ސްރީ ލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބީއެމްއްލްގެ ގޮތްޕެއް ހުޅުވުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތަށް ވަރަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އެކަމުގެ މަސައްކަތް ކުރެވޭނެ ގޮތް ވަަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމީ ބެންކުގެ ގޮތްޕެއް ލަންކާގައި ހުޅުވުމުން ދެ ގައުމުގެ ރަައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
"އެ ގައުމުގެ ވިޔަފާރިއަށް ބަލާއިރު އަދި އެ ނޫން ގޮތްގޮތަށް ވެސް ރާއްޖޭގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅުވުމަށް މިހާރު ކުރަމުންދާ މަސައްކަތައް، އުންމީދީ އަލިމަގެއް ވަނީ ލިބިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންނަށް އެ ބޭންކުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް މިކަމުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބްރާންޗްތައް ހަދައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައި ވިޔަސް ބީއެމްއެލްގެ ބްރާންޗެއް އަދި ގައުމުން ބޭރަކު ނުހުޅުވަ އެވެ.