އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ޚާމެނައީއާ ބައްދަލުކުރައްވައިފި ކަމަށް ޚާމަނާއީގެ އޮފީހުން އާދީއްތަ ދުވަހު ބުނެފި އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނު އިރު އީރާންގެ ލީޑަރަކަށް ހުންނެވި އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެ މަގާމަށް އައްޔަންކޮށްފައި، އޭނާގެ ދަރިކަލުން މުޖުތަބާ އާންމުންގެ ތެރެއަށް އޭގެ ފަހުން ނުކުމެވަޑައިގެން ނޫޅުއްވަ އެވެ.
"ޑރ. މަސްއޫދު ޕެޒެޝްކިއަން ވަނީ އާޔަތުﷲ މުޖްތަބާ ޚާމަނައީއާ ބައްދަލުކުރައްވައި، ރިޔާސީ ދައުރުގެ ތިން ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި މަޝްވަރާކުރައްވާފައި،" ބައްދަލުވުން ބޭއްވި ތާރީހެއް ހާމަނުކޮށް ސުޕްރީމް ލީޑަރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
ޖުލައި 2024 ގައި ވެރިކަމަށް ވަޑައިގަތް ޕެޒެޝްކިއަން، މޭ މަހުގެ ކުރީކޮޅު ވެސް ޚާމަނާއީއާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ފަހަރުވެސް ތާރީހެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި އެ ދުވަސްވަރު ސުޕްރީމް ލީޑަރުގެ އޮފީހުން އެފަދަ ބަޔާނެއް ނެރެފައެއް ވެސް ނުވެ އެވެ.
މުޖުތަބާގެ ބައްޕާފުޅު އަވަހާރަވި ހަމަލާތަކުގައި މުޖުތަބާ ވެސް ޒަހަމްވި ކަމަށް އަޑުފެތުރި، ސިއްހީ ހާލުކޮޅާމެދު ތަފާތު ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި، ޕެޒެޝްކިއަން ބުދަ ދުވަހު ވަނީ ރޫހީ ލީޑަރާ މި ވަގުތު މުއާމަލާތް ކުރުމަކީ "ވަރަށް އުނދަގޫ" ކަމަކަށް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މުޖުތަބާގެ އޮފީހުން ބުނި ގޮތުގައި ދެ ބޭފުޅުން ވަނީ ގައުމުގެ މައްސަލަތަކާއި ދަތިތަކާ މެދު "ތަފްސީލުކޮށް މަޝްވަރާކުރައްވައިފަ" އެވެ. އަދި އޭގެ ތެރޭގައި "މިހާރުގެ އަސްކަރީ ހާލަތާއި ކުރިއަށް އޮތް ތަނުގައި ކަންކަން ވެގެންދާނެ ގޮތްތައް" ހިމެނެ އެވެ.
އާދީއްތަ ދުވަހު ތަސްނީމް ނިއުސް އެޖެންސީން އަސްކަރިއްޔާގެ ޖެނެރަލަކާ ހަވާލާދީ ބުނެފައިވަނީ، ޚާމަނާއީ އާންމުންގެ ތެރޭގަ އާއި ބައްދަލުވުންތަކުގައި އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތައް "ކުރިއަށް އޮތް ތަނުގައި ޝާއިއުކުރެވޭނެ" ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހު ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ވަނީ އެމެރިކާއާ އެކު މަޝްވަރާތަކެއް ކޮށްފަ އެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ހެދި ފުރަތަމަ އެއްބަސްވުން ވަނީ ރޫޅިފަ އެވެ. އަދި އީރާނުގެ ފޮރިން މިނިސްޓަރު ވަނީ މިހާރު މަޝްވަރާތައް ކުރިއަށްދަނީ މެދުވެރިންގެ އެހީއާ އެކު، މެސެޖު ބަދަލުކުރުމުގެ ތެރެއިން އެކަނި ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