މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ހަމަލާދީ އަވަހާކޮށްލި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އީރާނުގައި ފަސްދާނުލުމުގެ ކުރިން ބާއްވާ ހަރަކާތްތަކުގައި ޚާމަނާއީގެ ހަށިގަނޑު އިރާގަށް ވެސް ގެންދާނެ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާއިން އާންމުކުރި ވީޑިއޯއެއްގައި ތެހެރާނުގެ މޭޔަރު އަލީރެޒާ ޒަކާނީ ވިދާޅުވީ، ޚާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމާއި ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށްދާނީ ޖުލައި 4 އިން 9 އަށް ކަމަށެވެ.

"ޖުލައި 8، 2026 ގައި މި ހަރަކާތްތައް އޮންނާނީ އިރާގުގައި. އަދި ޖުލައި 9، 2026 ގައި، މާތްﷲ ގެ އިރާދަފުޅާ އެކު، ޚާމަނާއީ ފަސްދާނުލާނީ އީރާނުގެ މަޝްހަދުގައި،" އޭނާ ވިދާޅުވި އެވެ.

އީރާނެކޭ އެއްފަދައިން އަވަށްޓެރި އިރާގަކީ ވެސް ޝިޔައީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ، އަދި ޝިއައީ މުސްލިމުންގެ މުގައްދަސް ބިނާތައް ހުރި ގައުމެކެވެ. މީގެ ތެރޭގައި ކަރުބަލާގައިވާ އިމާމް ހުސައިންގެ މަގްބަރާ އާއި ނަޖަފްގައިވާ އިމާމް އަލީގެ މަގްބަރާ ހިމެނެ އެވެ.

ނަމަވެސް، އިރާގުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި އަލީ ޚާމަނާއީގެ ހަށިކޮޅު ގެންދާނީ ސީދާ ކޮން ތަންތަނަކަށް ކަމެއް ޒަކާނީ ވިދާޅެއް ނުވެ އެވެ.

އީރާން އެމްބަސީއާ ގާތް ގުޅުމެއް އޮންނަ އިރާގުގެ މަސްދަރަކުން ބުނި ގޮތުގައި، ޚާމަނާއީގެ ހަށިކޮޅު ޖުލައި 8 ގައި ނަޖަފަށް ގެންދާނެ އެވެ.

"އެއާޕޯޓުގައި ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންގެ ހާޒިރުގައި ރަސްމީ ހަރަކާތްތަކެއް ބޭއްވުމަށްފަހު، އެމްބިއުލާންސެއްގައި ހަށިކޮޅު އިމާމް އަލީގެ މުގައްދަސް މަގްބަރާއަށް ގެންދާނެ،" އެ އޮފިޝަލް ބުންޏެވެ.

"އޭގެ ފަހުން، ހެލިކޮޕްޓަރުގައި ހަށިކޮޅު ކަރުބަލާއަށް ގެންދާޏެ... އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ ހިނގާލުމެއް ބޭއްވުމަށް ފަހު، އަލުން ނަޖަފަށް، އަދި އެއަށްފަހު މަޝްހަދަށް ގެންދާނެ."

ޒަކާނީ ވިދާޅުވީ ތެހެރާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަނާޒާގެ ހަރަކާތްތަކަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އޮފިޝަލުން ލަފާކުރާ ގޮތުގައި އެ ސިޓީއަށް ގާތްގަނޑަކަށް 20 މިލިއަން މީހުން އެއްވާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިރަށް ތެހެރާނުގެ ތާރީހުގައި ވެސް ދުވަހަކު ވެސް މިހާ ގިނަ އަދަދެއްގެ މީހުން އެއްވެފައެއް ނުވެ އެވެ.

ރޫހުﷲ ޚުމައިނީ 1989 ވަނަ އަހަރު އަވަހާރަވުމުން، އޭނާގެ ޖަނާޒާގައި ގާތްގަނޑަކަށް 10 މިލިއަން މީހުން ބައިވެރިވި ކަމަށް އީރާނުގެ މީޑިއާތަކުން އޭރު ރިޕޯޓުކޮށްފައިވެ އެވެ. -- އޭއެފްޕީ