އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެ މަގާމަށް އައްޔަންކޮށްފައިވާ އޭނާގެ ދަރިކަލުން މުޖްތަބާ ވެސް ހަމަ އެ ހަމަލާގައި ޒަހަމްވެފައިވާ ކަމަށް ސައިޕްރަސް އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީރިޒާއީ ސަލަރިއަން ވިދާޅުވެއްޖެ އެވެ. 

"ބޮމުގެ ހަމަލާތައް ދިން އިރު އޭނާ ވެސް އެތަނުގައި ހުންނެވި. އޭނާ ޒަހަމްވި ނަމަވެސް، ބޭރުގެ ޚަބަރުތަކުން އެ ވާހަކައެއް ނުފެނޭ،" ލަންޑަންގައި ހިންގާ ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަލީރިޒާއީ ވިދާޅުވި އެވެ. 

"އަޅުގަނޑަށް އިވިފައިވާ ގޮތުގައި އޭނާގެ އަތާއި ފައި ވަނީ ޒަހަމްވެފައި ... އަޅުގަނޑަށް ހީވަނީ އޭނާ ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިހެން." 

ޚާމަނާއީ އަވަހާރަކޮށްލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު، ދުވާލު އީރާންގެ ވެރިރަށް ތެހެރާނަށް އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކުގެ ފުރަތަމަ މަރުހަލާގަ އެވެ. 

އާ ލީޑަރު މުޖްތަބާ ޚާމަނާއީގެ ބައްޕާފުޅުގެ އިތުރުން މަންމާފުޅާއި އަނބިކަނބަލުން ވެސް ހަމަލާގައި ވަނީ އަވަހާރަކޮށްލައިފަ އެވެ. 

މުޖްތަބާ ވެސް ހަމަލާއެއްގައި އަވަހާރަވެފައިވާ ކަމަށް ނުވަތަ ޒަހަމްވެފައިވާ ކަމަށް އަޑު ފެތުރިގެން އުޅެނީ މަގާމަށް އައްޔަންކުރިތާ ހަފްތާއެއް ވާއިރު ވެސް އޭނާގެ ބަޔާނެއްހާ ހިސާބު ވެސް ނެރެފައި ނުވާތީ އާއި ވީޑިއޯއަކުން ވެސް ފެނިފައި ނުވާތީ އެވެ. 

ޚާމަނާއީ އަވަހާރަކޮށްލި ހަމަލާތަކަށް ފަހު އީރާނުން ގެންދަނީ އިޒްރޭލާއި ގަލްފުގެ އެކި ގައުމުތަކުގައިވާ އަސްކަރީ އެކި ތަންތަނަށް ހުއްޓުމެއް ނެތި ހަމަލާ ދެމުންނެވެ. އަދި ތެލާއި ގޭސް އުފުލާ މައި މަގު ކަމަށްވާ ހޮރްމުޒް ކަނޑޯޅި ބަންދުކޮށް ހަކަތައިގެ ކާރުހާނާތަކަށް ހަމަލާދެމުން ދާތީ ތެލުގެ މާކެޓް ހަލަބޮލިވެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.