ދުނިޔެ / އީރާން

އީރާން: މިފަހަރު ބާރުގަދަ ބޭފުޅުންގެ ގަދަހިފުމަކަށް ވެދާނެ!

އިރާނުގެ ރައީސް ރައިސީ އަވަހާރަވުމާ ގުޅިގެން، ތެހެރާނުގައި ގިނަ ބަޔަކު އެއްވެ ހިތާމަފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

21 މެއި 2024 - 10:14

އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ސަރުކާރުގެ ތެރޭގައި ތިއްބެވި ބާރުގަދަ ބޭފުޅުންގެ މެދުގައި ގަދަހިފުމަކަށް ހިނގައިދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރު އިރުއުތުރުގެ މަޝްހާދު ސިޓީ އަށް އުފަން ރައިސީ ވަނީ ޒުވާން އުމުރުގައި ޚާމަނާއީގެ ދަރިވަރެއްގެ ގޮތުގައި ދީނީ އިލްމާއި އިސްލާމީ ފިގުހު ކިޔަވާވިދާޅުވެފަ އެވެ.

ރައިސީ، 2021 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ވެސް ޚާމަނާއީގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ޚާމަނާއީ އަށް ފަހު އިރާނުގެ ރޫހާނީ ލީޑަރުކަން ވާރުތަވާން އޮތީ ރައިސީއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ޚާމަނާއީ އެކޭ އެއްގޮތަށް، ރައިސީ އަކީ އިރާނުގެ އެންމެ ބޮޑު އަދުއްވުންގެ ގޮތުގައި އެމެރިކާ އާއި އިޒްރޭލު ކަނޑައަޅުއްވައި، ފާޅުގައި ކެރިވަޑައިގެން ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ.

އިރާނުގެ ރައީސް ރައިސީ: ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީ ވަނީ އަވަހާރަވެފައި. --ފޮޓޯ: އޭއެފްޕީ

ޚާމަނާއީ ފާޅުގައި ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވިޔަސް، ތުންތުންމަތިން އެންމެ ގިނައިން އިވޭ ދެ ނަމަކީ، ރައިސީގެ އިތުރުން ޚާމަނާއީގެ ދެވަނަ ފިރިހެންދަރިކަލުން މޮޖްތަބާ އެވެ. އިރާނުގެ ސަރުކާރުގެ ތެރޭގައި ފާޅުގައި ނޫޅުއްވިޔަސް، މޮޖްތަބާއަކީ ފަރުދާ ފުރަގަހުގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވެ އެވެ.

އެކަމަކު، އެމެރިކާއިން ވާގިވެރިފައިވާ އޮތް ރަސްކަން 1979 ވަނަ އަހަރު ވައްޓާލުމަށް ފަހު، އާއިލީ ވެރިކަމަކަށް އެނބުރި ދާން ޚާމަނާއީ ބޭނުންފުޅުނުވާ ކަމަށް އަރިސް ބޭފުޅުން ގަބޫލުކުރައްވަ އެވެ. އެހެންވެ، ރޫހާނީ ލީޑަރު ކަމަށް މޮޖްތަބާއަށް ވަޑައިގެންނެވުން ނާދިރު ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ޚާމަނާއީ އަށް އުނދަގޫތަކެއް

ރައިސީ ރައީސްކަމަށް ގެންނެވީ، އިރާނުގައި ވަށައިގެން އޮތް ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ، އިސްލާމީ ދައުލަތް ގާއިމުކޮށްފައި ބޭއްވުމަށް ޚާމަނާއީގެ ބާރު ދެމެހެއްޓުމަށް ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާސް ނޫހަށް ވިދާޅުވި އެވެ.

އަދި ރައިސީ ހާނަމުންދިޔައީ މުސްތަގުބަލުގައި ރޫހާނީ ލީޑަރުކަމަށް ގެންނަން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ރައިސީގެ ސިޔާސީ ހަޔާތް، ޚާމަނާއީ ކުރެއްސެވި ގޮތުން އެކަމަށް ހެކިދެ އެވެ.

އިރާނުގެ ރައީސް ރައިސީ އަވަހާރަވުމާ ގުޅިގެން ބަޣުދާދުގައި ހުންނަ އިރާނު އެމްބަސީގެ ފާރުގައި ރައިސީގެ ޕޯސްޓަރެއް ބަޔަކު ހަރުކުރަނީ. --ފޮޓޯ: އޭއެފްޕީ

ރައިސީ ވަނީ 1989 އިން 1994 އަށް ތެހެރާނުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމާއި 2004 ވަނަ އަހަރުން ފެށިގެން 10 އަހަރު ވަންދެން ޖުޑީޝަލް އޮތޯރިޓީގެ ޑެޕިއުޓީ ޗީފްގެ މަގާމާއި، އޭގެ ފަހުން 2014 ވަނަ އަހަރު ގައުމީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.

އޭގެފަހުން، 2016 ވަނަ އަހަރު ޚާމަނާއީ ވަނީ މަޝްހާދުގައި ހުންނަ އިމާމް ރެޒާގެ ޒިޔާރަތް ބެލެހެއްޓުމާއި ސިނާއީ އަދި މުދަލުގެ ގިނަ އެސެޓުތަކެއް ކޮންޓްރޯލްކުރާ ޗެރިޓަބަލް ފައުންޑޭޝަނެއްގެ އިސްވެރިއަކަށް ރައިސީ އައްޔަނުކުރައްވައިފަ އެވެ.

އޭގެ ތިން އަހަރު ފަހުން ޚާމަނާއީ ޖުޑީޝަލް އޮތޯރިޓީގެ ވެރިއަކަށް ރައިސީ އައްޔަން ކުރެއްވިއިރު، އޭނާ އަކީ ރޫހާނީ ލީޑަރު ހޮވާ ތަޖުރިބާކާރުންގެ މަޖިލީހުގެ މެންބަރެކެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ. --ފޮޓޯ: އޭއެފްޕީ

"ރައިސީ އަވާހަރަވުމަކީ ޚާމަނާއީ އަށް ބޮލުރިހުމަކަށް ވާނެ. އެއީ މިހާރު [ރޫހާނީ ލީޑަރުކަމަށް] އިތުރު ކެންޑިޑޭޓަކު ނުހުންނާނެތީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހުސްކަން ފޫބައްދަން، ދެން ފައިނަގައިގެން ތިބޭނީ އިރާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނާއި ނުފޫޒުގަދަ ދީނީ އިލްމުވެރިން ކަމަށް ތަޖުރިބާކާރުން ގާބޫލުކުރެ އެވެ.

އިރާނުގެ ރައީސް ރައިސީ އަވަހާރަވުމާ ގުޅިގެން، ތެހެރާނުގައި ގިނަ ބަޔަކު އެއްވެ ހިތާމަފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އަދި މިއީ އިރާނުގެ ކުރިމަތީގައި އޮތް ބިރުވެރި ހާލަތެއް ކަމަށް ދަނީ ސިފަކުރަމުންނެވެ.

"ރައިސީ އަވަހާރަވުމާ ގުޅިގެން އިރާނުގެ ސަރުކާރުގެ ތެރޭގައި، 1980 ވަނަ އަހަރުން ފެށިގެން ފެނިފައިނުވާ ފަދަ އެތެރޭގެ ކޯޅުމެއް ފެނުން ވަރަށް ގާތް،" އޮފިޝަލް ވިދާޅުވި އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454