އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލިތާ 132 ދުވަސް ފަހުން ފަސްދާނުލައިފި އެވެ.
އީރާނުގެ އިރުމަތީގައި އޮންނަ، ޚާމަނާއީގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި އޭނާގެ ހަށިކޮޅު ފަސްދާނުލީ މިއަދު އެވެ. އީރާނުގެ ގައުމީ ދިދައިން ނިވާކޮށްފައިވާ އޭނާގެ ސަންދޯން މަގުބަރާއަށް ވެއްދި ވަގުތު، ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެ ތިއްބެވެ. ނަމަވެސް، ޚާމަނާއީ އަށް ފަހު ލީޑަރު ކަމަށް އައްޔަންކުރެއްވި އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ މި ޖަނާޒާއިން ފެނިފައެއް ނުވެ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަދި އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން އޭނާ ވެސް ވަނީ ފެބްރުއަރީ މަހުގެ ހަމަލާގައި ޒަހަމްވެފަ އެވެ.
އީރާންގައި 1989 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވައި، އިދިކޮޅު ހަރަކާތްތައް ހުއްޓުވައި ހުޅަނގާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވި އުމުރުން 86 އަހަރުގެ ޚާމަނާއީ އަވަހާރަކޮށްލީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ. މި ހަމަލާގައި އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި މަތީ ފަންތީގެ ބައެއް އޮފިޝަލުން ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.
ޚާމަނާއީގެ ޖަނާޒާގެ ހަރަކާތްތައް ހަ ދުވަހަށް ދެމިގެން ގޮސްފައި ވާއިރު އެކި ސިޓީތަކުން 41-43 މިލިއަން މީހުން ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވި ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
ޚާމަނާއީ ފަސްދާނުލީ އިރު އެމެރިކާ އާއި އީރާނާ ދެމެދު އަނެއްކާ ވެސް ވަނީ ހަމަލާ ބަދަލުކުރަން ފަށައިފަ އެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި 17 މީހުން މަރުވެފައިވާއިރު، ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ހަމަލާދީފަ އެވެ.
އީރާނުން ވަނީ މިކަމުގެ ރައްދުގައި، ކުވައިތު، ބަހްރައިން އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މީގެ އިތުރުން ޖޯޑަންއިން ވަނީ އީރާނުން ފޮނުވާލި 8 މިސައިލެއް ވައްޓާލައިފަ އެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އީރާނުގެ ގިނަ ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި، އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.