ލަންކާގެ ރައީސް ޑިސަނަޔަކަ މިދިޔަ މަހުގެ 28 ގައި ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދަންނަވާއިރު އަރިހުގައި ރައީސް މުއިއްޒު.---ފޮޓޯ: ނިޝާން އަލީ| މިހާރު
05 އޯގަސްޓް 2025 - 21:24
ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނީ، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް އެ ގައުމުގެ ސަރުކާރުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިންމާފައިވާ ކަމަށެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މިހާތަނަށް މެޑިކަލް ވިސާ ދޫކުރަމުން އައީ 3-4 މަސް ދުވަހުގެ މުއްދަތަށެވެ. އޭގެ ދަތިތައް ވަރަށް ބޮޑުވުމާ ގުޅިގެން، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި މަސައްކަތާ އެކު އެ ނިންމުން ބަދަލުކުރީ ކަމަށް ސަފީރު މަސްއޫދު އިމާދު ވިދާޅުވެފައި ވެ އެވެ.
ސްރީ ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތަށް ހަމަޖެއްސިކަން އިއުލާން ކުރެއްވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެއްވި ދެ ގައުުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ މަނިކުފާނު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ވިސާ އަށް އެދޭ މީހުން އެޕްލިކޭޝަނާ އެކު، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.
"ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސް އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސް ކުރަމެވެ. ވިސާ އަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއަށް އަންނަ ސްރީ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިދިޔަ މަހު ވަނީ ފަށައިފަ އެވެ. އެއީ ވެސް ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެ އެވެ.
ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން ވެސް ރާއްޖެ ވަނީ މިދިޔަ މަހު ރަސްމީކޮށް އުނިކޮށްފަ އެވެ.
ލަންކާގައި 2019 ވަނަ އަހަރު ދިން ހަަމަލާތަކަށް ފަހު، އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާ އެކު، ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައި ރާއްޖެ ހިމެނި އެވެ. އޭގެ ސަބަބުން ވެސް ވިސާ ލިބުމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކެއް މިދިޔަ މުއްދަތުގައި ކުރިމަތިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބްލާ2025
06 August 2025
ލަންކާއަކީ މިހާރު ދިވެހިން ދާތަނެއްނޫން. ޝެންގެން ވިސާ ފަސޭހައިން ލިބޭގޮތް ހަދާބަލަ.
އަބްޑޫޅް +
06 August 2025
ޙޫމް. 1 އަހަރު ބަލިވެ އުޅުމުގެ ވިސާ ދޯ؟
ޕަތާން
06 August 2025
މަރުހަބާ ރ.ސޯލިހް، މަނިކްފާ އަޅުއްވައިދެއްވި ބިންގާމަތީ ގައުމުގެ ހާރިޖީ ސިޔާސަތު ހެދިފޯދެމުން އަންނަތަން ގައުމުގެ ހުރިހާ ދަރީން ހެކިދޭނެ.
ކުޑާދަނު
06 August 2025
"ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފި"........... މިމީހުން ލަންކާގައި 'ދިރިއުޅެނީ' ވިސާ ނުނަގާތޯ!!!!!! ދިރިއުޅޭމީހުނަށް މެޑިކަލްވިސާނެތި ޑޮކްޓަރަށް ނުދެއްކެނީތޯ؟؟؟؟؟؟
އަބްޑޫޅް +
06 August 2025
އެއް އަހަރު ދުވަހުގެ މުއްދަތު ކަނޑައަޅައިގެން ޖެހޭ ބަލިވެސް ހުރޭދޯ؟
ދިވެހީންގެރާއްޖެއިން
06 August 2025
ލަންކާ މީހުންނަށް އެނގެޔޭ އެއީ 100 ޕަސެންޓު ފައިދާ ވިޔަފާރިެއްލަމް/ ގައުމުން އެންމެ ފައިސާ ފޮއްޗެއްވެސް ބޭރުކޮށްނުލެވޭނެކަން އަދި އޭގެ ބަދަލުގައި އިންތިހާއަށް އިސްރާފަށް އެގައުމަށް ހަރަދުކުރާނެ ބަޔަކުކަން މިއީ. މީގެ ބަދަލުގައި އެވެރިންނަށްވެސް ލުއި ދިނީމައި އައިސް މަސައްކަތްކޮށްލާފައި މިހާރުވެސް ހަދާހެން ދާނީ ޖީބުތައް ފުރާލައިގެން. ގައުމު މިއޮތީ ނުބައި ފައްތަރެއްގައޭ، ހެއިއަރާ ތިބޭށޭ އެންމެނޭ!
