އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެ މަގާމަށް މިއަދު އޭނާގެ ދޮށީ ދަރިކަލުން އާޔަތުﷲ މުޖްތަބާ ޚާމަނާއީ އައްޔަންކޮށްފި އެވެ.
މިދިޔަ މަހުގެ 28 ގައި ޚާމަނާއީ އަވަހާރަކޮށްލުމުން މުޅި މެދުއިރުމަތި ހަނގުރާމައެއްގެ ތެރެއަށް ދިޔަތާ ނުވަ ދުވަސް ފަހުން ލީޑަރުކަމަށް މުޖްތަބާ ހޮވައި އައްޔަންކުރީ އެމެރިކާ އާއި އިޒްރޭލުން އިންޒާރުދެމުން ދަނިކޮށް ދީނީ އިލްމުވެރިންގެ މަޖިލީހުން ބޭއްވި ބައްދަލުވުމުގަ އެވެ.
އުމުރުން 56 އަހަރުގެ މުޖުތަބާ "އީރާންގެ އިސްލާމީ ޖުމްހޫރިއްޔާގެ މާތްވެގެންވާ މި ނިޒާމުގެ ލީޑަރުކަމަށް އައްޔަންކޮށް މި ތައާރަފްކުރަނީ ދީނީ އިލްމުވެރިންގެ އިއްޒަތްތެރި މެންބަރުންގެ ވޯޓަށް ރިއާޔަތްކޮށް،" ދީނީ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ "ޝައިތާބީ ޒަޔަނިސްޓުންނާއި މުޖުރިމު އެމެރިކާގެ އަނިޔާވެރި އުދުވާނަށް ޖެހިލުމެއް ނެތި" އާ ލީޑަރަކު އައްޔަންކުރުމުގައި "އެންމެ މިނެޓަކަށް ވެސް ފަސްޖެހުމެއް ނެތް" ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޖްތަބާ އަކީ "ބަރުދަނެއް ނެތް" ބޭފުޅެއް ކަމަށް ވިދާޅުވެ އާ ލީޑަރު ކަމަށް އައްޔަންކުރުމުގައި އޭނާގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އިއްޔެ ވެސް ވިދާޅުވެފަ އެވެ.
"އޭނާއަށް އަހަރެމެންގެ ރުހުން ނުލިބޭ ނަމަ މާ ގިނަ ދުވަހަކު ނުހުރެވޭނެ،" އީރާނުން އާ ލީޑަރު ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވި އެވެ.
ނަމަވެސް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވަނީ މިއީ ހަމައެކަނި އީރާނަށް އޮތް ބާރެއް ކަމަށާއި ލީޑަރު ކަނޑައެޅުމުގައި ޓްރަމްޕުގެ ބަހެއް އަހަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ ރައްދު ދެއްވައިފަ އެވެ.
މުޖްތަބާ އަކީ ކޮންޒަވޭޓިވް ފިކުރުގެ ބޭފުޅެއްގެ ގޮތުގައި ބެލެވޭއިރު އޭނާ އަކީ އީރާންގެ އިންގިލާބީ ލަޝްކަރާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އިޒްރޭލުން މާ ކުރިން ވަނީ، އާ ލީޑަރު ވެސް އަވަހާރަކޮށްލަން ފަސް ނުޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އީރާންގެ އިންގިލާބީ ލަޝްކަރުން ވަނީ އާ ލީޑަރަށް ފުރިހަމަޔަށް ކިޔަމަންތެރިވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
"އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް... ގާޑިއަން ޖުޖުތަބާ ޚާމަނާއީގެ މާތް الله ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެ، އަމިއްލަ ނަފްސު ޤުރުބާންކުރުމަށް ތައްޔާރަށް ހުންނެވީ،" ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އިސްލާމީ އިންގިލާބީ ލަޝްކަރުން ... މިހާރުގެ ވަލިއްޔުއް ފަޤީހް، އިއްޒަތްތެރި އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނާއީގެ މަތިވެރި އަމުރުފުޅުތަކަށް ފުރިހަމަޔަށް ތަބާވެ ނަފްސު ގުރުބާންކުރަން ތައްޔާރު،" އީރާން އަސްކަރިއްޔާގެ އެންމެ އިސް ލަޝްކަރުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޔަމަނުގެ ހޫތީން ވެސް ވަނީ މުޖްތަބާއަށް މަރުހަބާ ކިޔައި ބަޔާނެއް ނެރެފަ އެވެ.