ދުޝްމަނުން ދަނީ އީރާނާއި އިރާގު ދެމެދު ނަފްރަތު އުފައްދަމުން: ޚާމަނާއީ

ތެހެރާން (އޮކްޓޯބަރު 7) - އީރާނާއި އިރާގާ ދެމެދު ނަފްރަތުގެ އޮށް އިންދުމަށް ދުޝްމަނުން ދަނީ މަސައްކަތް ކުރަމުން ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


"އީރާނާއި އިރާގަކީ ހިތާއި ރޫހުން ގުޅިފައިވާ ދެ ގައުމު. ދުޝްމަނުން ދަނީ މި ދެ ގައުމުގެ މެދުގައި ނަފްރަތުގެ އޮށް އިންދުމަށް މަސައްކަތް ކުރަމުން. އެކަމަކު އެ މީހުންނަށް އެކަން ވަނީ ނާކާމިޔާބުވެފައި. އެ މީހުންގެ ނުބައި ރޭވުން ކާމިޔާބެއް ނުވާނެ،" ޚާމަނާއީގެ ރަސްމީ އެކައުންޓުންކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވި އެވެ.

ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުނީ ޚާމަނާއި އިޝާރާތް ކުރައްވާފައި ވަނީ އިރާގުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަށެވެ. އިރާގު ސަރުކާރާ ދެކޮޅަށް މިދިޔަ ހަފުތާގައި ފެށި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

މުޒާހަރާ ކުރާ މީހުން ބުނަނީ އެ މީހުން މަގުތަކަށް ނުކުތީ ވަޒީފާ ނުލިބުމާއި ސަރުކާރުގެ ޚިދުމަތުގެ ފެންވަރު ދަށްވުމާއި ކޮރަޕްޝަން ބޮޑުވުމުން ކަމަށެވެ. މިއީ އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް) 2017 ވަނަ އަހަރު ބަލިކޮށްލި ފަހުން އެ ގައުމުގައި ހިންގަމުންދާ އެންމެ ވަރުގަދަ ހަމަނުޖެހުންތަކެވެ.

އިރާނާއި އިރާގުން 1980-1988 އަށް ވަނީ ވަރުގަދަ ހަނގުރާމައެއް ކޮށްފަ އެވެ. އެމެރިކާ ސިފައިން އަރާ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން 2003 ވަނަ އަހަރު ވައްޓާލި ފަހުން އިރާގުގައި އީރާންގެ ނުފޫޒް ދަނީ ގަދަކުރަމުންނެވެ.