މެދު އިރުމަތީގެ ސުލްހަ އަށް ދެ ދައުލަތް އުފެއްދުން ނޫން ހައްލެއް ނެތް: އދ

ގާހިރާ (ފެބްރުއަރީ 16) - ފަލަސްތީނާއި އިޒްރޭލުގެ ސުލްހަ އަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް އުފެއްދުން ކަމަށް އދ.ގެ ސެކްރެޓަަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.


މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ ބައްދަލު ކުރެއްވުމަށް ފަހު ގުޓަރޭޒް ވިދާޅުވީ ދެ ދައުލަތް އުފެއްދުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށާއި އެކަން ހާސިލް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ގާހިރާ ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން ވެސް ގުޓަރޭޒް ވިދާޅުވެފައި ވަނީ އިޒްރޭލް- ފަލަސްތީނު މައްސަލަ އަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ "މަންމަ" ކަމަށެވެ.

"ދެ ދައުލަތް އުފައްދައިގެން މެދުއިރުމައްޗަށް ހޯދާ ހައްލަށް ޕްލޭން ބީއެއް ނެތް،" ގުޓަރޭޒް ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ދައުލަތް އުފައްދައިގެން ފަލަސްތީނު-އިޒްރޭލް މައްސަލަ އަށް ހައްލު ހޯދަން ޒަމާނުއްސުރެ އެމެރިކާ އިން ގެންގުޅުނު ސިޔާސަތު ދޫކޮށްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފަލަސްތީނުން ބުނެފައި ވަނީ އެމެރިކާގެ ރައީސް ދައްކަވާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. ޕީއެލްއޯގެ ސެކްރެޓަރީ-ޖެނެރަލް ސައީބު އަރަކާތު ވިދާޅުވީ ފަލަސްތީނާ މެދު ތަފާތު ކުރާ ކޮންމެ ސިޔާސަތަކާ ދެކޮޅު ހަދާނެ ކަމަށެވެ.