ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ގައުމު ދޫކޮށް ވަޑައިގަތުން ހުއްޓުވަން ކަމަށް ބުނެ މައި އެއާޕޯޓްގެ އެންޓްރެންސް ބަންދުކޮށްފި އެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ވާހަކަ ދެއްކި ބައެއް މީހުންނާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އެއާޕޯޓްގެ އެންޓްރެންސް ބަންދުކުރީ މުޒާހަރާކުރާ ޒުވާނުންގެ ބަޔަކު ވެހިކަލްތަކެއްގައި ގޮސްގެން ކަމަށެވެ.

މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުން ތިބީ އެއާޕޯޓްގެ އެންޓްރެންސް ބަންދުވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްގެންނެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އިގްތިސާދީ ހީނަރުކަމާ އެކު ދަރަނިވެރިވެފައިވާ ސްރީ ލަންކާގައި އިއްޔެ އާއި ރޭ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވަނީ ސަރުކާރާ ދެކޮޅު މީހުންނަށް ސަރުކާރުގެ ސަޕޯޓަރުން ހަމަލާ ދިނުމާ އެކުގަ އެވެ. އާންމު ދިރިއުޅުން ދަތިވެ އެކަމުގެ ރުޅިވެރިކަމުގައި ވެރިންގެ އިސްތިއުފާއަށް ގޮވަމުން ގެންދާތާ އެތައް މަހެއް ފަހުން އިއްޔެ ވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސްކަމުގައި ހުންނެވި، މަހިންދަގެ ކޮއްކޯފުޅު ގޮޓާބަޔަ ރާޖަޕަކްސަގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވާލަމުންނެވެ.

މުޒާހަރާކުރާ މީހުން އިއްޔެ އާއި ރޭ ސިޔާސީ ބޭފުޅުންގެ ގެދޮރާއި ވެހިކަލްތަކުގައި ވަނީ ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދީފަ އެވެ. އަދި ސިޔާސީ ބޭފުޅުން ފިއްލެވިޔަ ނުދޭން ރަޓްމަލަނަ އެއާޕޯޓް ސަރަހައްދަށް ވެސް ގޮސް، އެތަނަށް ވަންނަ ވެހިކަލްތައް ވެސް ގެންދަނީ ފާސްކުރަމުންނެވެ.