައުސް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ސަރުކާރުން އިތުރު އިންފްރާސްޓްރަކްޗާތައް ގާއިމްކޮށް، ރަށްތައް ޕްރޮމޯޓް ކުރުމުގައި އާ ވިސްނުންތަކެއް ނެރެން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮންމެ ރަށެއްގެ ވަކި ޚާއްސަ ސްލޯގަންތަކެއް ބޭނުން ކޮށްގެން ޕްރޮމޯޓް ކުރުން މުހިންމު ކަމަށް މަލީހް ވިދާޅުވި އެވެ.

"ޕްރޮމޯޓް ކުރާ ވާހަކަ ދައްކާއިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ރަށަކަށް ވެސް މާކެޓިން ސްލޯގަންއެއް އެބަ އަންނަންޖެހޭ. ދަނގެއްޗަށް ބަލާއިރު އެ ބޭފުޅުން ފަހުރުވެރިކަމާ އެކު އެ ހަނދު އެއީ އެ ބޭފުޅުންގެ ރަމްޒެއްގެ ގޮތުގައި އޮތީ. ފުވައްމުލަކަށް ބަލާ ކަމަށް ވަންޏާ ޓައިގާ ޒޫގެ ނަމުގައި. ވަރަށް ފަހުން ރައީސުލްޖުމްހޫރިއްޔާ މާފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެރަށުގެ މެސްކޮޓް އެ ލޯންޗްކޮށް ދެއްވީ،" މަލީހް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ އިތުރު ކުރުމަށްޓަކައި ރަށްރަށާ ބެހޭ ފުރިހަމަ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދޭން ޖެހެ އެވެ. އެފަދަ މައުލޫމާތު އެއްތަނަކުން ލިބޭނެ ވަސީލަތެއް މިއަދާ ހަމައަށް ވެސް ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިލެންޑްސްޑޮޓްއެމްވީގެ ސަބަބުން އެ މަގު ވަރަށް ބޮޑަށް ފަހިވާނެ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މިފަދަ ވެބްސައިޓެއް ގެނައުމުގެ ބޭނުމަކީ ވަރަށް ދުރު ކަރަކަރައިން އަންނަ ގެސްޓުން އައުމުގެ ކުރިން ރާއްޖޭގެ ރަށްތަކުގައި ލިބެން ހުރި ޚިދުމަތްތަކާއި ކެއުމާއި މިފަދަ ކަންކަން ތަފްސީލް ގޮތެއްގައި، އޮތެންޓިކްކޮށް، ސަރުކާރު ގަބޫލުކުރާ ވުޒާރާއަކުން އެ މައުލޫމާތުތައް ފޯރުކޮށް ދިނުން." މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 'އައިލެންޑްސްޑޮޓްއެމްވީ' މެދުވެރިކޮށް، ރަށްރަށުގެ ޚާއްސަ ސިފަތަކާއި ލިބެން ހުރި ވަސީލަތްތަކާއި ސަގާފަތާއި ރަށްރަށަށް ޚާއްސަ މަސައްކަތްތައް ވެސް އެނގޭނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދުނިޔެ އަށް މާކެޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވުމާ އެކު ރިސޯޓްތަކުގައި އުޅޭ ފަތުރުވެރިން ވެސް ރަށްރަށަށް ޒިޔާރަތް ކުރަން އެ ވެބްސައިިޓުން ބާރު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފަތުރުވެރިންގެ އިތުރުން ދިވެހި މުޖްތަމައަށް ވެސް އޭގެ ފައިދާތައް ލިބޭނެ ކަމަށް މަލީހް ވިދާޅުވި އެވެ.

"ޕޯޓަލްގައި ރައްކާ ކުރެވޭ ކޮންމެ މައުލޫމާތަކީ އެ ރަށެއްގެ ތާރީޚާއި ސަގާފަތާއި ކުޅިވަރުތަކާއި ފްލޯކު ވާހަކަތަކާއި ރަށްރަށަށް ލިބިފައިވާ އުމްރާނީ ތަރައްގީ އާއި ރަށުގެ ގުދުރަތީ ވެށީގެ ހަނދާންތައް ލިޔެވި، އަދި މަންޒަރުތަކެއްގެ ގޮތުގައި އެތަކެއް ޖީލުތަކަކަށް ފޯރުކޮށް ދެވޭނެ އަގުހުރި މައުލޫމާތުގެ އަރުޝީފެއް." މަލީހް ވިދާޅުވި އެވެ.

އައިލެންޑްސްޑޮޓްއެމްވީ އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ހަފުލާގައި ހެލްތު މިނިސްޓަރު އަމީން (ކ) ހެރިޓޭޖް މިނިސްޓަރު ޔުމްނާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އައިލެންޑްސްޑޮޓްއެމްވީ އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ހަފުލާގައި ހެލްތު މިނިސްޓަރު އަމީން (ކ) ހެރިޓޭޖް މިނިސްޓަރު ޔުމްނާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަލީހް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ވެބްސައިޓަށް މައުލޫމާތު އަޕްޑޭޓް ކުރުމުގެ މަސައްކަތް ވެސް ކައުންސިލްތަކާ ހަވާލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ވެބްސައިޓަށް މައުލޫމާތު އަޕްޑޭޓް ކުރުމުގެ ތަމްރީނުތައް ކައުންސިލްތަކުގެ މުވައްޒަފުންނަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވެބްސައިޓް ރައްކާތެރިކޮށް ބެލެހެއްޓުމާއި ބޭނުންވާ އިތުރު އަޕްޑޭޓްތައް ވެސް އެ މިނިސްޓްރީ އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ކުރަމުންދާނެ ކަމަށް މަލީހް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އައިލެންޑްސްޑޮޓްއެމްވީ މިރޭ އިފުތިތާހު ކޮށްދެއްވާއިރު، އެމަނިކުފާނުގެ އަރިހުގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އައިލެންޑްސްޑޮޓްއެމްވީ މިރޭ އިފުތިތާހު ކޮށްދެއްވާއިރު، އެމަނިކުފާނުގެ އަރިހުގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި އެހެން ވެބް ޕޯޓަލްތަކެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ދައުލަތުން ދޭ ޚިދުމަތް އީ ގަވަމެންޓް ނިޒާމެއްގެ ތެރެއިން ފޯރުކޮށް ދިނުމަށްޓަކައި ކިޔުގައި ނުޖެހި ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް ހެދުމާއި އެއް ޕޯޓަލަކުން ސަރުކާރުގެ ހުރިހާ މައުލޫމާތެއް ލިބޭނެ ގޮތް ހެދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހައުސިން ޕޯޓަލާއި ހެލްތް މިނިސްޓްރީގެ ވިއުގަ ގާއިމް ކުރުމާއި ޔޫތް މިނިސްޓްރީއަށް ބޭނުންވާ ހަފްތާރެސް އެޕްލިކޭޝަން ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް މަލީހް ވިދާޅުވި އެވެ.