ބޮޑެތި ގައުމުތަކުން މިއަދު ޓްރަމްޕަށް އިންޒާރު ކުރާނެ

އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރުމަކީ މެދުއިރުމަތީގެ ސުލްހައިގެ ފުރުސަތުތައް ނަގައިލުން ކަމަށް ބުނެ، ދުނިޔޭގެ ބޮޑެތި ގައުމުތަކުން، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިއަދު އިންޒާރު ކުރާނެ އެވެ.


މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑެތި ގައުމުތަކުން ޓްރަމްޕަށް އިންޒާރުގެ މެސެޖެއް ދޭނީ، ފަލަސްތީނުގެ ސުލްހަޔާ ބެހޭ ގޮތުން ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި މިއަދު ފަށާ މަހާސިންތާގަ އެވެ. މި މަހާސިންތާގައި ދުނިޔޭގެ 70 ގައުމަކުން މަންދޫބުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދުގެ ބޮޑެތި ގައުމުތަކާއި އަރަބި ދުނިޔޭގެ ބޮޑެތި ގައުމުތައް ހިމެނެ އެވެ.

އޭގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ގައުމުތައް ވެސް މި ބައިވެރިވުމުގައި ނުވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނިންމަވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ ވަކި ފަރާތަކަށް ޖެހިގެން ބާއްވާ މަހާސިންތާއެއް ކަމަށެވެ.

މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އިޒްރޭލުން މި މަހާސިންތާގައި ބައިވެރި ނުވި ކަމުގައި ވިޔަސް، މީގެ ފަސް ދުވަސް ފަހުން އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޓްރަމްޕަށް ރަނގަޅު މެސެޖެއް ދިނުމުގެ ފުރުސަތު، ދުނިޔޭގެ ނުފޫޒު ގަދަ ގައުމުތަކަށް، މި ބައްދަލުވުމުން ލިބިގެންދާނެ އެވެ.

"އެ ނިންމުން ވެގެންދާނީ އެ ސަރަހައްދުގެ މައްސަލަ އިތުރަށް ގޯސް ކުރާ ކަމަކަށް. ރައީސަކަށް ވުމުގެ ފަސް ދުވަސް ކުރިން، ފަލަސްތީނާއި އިޒްރޭލުގެ ދެ ދައުލަތް ގާއިމު ކުރުމުގެ ހައްލަށް ވާސިލުވުމަށް، ދުނިޔޭގެ 70 ގައުމުން ގޮވައިލުމަކީ ޓްރަމްޕަށް އިހުމާލު ކޮށްލެވޭނެ ކަމެއް ނޫން،" އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރުމަށް، ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދަށް އިޝާރާތް ކުރައްވައި، ފަރަންސޭސި ވިލާތުގެ އިސް ޑިޕްލޮމޭޓިކް ރޮއިޓާސް އަށް ވިދާޅުވި އެވެ.

ފަރަންސޭސި ވިލާތުން ބުނާ ގޮތުގައި މިއަދު ޕެރިހުގައި ފަށާ މަހާސިންތާގައި އިޒްރޭލަށް ނުވަތަ ފަލަސްތީނަށް ވަކި ކަންތަކެއް ލާޒިމެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އިޒްރޭލު-ފަލަސްތީނު މައްސަލަ އަށް ހައްލެއް ލިބޭނީ އެ ދެ ގައުމުގެ މެދުގައި ދެކެވޭ ސީދާ ވާހަކަތަކުން ކަމަށް ފަރަންސޭސި ވިލާތުން ދެކެ އެވެ.

ޕެރިސް މަހާސިންތާގައި މަޝްވަރާކުރުމަށް ޑްރާފްޓް ކޮށްފައިވާ ބަޔާނުގައި، ފަލަސްތީނުގެ ސުލްހަޔާ ބެހޭ ގޮތުން އދ. އިން މިހާތަނަށް ފާސްކޮށްފައިވާ ގަރާރުތައް ބަޔާންކޮށް އެ ގަރާރުތަކަށް ބާރު ދީފައިވެ އެވެ. އަދި މިނިވަން ދެ ދައުލަތް ގާއިމު ކުރުމުގެ މަސައްކަތް ދެ ގައުމުން ވެސް އަލުން ފެށުމަށް ފަލަސްތީނާއި އިޒްރޭލަށް ގޮވާލާފައިވެ އެވެ.

އެމެރިކާ އާއި އިޒްރޭލާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހި ކުރުމުގެ ގޮތުން، އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރުމަށް ޓްރަމްޕް ވައުދުވެވަޑައިގަތީ ރިއާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގަ އެވެ. އެމެރިކާގެ މިހާރުގެ ރައީސް އޮބާމާގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެމެރިކާ އާއި އިޒްރޭލުގެ ގުޅުން ވަނީ ހީނަރުވާން ފަށައިފަ އެވެ. އަދި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުން ހުއްޓައިލުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގައި ދާދި ފަހުން ފާސްކުރި ގަރާރު އެމެރިކާ އިން ވީޓޯ ނުކުރުމުން އިޒްރޭލު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.