އެންމެ އިސްކަން ދެނީ ޑިމޮކްރެސީ އަށް: ގޯޓާބޭ

ކޮލަމްބޯ (ފެބްރުއަރީ 4) - އެންމެ އިސްކަން ދެނީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހިމެނޭ ގޮތަށް ޑިމޮކްރެސީ ހިމާޔަތް ކުރަން ކަމަށް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ މިއަދު ވިދާޅުވެއްޖެ އެވެ.


ސްރީ ލަންކާގެ 72 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ތަގްރީރުގައި މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޯޓާބޭ ވިދާޅުވީ އެމަނިކުފާން ވާނީ ގައުމުގެ ހުރިހާ ރައްޔިތުންގެ ރައީސްއަކަށް ކަމަށެވެ. ގޯޓާބޭ ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ހުރަސްތަކެއް ކުރިމަތިނުވެ ހިތްހަމަޖެހުމާއި އަރާމުގައި ދިރިއުޅެވޭނެކަމުގެ ޔަގީންކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

"ސްރީ ލަންކާ ވާނީ އެކަތިގަނޑަކަށްވެފައިވާ ގައުމަކަށް. ޚިޔާލުފާޅު ކުރުމާއި މީޑިއާގެ މިނިވަންކަން އޮންނާނެ،" ކޮލަމްބޯގެ އިންޑިޕެންޑެންސް މައިދާނުގައި ދެއްވި ތަގްރީރުގައި ގޯޓާބޭ ވިދާޅުވި އެވެ.

ރައީސް ގޯޓާބޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑުތައް ކަނޑުވާލައި ޝަރުއީ ދާއިރާ އަށް ނުފޫޒް ފޯރުވަން އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށެވެ. ނަމަވެސް ދޮގު މައުލޫމާތު ފެތުރުމުގައި ސޯޝަލް މީޑިއާގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާކަން ފާހަގަ ކުރެއްވި އެވެ. އެފަދަ ދޮގު މައުލޫމާތު ފެތުރުމުގެ ކުރިން އެއް ފަހަރު ވިސްނާލެއްވުމަށް ގޯޓާބޭ ވަނީ އެދިވަޑައިގެންފަ އެވެ.