މަރުގެ ހުކުމް އިއްވި ނަމަވެސް އެކަން ތަންފީޒުކުރުން ހުއްޓާލާފައިވާ މެލޭޝިއާގައި މަރުގެ އަދަބު ލާޒިމުކޮށްފައިވާ 11 ކުށަށް އެހެން އަދަބުތައް ދެވޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

މެލޭޝިއާއިން ނިންމާފައި ވަނީ މަރުގެ އަދަބު ނޫން އެހެން އަދަބެއް ނޯންނާނެ ކަމަށް މިހާރު ކަނޑައަޅަފައިވާ ކުށްތަކުގެ އަދަބަކަށް ދެވިދާނެ އެހެން އަދަބުތަކެއް ކަނޑައަޅައި، އެ މީހަކަށް ދޭނެ އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ދޫކޮށްލުމަށެވެ.

މެލޭޝިއާގެ ލޯ މިނިސްޓަރު ވަން ޖުނައިދީ ތުއަންކޫ ޖަފާރް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަރުގެ އަދަބުގެ ބަދަލުގައި ދެވިދާނެ އަދަބުތަކެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު 22 ކުށަކަށް މަރުގެ އަދަބު ދިނުމާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މަރުގެ އަދަބު ދިނުން ހުއްޓާލުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށީ ކުޑަ ދުވަސްކޮޅަކު ވެރިކަންކުރި ޕަރަކަން ހަރަޕަން ސަރުކާރުން އޮކްޓޫބަރު 2018 ގަ އެވެ. އޭގެ ފަހުން މެލޭޝިއާގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.

މެލޭޝިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިވަގުތު ވެސް މަރުގެ ހުކުމް ތަންފީޒުކުރަން ޖެހިފައި ތިބި 1،300 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވެފައިވާ މީހުންނެވެ.

މަރުގެ އަދަބު ދިނުމަށް ގެންނާނެ ބަދަލުތައް މެލޭޝިއާއިން ހާމަކުރި ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނެ އިރެއް ހާމަކޮށްފައެއް ނުވެ އެވެ.