02 އޯގަސްޓް 2022 - 13:21
ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ސްރީ ލަންކާގައި އުފެއްދުމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ދެއްވާފައިވާ ދައުވަތު ގަބޫލުކުރާނެ ކަމަށް، ލަންކާގެ ތަމަޅަ ޕާޓީއެއް ކަމަށްވާ ޓެމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން ބުނެފި އެވެ.
އެ ޕާޓީގެ ލީޑަރު އާރް ސަމްޕަންތަން ވިދާޅުވީ ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް އެކުލަވައިލުމަށް ރައީސް ރަނިލް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކަމަށެވެ. އަދި ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ގާއިމުކުރުމަށް ރަނިލް ކުރައްވާ މަސައްކަތަށް، އޭނާގެ ޕާޓީން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން މިންޖުވެވެން އޮތް ހަމައެކަނި ގޮތަކީ، ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ގާއިމުކުރުން ކަމަށެވެ. އަދި ޓެމިލް ނޭޝަނަލް އެލަޔަންސްގައި ބައިވެރިނުވާ ހުރިހާ ތަމަޅަ ޕާޓީތައް ވެސް، ރައީސް ރަނިލް ގާއިމުކުރައްވާ، ހުރިހާ ޕާޓީތަކުގެ ސަރުކާރުގައި ބައިވެރިވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
ޓީއެންއޭގެ ތަރުޖަމާނު އަދި ގާނޫނު ހަދާ މަޖިލީހުގައި ޖަފްނާ ތަމްސީލު ކުރައްވާ މެމްބަރު އެމް އޭ ސުމަންތިރަން ވިދާޅުވީ، ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ގާއިމުކުރުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އިޚްލާސްތެރިކަމުގައި ކަމަށްވާ ނަމަ، އެފަދަ ސަރުކާރެއްގައި ޓީއެންއޭ ބައިވެރިވާނެ އެވެ. ނަމަވެސް އެއީ އާންމުންގެ ރުހުން ހޯދުމަށްޓަކައި ދައްކާ ސިޔާސީ ހޮޅި ވާހަކަތަކެއް ކަމުގައިވާ ނަމަ، ޓީއެންއޭގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޕާޓީން ބުނި ގޮތުގައި ރަނިލް އުފައްދަވާ ސަރުކާރުގައި އެ ޕާޓީ ބައިވެރިވާން ނިންމީ، ސްރީ ލަންކާ އަށް މިވަގުތު ކުރިމަތިވެފައިވާ ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދަން ބޭނުންވާތީ އެވެ. އެހެން ނަމަވެސް، ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރެއްގައި ކެބިނެޓްގެ މަގާމެއް ފުރުމަށް، ޓީއެންއޭ އިން އަދި ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނަ އިއްޔެ ވިދާޅުވި ގޮތުގައި ލަންކާގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ސިޔާސީ ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް އެކުލަވައިލެއްވުމަށް ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. އަދި އޭނާ ވެސް އެކަމަށް ގޮވައިލެއްވި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ޕާޓީއަކުން އެކަމަށް އިޖާބަ ނުދޭ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އާންމުން، އެ ގައުމުގެ ރައީސް އޮފީހާއި ބޮޑުވަޒީރުގެ އޮފީހަށް ވަދެގަނެ އެ ދެ ތަނަށް ގެއްލުންތަކެއް ދީފައިވާތީ، އެ ދެ އޮފީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ބޮޑުވަޒީރު ދިނޭޝް ވިދާޅުވި ގޮތުގައި އެ ދެ އޮފީހުން އާންމުން ނެރުމަށް ފަހު އެ ދެ އޮފީސް ސާފުކޮށް މިހާރު ވަނީ ރަސްމީ މަސައްކަތްތައް ފަށައިފަ އެވެ.
އޭގެ އިތުރުން، ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީ ވެސް ވަރަށް އަވަހަށް ހަމައަކަށް އަޅުވައި އެ ގެކޮޅު ބޭނުންކުރެވޭ ގޮތް ހައްދަވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
02 August 2022
ތީ ވަރަށް ރަނގަޅުކަމެއް. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ފުރިހަމަ މިސާލެއް.
ށަވިޔަނި
02 August 2022
އެއްބައިވަންތަ ވެވުނަސް އެއްބައެއްވަންތައެއް ލަންކާގައިނުވާނެ. އެކަންވާނީ ދިވެހިރާއްޖޭގައި. އެކަމަކު އަހަރުން އެއްބައެއްވަންތަވީއިރު އެއްބައިވަންތައެއްނުވެވޭ. ހިތާމަހުރި. ބަސް ދީން ދަރިފަސްކޮޅު އެކައްޗެއް. ދީނީގޮތުންވެސް އެބައިވަންތަބައެއްގެ ގޮތުގައި ތިއްބާ ރެނދުލައްވާފި. ހިތާމަކުރަން.