ކޮލަމްބޯ (ފެބްރުއަރީ 4) - ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ ޚިޔާލާ ދެކޮޅު ހައްދަވާ ކަމަށް ސްރީ ލަންކާގެ ރައީސް މިއިތުރިޕާލާ ސިރިސޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަފުލާގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކީ ހަމައެކަނި ކެބިނެޓުގެ މެންބަރުންގެ އަދަދު އިތުރު ކުރަން ކުރާ ކަމެއް ކަމަށެވެ.

"އެއީ ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފެއް. ރައްޔިތުން އެދޭ ގޮތަކީ ކެބިނެޓުގެ އަދަދު 25 އަށް ލިމިޓް ކުރުން،" ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފްވެެރިކޮށްދެއްވި ހަފުލާގައި ސިރިސޭނާ ވިދާޅުވި އެވެ. "ތަފާތު ފިކުރުގެ މީހުން ހިމެނޭ ކޯލިޝަން ސަރުކާރަކުން ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައެއް ނުދެވޭނެ."

ސިރިސޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން އިސްކަން ދޭން ޖެހޭ ކަމަކީ ހަމައެކަނި ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ.

ސްރީ ލަންކާގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި މިދިޔަ އަހަރުގެ ފަހުކޮޅު މައްސަލަ ޖެހި، ގައުމު ވަނީ 51 ދުވަހަށް ހުއްޓިފަ އެވެ.