ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ މުހިންމު މަސައްކަތަކީ ވިސާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށާއި ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް އެކަމަށް ހައްލެއް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

އެ ކުރެވުނު މަސައްކަތުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދާއިމީ ރަނގަޅު ހައްލެއް އެކަމުގައި ގެނައުމުގައި ލަންކާ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ. އަޅުގަނޑުމެންގެ ސަފީރާއި އަޅުގަނޑުމެންގެ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީ ގުޅިގެން އެ މަސައްކަތްތައް އެ ދަނީ ކުރެވެމުން،" ރައީސް ވިދާޅުވި އެވެ.

"މި ގައުމުގެ ރައީސް އަޅުގަނޑަށް ދެއްވި ޔަގީންކަމަކީ މިކަމުގައި މިހާރު ހުރި ކަންބޮޑުވުންތައް، މީގެ އަހަރުތަކެއް ކުރިން ފެށިގެން އައިސްފައި އޮތް ކަންތައްތަކެއް މިއީ. އެކަންކަން ހައްލު ކުރެވިގެން ގޮސް މިހާރު މި ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިގެންދާނެ ކަމުގެ ވަރަށް އުންމީދީ ޖަވާބެއް ލިބިފައި."

ސަރުކާރުން، ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ އެކު އެކަންކަން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި މިހާރު ކުރައްވާ ދަތުރުފުޅުގައި ރަސްމީ މަޝްވަރާތައް ވެސްކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލަންކާގެ ވިސާގެ މައްސަލަ ލަސްނުވެ އަމަލީ ގޮތުން އެކަން ހައްލުވާތަން ފެންނާނެ ކަމަށެވެ.