އިރާގުގެ ޚާއްސަ ފައުޖުގެ ސިފައިން މޫސަލްގައި ކުރިއަށް

އިރާގުގެ އުތުރުގައި އޮންނަ މޫސަލް އިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ފައްސައިލުމަށް ކުރަމުންދާ ހަނގުރާމައިގައި އިރާގުގެ ޚާއްސަ ފައުޖުގެ ސިފައިން ކުރިއަރަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.


އާދީއްތަ ދުވަހު ދިޖްލަތު ކޯރު ހުރަސްކޮށް ކޯރުގެ އިރުމަތީ ފަރާތަށް ދިއުމަށް ފަހު މޫސަލްގެ އެތެރެ އަށް ވަންނަން ފެށި ސިފައިން އިއްޔެ ވަނީ މޫސަލްގެ މައި ދެ އަވަށަކުން އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް ފައްސާލައިފަ އެވެ. އެ ގޮތުން މޫސަލްގެ ބަލަދިއްޔާތު އަވަށާއި އެ އަވަށުގެ ވަށައިގެން އޮންނަ ކުޑަ ތިން އަވަށެއްގައި ތިބި އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވިފައިވާ ކަމަށް އިރާގު ސިފައިން ބުނެ އެވެ.

އިރާގުގެ ޚާއްސަ ފައުޖުގެ ސިފައިން ދިޖްލަތު ކޯރު ހުރަސް ކުރުމަށް ފަހު އިއްޔެ ވަނީ، އާސާރީ ސަހަރެއް ކަމަށްވާ ނައިނަވާ ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކުރި މޫސަލްގެ އަވަށެއްގައި ހުރި އިމާރާތެއްގެ ކައިރީގައި އިރާގު ސިފައިންގެ މީހަކު މަޑުކޮށްލައިގެން. ފޮޓޯ ރޮއިޓާސް

އިރާގު ސިފައިން މޫސަލް ހިފުމަށް މިދިޔަ އޮކްޓޫބަރު މަހުގެ ފެށި ހަނގުރާމައިގައި ކުރިއެރުންތަކެއް ހޯދަމުންދާ އިރު، އައިއެސްގެ ހަނގުރާމަވެރިން ދަނީ ފަރުބަދަމަތީ ސަރަހައްދުތަކަށް ވަދެ ފިލަމުންނެވެ. އެހެންކަމުން، އެމެރިކާއާ ގުޅިފައިވާ ލަޝްކަރުން ވައިގެ މަގުން ދޭ ހަމަލާތައް މިހާރު އަމާޒު ކޮށްފައިވަނީ ފަރުބަދަމަތީގައި އައިއެސްގެ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށެވެ.

އައިއެސްގެ ހަނގުރާމަވެރިން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މޫސަލް ހިފުމަށް ފަހު، އެ ޖަމާއަތުން ވަނީ މޫސަލް އާއި ސީރިޔާގެ ވަކި ސަރަހައްދެއްގައި އިސްލާމީ ދައުލަތުގެ ނަމުގައި ވަކި ވެރިކަމެއް އިއުލާން ކޮށްފަ އެވެ. މިހާރު ވެސް މޫސަލްގެ ހުޅަނގު ސަރަހައްދު އޮތީ އައިއެސްގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. (ރޮއިޓާސް)