އަލިފުހާނޫނު
06 August 2025
ލަންކާގަ ދިރިއުޅެނީ ބަލި މީހުންތަ މެޑިކަލް ވިސާ ދެނީ
ދަރިންނޭ ހޭލާށެވެ..ގައުމު ދަވާލަނީ އެވެ
05 August 2025
ދިވެއްސެއްގެ ނިވަލުގަ ހަދައިގެން ލަންކާ މިހުން ޑޮލަރު ފޭރޭ 100 އާއި ގާތްކުރާ ގްރޭޓް ފޯވާޑަރ ކުންފުނި...ރާއްޖެއަށް އެތެރެކުރާ 6000 އަށްވުރެ ގިނަ ކޮންޓޭނަރުން ލަންކާއަށް ބޭލުމަށާ މާލެ ގެންނަން އެރުވުމަށް އެކިނަންނަމުގަ ކޮމިޝަންތަކާ ހޭންޑްލިންގ ޗާޖަސް ލައިގެން އަސްލު ގްރޭޓްގެ އިތުރަށް 1500 އާއި 2000 ޑޮލަރާ ދެމެދުގެ އަދަދެއް އެބަ މިމީހުން ފޭރި ގަނެއެވެ.،40 ފޫޓް ކޮންޓޭނަރަކަށް 4000 ޑޮލަރަށް ވުރެ މައްޗަށް ދިވެހިން އަތުން ފޭރޭ ކަން ސަރުކާރަށް އެނގޭ ބާ؟
ވާންޗޯ
05 August 2025
ދެން ކާކު މިހާރު ތިތަނަށް ދާނީ، މަވެސް މިހާރު ދިއުން ހުޓާލާފީން
ދަރިންނޭ ހޭލާ..ދަވާލަނީ
05 August 2025
ރީތި އަނދުނެއް އަޅުވާފަ މިގައުމު ދަވާލަނީ ތިޔަ ލަންކާ މީހުން..3 ބޭންކް. 2 އިންސުރެންސް ޙކުންފުނި، ރިސޯޓް ތަކުގެ %25>. ގިނަ ރިސޯޓްޭ ތަކުގަ އާއި މާލޭ އޮފީހުގެ އެކައުންޓެންޓުން... ގިނަ ކޫރިއަރ ތައް.. ރިސޯޓް ސަޕްލައި ކޮންޓްރޯލް...ރާޢްޖެއަށް ކޮންޓޭނަރު ގެންނަޝިޕިންގް ލައިން ތަކުގެ ކޮންޓްރޯލް... ..ސިލޯނަށް ގެންނަ ކޮންޓޭނަރު 700 ޑޮލަރު. ރާއްޖެއަށް4000 ޑޮލަރު....ޕިލާވުސް.އާއި ޕިއްޒާ...ބޯކޮށުމާ ފޭޝަލް.. އިތުރުން ކަރުދާހުން މުސާރަ ބޮޑުކުރުމުގެ ވައްކަން.
މުއްޗު
05 August 2025
މިއީ ވަރަށް ތެދުވާހަކައެއް. ސަރުކާރުގެ މިއުޅޭ ވެރިންނަށް ނޭގޭނެ މި ގައުމު އެއްކޮށް ކިހިލި ޖަހައިގެން މިބޭރުމީހުން ގެންދާއިރު ވެސް. މަށަށް ކިހާވަރެއް ޚިޔާލަށް ޚިޔާލަށް ތިބޭނީ
ދަރިންނޭ ހޭލާށޭ..ގައުމު ދަވާލަނީ
05 August 2025
މާލޭގިހުރި ލަންކާ ބެންކް ތަކަށް އެމްއެމްއޭ އިން ދޫކުރާ ޑޮލަރު ތައް ކަހާލަނީ މިތާތިބި ލަންކާ ކުންފުނި ތަކާ އެތަން ތިނުގަ ވަޒީފާ ދީގެން އުޅޭ ލަންކާ މީހުނަށް.. ،މިބޭންކު ތަކުގަ އެކައުންޓް ގެންގުޅޭ.ދިވެހި ކުދި ވިޔަފާރި ވެރިންނަށް ދެނީ ވަރަށް ކުޑައެއްޗެއް...ޑޮލަރު ވިޔަފާރީގެ ކުރީ ސަފުހާ ލަންކާ މިހުން... ގައުމު ދަވާލާ މަތިމއްޗަށްދިވެހި ދަރިންގެ ބޮލަށް ދަރަނި،،ރާއްޖޭގެ..ސަރުކާރު ނިދާފަ..
އާދަނު33
06 August 2025
ދިވެހިން ކަންނެތްވީމާ ވާގޮތްއެއީ. ދިވެހިން ބޭނުންވަނީ އީޒީމަނީ..
ބެންކީ
06 August 2025
އެހެންތާ ވާނީ، އަހަރެމެން ޓްރާންސްޝިޕްމެންޓް ބަދަރު ހަދަން ކިޔަކިޔާ ތިބޭތާ މިހާރު 10 އހަރު ވީ، ވީކަމެއް ހަރާން، ދެން ކޮންޓޭނަރުތައް ލަންކާއަށް ބާލަންޏާ އެތާއުޅޭ އެޖެންޓުން ބުނާ އަގެއް ދީގެންދޯ އެކަން ކުރެވޭނީ، އަހަރެމެންނަށް ލަންކާގައި ޓްރާންސިޓްނުވެ އެއްވެސް ކޮންޓޭނަރެއް ގެނެވޭކަށް ނެތް،