75 އަހަރު ފަހުން ވެސް ޕާލް ހާބަރަށް ދިން ހަމަލާގެ ހަނދާންތައް ނުފިލާ

ލޮސް އެންޖަލިސް (ޑިސެމްބަރު 8) - އެމެރިކާގެ ޕާލް ހާބަރަށް ޖަޕާނުން ހަމަލާ ދިންތާ 75 އަހަރު ފުރުން އިއްޔެ ފާހަގަކުރި ނަމަވެސް އެ ހަމަލާގެ ހަނދާންތައް ބައެއް މީހުންގެ ހިތްތަކުން ފުހެވިގެން ނުދެ އެވެ. އެ ހަނދާންތައް އެންމެ ބޮޑަށް އާވާ މީހުންނަކީ ހަމަލާ އިން ސަލާމަތްވި ދުނިޔޭގައި މިހާރު ތިބި އެމެރިކާ ސިފައިންގެ 30 މީހުންނެވެ.


ހަމަލާ ދިން އިރު އެމެރިކާ ސިފައިންގެ މީހެއް ކަމަށްވާ ޖޭމްސް ލީވެލީ ބުނީ ޖަޕާނުގެ ހަނގުރާމަ މަތީ ބޯޓުތަކުން އެމެރިކާގެ މަނަވަރުތަކަށް ދިން ބޮމުގެ ހަމަލާތަކުގެ ހަނދާން އަދިވެސް އާވެ ހުންނަ ކަމަށެވެ. ހަމަލާ ދިން އިރު ޖޭމްސް ހުރި މަނަވަރު ޔޫއެސްއެސް ވިޓްނީ އޮތީ ހޮނޮލުލޫ ބަނދަރުގަ އެވެ. ހަމަލާ އެންމެ ބޮޑަށް އެރީ ޔޫއެސްއެސް އޮކްލަހޮމާ، ޔޫއެސްއެސް އުޓާ މަނަވަރަށެވެ. ހަތަރު މަނަވަރު ވަނީ ފެތިފަ އެވެ. ޖަޕާނުން ދިން ވައިގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 2،400 މީހުން މަރުވި އެވެ.

ޕާލް ހާބަރަށް ދިން ހަމަލާ އިން ސަލާމަތްވި މީހަކަށް ހަވާއީގެ ގަވަރުނަރު ސަލާމް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ދެ ވަނަ ބޮޑު ހަނގުރާމަ އަށް އެމެރިކާ ވެއްދި ހަމަލާ އިން ސަލާމަތްވި ވިލް ލެހްމާ، 95، ވެސް ވަނީ ލޮސް އެންޖަލިސްގެ އިވެންޓުގައި ހަނދާންތައް އާކޮށްފަ އެވެ. ހަމަލާ ދިން އިރު ޔޫއެސްއެސް ވޯޑުގެ ބޮއިލާ ރޫމުގައި މަސައްކަތް ކުރި ލެހްމާގެ އޭރުގެ އުމުރަކީ 20 އަހަރެވެ.

ޕާލް ހާބަރަށް ހަމަލާ ދިން އިރު ޖޭމްސްގެ އުމުރަކީ 21 އެވެ. އޭނާއާ އެކު ސަލާމަތްވި 30 މީހުންނަށް ވަނީ ލޮސް އެންޖަލިސްގައި ބޭއްވި ހަފުލާއެއްގައި ޚާއްސަ ޝަރަފު ދީފަ އެވެ.

ޕާލް ހާބަރަށް ހަމާލާ ދޭން ފެށީ ޑިސެމްބަރު 7، 1941 ވަނަ ދުވަހު ހެނދުނު 7:55 ގަ އެވެ. ޖެހިގެން އައި ދުވަހު އެމެރިކާ އިން ވަނީ ޖަޕާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. އޭގެ ތިން ދުވަސް ފަހުން ޖަރުމަނުގެ އެޑޮލް ހިޓްލަރު ވަނީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފަ އެވެ. ޕާލް ހާބަރަށް ދިން ހަމަލާގެ ހަނދާންތައް އެމެރިކާގެ އެކި ހިސާބުތަކުގައި އިއްޔެ ވަނީ އާކޮށްފަ އެވެ.