ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ހާއްސަ ހަފްލާއެއް އިއްޔެ ބާއްވައިފި އެވެ.

ލަންކާގެ ކޮލަމްބޯގައި ބޭއްވި އެ ހަފްލާގައި ދެ ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މައްޗަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ.

އެ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ސްރީލަންކާގެ މިނިސްޓާ އޮފް ހެލްތު އެންޑް މީޑިއާ ޑރ. ނަލިންދަ ޖަޓިއްސާ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. ނަލިންދަ ޖަޓިއްސާ ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ސްރީލަންކާގައިކަން ފާހަގަކުރައްވައިފަ އެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހާއްސަ ހަފްލާ--
ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހާއްސަ ހަފްލާ--

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވަނީ ދެ ގައުމުގެ ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.

ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ މޭ މަހުގެ ތެރޭގައި ލަންކާއަށް ކުރެއްވި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސްދިން މުހިންމު ދަތުރުފުޅެއްކަން ސަފީރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ރާއްޖޭގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކުގެ ގޮތުގައި ހިމެނޭ ބޮޑުބެރާއި ބަތްޕޮޅި ނެށުމާއި މާފަތި ނެށުމުގެ އިތުރުން ދަނޑިޖެހުން ފަދަ ސަގާފީ އައިޓަމްތައް ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހާއްސަ ހަފްލާ--
ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހާއްސަ ހަފްލާ--

މި ހުރިހާ ހަރަކާތްތަކެއް ހުށަހަޅައިދީފައިވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާކުދިންނެވެ.

އެ ކުލަގަދަ ހަފްލާގައި ސްރީލަންކާ މިނިސްޓަރުންނާއި ޕްރޮވިންސް ގަވަރުނަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސިފައިންގެ އިސް އޮފިސްރުންނާއި ސަރުކާރުގެ އިސްވެރިންނާއި ސްރީލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި މަޝްހޫރު ވިޔަފާރިވެރިން ހިމެނޭހެން 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހާއްސަ ހަފްލާ--
ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ހާއްސަ ހަފްލާ--

މި ކުލަގަދަ ހަފްލާ އިންތިޒާމުކުރުމުގައި ރާއްޖެއާއި ލަންކާގެ ދެމެދުގައި އޮތް ވިޔަފާރީގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ގިނަ ކުންފުނިތަކެއްގެ އެހީތެރިކަން ލިބިފައިވާކަން ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުންޏެވެ.

މި ހަފްލާ ކުރިއަށް ގެންދިއުމަށްޓަކައި ސްޕޮންސަރުން ދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ހައިކޮމިޝަނުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.