ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެޖެންސީތައް އުފައްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2008 ވަނަ އަހަރާ ހަމައަށް ގިނަ ބިދޭސީން ގެންނަ 140 އަށް ވުރެ ގިނަ ރެކްރޫޓްމެންޓް އެޖެންސީތައް ރަޖިސްޓްރީކުރި ކަމަށެވެ.
ނަމަވެސް 2012 ވަނަ އަހަރާ ހަމައަށް އެޖެންސީތަކުގެ ދައުރު ވަރަށް ބޮޑަށް ހަނިކޮށްފައިވާކަން ފާހަގަ ކުރައްވައި، އިހުސާން ވިދާޅުވީ އޭޖެންސީތަކަށް ވުރެ ބޮޑަށް ވަޒީފާދޭ މީހުންނާ ގުޅިގެން ރާއްޖެ އައުމުގެ މަސައްކަތް ބިދޭސީން ފަށާފައިވާ ކަމަށެވެ.
އެއާއެކު ބިދޭސީން އެތެރެކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ފުރުސަތު ފަހިވުމާއި ބިދޭސީން މެދުވެރިވެގެން ބިދޭސީން ގެނައުމުގެ ފުރުސަތު އޮތުމުން ނާޖާއިޒް މަންފާ ނަގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބިދޭސީން ގެނައުމަށް ކަންކުރާ ގޮތަކީ ސިސްޓަމަށް އެކްސެސް އޮންނަ ކަމަށް ވެއްޖެއްޔާމު އޭނަ މިހޯދަނީ ޕާސްޕޯޓުތަކެއް ނުވަތަ ގުޅޭނެ މީހެއް. އެ ހިސާބުން އޭނަ މިއަޅަނީ ސިސްޓަމަށް، އޭނަ މި ބަދަލުވަނީ އޭޖެންޓަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"މައުލޫމާތު ލިބިފައި ހުރި ގޮތުންނަމަ [ބިދޭސީއަކު ރާއްޖެއަށް ގެނައުމަށް] 3،000 ޑޮލަރާއި 15،000 ޑޮލަރާ ދެމެދުގެ އަދަދުތަކުން ބިދޭސީންގެ އަތުން ފައިސާ ނަގައިގެން، ކޮމިޝަން ނަގައިގެން އެ ލައިންގައި ތިބޭ މީހުންނަށް ބައި އަޅައިގެން."
އެގޮތަށް ރާއްޖެއަށް މީހުން ގެންނަމުންދާތާ މިހާރު 17 ވަރަކަށް އަހަރު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރު، ބިދޭސީ މީހާގެ އަތުން ރެކްރޫޓްމަންޓް ފީގެ ގޮތުގައި ނެގޭނީ އޭނާ ރާއްޖޭގައި މަސައްކަތް ކުރުމުން ދޭނެ ކަމަށް ކަނޑައަޅާ މަހު މުސާރައަށްވާ އެއްމަހުގެ މުސާރައިގެ ފައިސާ ކަމަށް އިހުސާން ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އެ މީހުން އެތެރެކުރާނެ އޭޖެންސީތައް ގާއިމްކޮށް، އެ މީހުން އޮޑިޓްކުރެވޭނެ ނިޒާމެއް ގާއިމްކޮށް އާމްދަނީ ލިބޭނެ ގޮތްތައް ގާނޫނުގައި ހިމަނައިގެން ނިޒާމު ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ މެއި، 2024 ގަ އެވެ.
އެ މަސައްކަތުގެ ފޭސް 1 އަދި ފޭސް 2 މިހާރު ނިމިފައިވާއިރު، އެންމެ ފަހު ތިން ވަނަ ފޭސް ނިމޭއިރު ބިދޭސީން ގެނައުމުގެ މައްސަލައަށް ހައްލު ގެނައުމަށް އޭޖެންސީތައް މެދުވެރިކޮށް ބިދޭސީން އެތެރެކުރުމުގެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފެށި "ކުރަނގި އޮޕަރޭޝަން" ގެ ތެރެއިން 191،723 އަށް ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވެ އެވެ.
އިހުސާން ވިދާޅުވީ ބަޔޮމެޓްރިކްސް ނުދީ އުޅޭ 4،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށެވެ. އަދި އެ މީހުން ހޯދައި ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.