ސްރީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް: އެ ގައުމަށް އެތެރެވުމުގެ ކުރިން އީޓީއޭ ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ފަހު އެ ނިންމުން މިހާރު ވަނީ ބާތިލްކޮށްފައި.
02 ނޮވެމްބަރ 2025 - 17:00
ކުރު މުއްދަތުގެ ދަތުރުތަކުގައި ސްރީ ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ފަހު އެ ނިންމުން ބާތިލްކޮށްކޮށްފި އެވެ.
ލަންކާއިން ވަނީ މިދިޔަ މަހުގެ 15 އިން ފެށިގެން އެ ގައުމަށް އެތެރެވާ ނަމަ ލަންކާގެ ސަރުކާރުގެ eta.gov.lk/slvisa އަށް ވަދެ "އީޓީއޭ" ހުށަހަޅަންޖެހޭނެ ކަމަށް ކުރިން އަންގައިފަ އެވެ. އަދި ލަންކާއަށް ދަތުރަށް ފެށުމުގެ 24 ގަޑިއިރު ކުރިން މި ހުށަހަޅަންޖެހެ އެވެ.
އެކަމަކު ލަންކާގެ އިމިގްރޭޝަނުން މިހާރު ވަނީ، އެ ނިންމުން ބާތިލްކޮށް އެކަން އިއުލާނުކޮށްފަ އެވެ. އެ ގައުމުގެ އިމިގްރޭޝަނުން ބުނީ މި ނިންމުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށާއި އެހެންވެ ކޮންމެ ފަސިންޖަރަކު ވެސް މިހާރު އަމަލުކުރަން ޖެހޭނީ މިދިޔަ މަހުގެ 15 ކުރިން އަމަލުކުރަމުން އައި ގޮތަށް ކަމަށެވެ.
އީޓީއޭ ހުށަހެޅުމުގައި ލަންކާއިން އެއްވެސް ގައުމެއް އިސްތިނާއެއް ކޮށްފައެއް ނުވެ އެވެ. އަދި ޓޫރިޒަމާއި ވިޔަފާރީގެ ބޭނުމަށް އަންނަ މީހުން ވެސް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހެދި އެވެ.
ލަންކާގެ މި ނިންމުން ބަދަލުކޮށްފައި ވާއިރު އެ ގައުމުން 33 ގައުމަކަށް އީޓީއޭ ހިލޭ ދިނުމަށް ކުރާ މަސައްކަތް ވަނީ ލަސްވެފަ އެވެ. ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތަ ހީރަތު މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ އެކަން ލަސްވަމުންދަނީ ގާނޫނީ ސަބަބުތަކާ ހެދި ކަމަށެވެ.
"އިކޮނޮމީނެކްސްޓް" ނޫހަށް ހީރަތު ވިދާޅުވެފައިވާ ގޮތުގައި ވިސާ ހިލޭ ނުކުރެވިގެން އުޅެނީ އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައެއް އޮތުމުންނެވެ.
މިހާރު ހިލޭ އީޓީއޭ ލިބޭނީ ޗައިނާ، އިންޑިއާ، އިންޑޮނީޝިއާ، ޖަޕާން، މެލޭޝިއާ، ރަޝިއާ އަދި ތައިލެންޑުގެ އޯޑިނަރީ ޑިޕްލޮމެޓިކް، އޮފިޝަލް އަދި ސާވިސް ޕާސްޕޯޓް އޮންނަ މީހުންނަށް އެކަންޏެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އިންޑިއާގެ ޖީބީއެސް ޓެކްނޮލޮޖީ ސާވިސަސް (ޖީބީއެސް) އާއި އައިވީއެސް ގްލޯބަލް އެފްޒެޑްކޯ (އައިވީއެސް) އާއި ވީއެފްއެސް ގްލޯބަލް ޓެކްނޮލޮޖީ (އައިވީއެސް) ޕާޓްނަރެއްގެ ގޮތުގައި ކޮންޓްރެކްޓްކޮށް އައުޓްސޯސްކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.
ވިސާ ޕްރޮސެސިން އައުޓްސޯސްކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން ގައުމުން ބޭރުގެ އެއްވެސް މީހަކު ލަންކާއަށް އެތެރެވާ ނަމަ އެ މީހެއްގެ އެޕްލިކޭޝަން ޕްރޮސެސްކުރުމަށް 25 ޑޮލަރު ދައްކަންޖެހޭނެ އެވެ. އޮންއެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ މީހުން ވެސް މި ފީ އަކުން އިސްތިސްނާއެއް ނުވެ އެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަސައްކަތްތައް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގެ ޕްލޭން މިދިޔަ އަހަރުގެ އޭޕްރިލް މަހު އެކުލަވާލި ނަމަވެސް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު ކޯޓުން ވަނީ އެކަން ހުއްޓުވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުރާދު98
03 November 2025
މިއީ ލަންކާ އިމިގްރޭޝަނުން ލަންކާ ސަރުކާރާ ދެކޮޅަށް ހިންގި ބަޣާވާތެއް
މރ. ޖާބެ
02 November 2025
ދިވެހިރާއްޖޭގަވެސް އިމުގާ ނަމުގަ ފަތުރުވެރިންނަށް ނޮހޮރޮއްޕާންކުރަން ހަދާފަވާ ބޭކާރުކަންތައް ވަކުތުން ވަކުތައް އުވާލާ...