އަލަށް އުފެއްދި މައްކާ މިއުޗުއަލް ޑިފެންސް ޕެކްޓްގެ މަންދޫބުންނާ އެކު ތެހެރާންގައި ބޭއްވި މަތީ ފެންވަރުގެ ޑިޕްލޮމެޓިކް ބައްދަލުވުމަކަށް ފަހު، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރެޒާއީ އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރައްވައި އެ މަޝްވަރާތަކާ ބެހޭ މައުލޫމާތު އަރުވައިފި އެވެ.

މިއީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަވި އަލީ ޚާމަނާއީއަށް ފަހު، ސުޕްރީމް ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އާޔަތުﷲ މުޖުތަބާ ޚާމަނާއީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން، އާންމުކޮށް އިއުލާންކޮށްގެން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މަގާމާ ހަވާލުވެވަޑައިގަތް ފަހުން އޭނާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އަދި އާންމުކޮށް މުއާމަލާތް ކުރައްވަނީ ލިޔުމުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ތިން ކަމަކަށެވެ. އެއީ:

  • އެމެރިކާ އާއި އިޒްރޭލާ އެކު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ކަނޑައަޅާފައިވާ ޝަރުތުތަކުގައި ސާބިތުވެ އޮތުމަށް ޚާމަނާއީ ވަނީ ބާރުއެޅުއްވި.
  • ސަރަހައްދީ އަދި ގައުމީ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި، ވިޔަފާރީގެ ގޮތުން މުހިންމު  ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި.
  • ބޭރުގެ ނުފޫޒުތަކުން ސަލާމަތްވުމަށްޓަކައި، އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަކުރުމާ ބެހޭ ގޮތުން ވާހަކަދެއްކެވި.

ސެކިއުރިޓީ ޗީފް ރެޒާއީ ސުޕްރީމް ލީޑަރާ ބައްދަލުކުރައްވާފައި މިވަނީ، މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓްގައި ހިމެނޭ ސައޫދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީގެ މަތީ ފެންވަރުގެ ވަފުދަކާ އެކު އިއްޔެ ބޭއްވި މުހިންމު ސަމިޓަށް ފަހު އެވެ. މި ވަފުދުގައި ސައޫދީގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން، ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު އަދި ތުރުކީގެ އިންޓެލިޖެންސް ޗީފް އިބްރާހީމް ކަލިން ހިމެނިވަޑައިގަންނަވަ އެވެ.

މި ސަމިޓުގައި، ހަނގުރާމަ ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމަކާ ހަމައަށް ނާދެވުނު ނަމަވެސް، ހުޅަނގުގެ ނުފޫޒުން އެއްކިބާވެ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަތަރު ގައުމުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް އުވާލައި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލުމުން ނޫނީ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުން ވަނީ ސާފުކޮށް ބުނެފަ އެވެ.

މި ތާރީހީ ސަމިޓަށް ފަހު ރެޒާއީ ދައުލަތުގެ ޓީވީއަށް ވިދާޅުވީ، އަވަށްޓެރި ގައުމުތަކުން އަސްކަރީގޮތުން ގުޅިގެން މަސައްކަތް ކުރަމުންދާތީ، ސަރަހައްދީ ފެންވަރުގައި "އާ، ހެޔޮ ބަދަލުތަކެއް" ފެންނަން ފަށާފައިވާ ކަމަށެވެ.