އިޒްރޭލާއި އެމެރިކާއިން ހަަމަލާދީ އަަވަހާރަކޮށްލި، އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާ ބޭއްވުމަށް އީރާންގެ ވެރިރަށް ތެހެރާންގައި ތިން ދުވަހުގެ ޗުއްޓީއެއް އިއުލާނުކޮށް ސިޓީ ބަންދުކުރަން ނިންމައިފި އެވެ.  

މި ރަސްމިއްޔާތުތައް އިންތިޒާމުކުރުމާ ހަވާލުވެހުންނެވި އީރާން އަސްކަރިއްޔާގެ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރު ހަސަން ހަސަންޒާދޭއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާމަނާއީއަށް އަލްވަދާއު ކިޔުމުގެ ރަސްމިއްޔާތާއި ކަށުނަމާދު އޮންނާނީ އަންނަ މަހުގެ 4 އަދި 5 ވަނަ ދުވަހު ތެހެރާންގެ އިމާމް ޚާމަނާއީ މުސައްލާގަ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަ ވަނަ ދުވަހު އެވެ. މި ތިން ދުވަހު ތެހެރާން ޕްރޮވިންސް ބަންދުވާނެ އެވެ.

ޖުލައި 4 އަދި 5 އަކީ ތެހެރާން ބަންދު ދުވަހެއް ކަމަށް ހަމަޖައްސާފައި ވާއިރު ޖަނާޒާ އޮންނަ ހަ ވަނަ ދުވަހު މުޅި އީރާން ބަންދުކުރަން ވަނީ ނިންމައިފަ އެވެ. 

އީރާންގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ރަސްމިއްޔާތުތަކުގައި ގާތްގަނޑަކަށް 20 މިލިއަން މީހުން ބައިވެރިވާނެ އެވެ.

މީގެ އިތުރުން، އީރާނުގެ އުތުރުގައި އޮންނަ މުގައްދަސް ރަށެއް ކަމަށްވާ ގުމް ގައި، އިހުތިރާމް އަދާކުރުމުގެ ހާއްސަ ރަސްމިއްޔާތެއް ޖުލައި 7 ގައި އޮންނާނެ އެވެ. އަދި އަލީ ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި 9 ގައި، އޭނާ އުފަން ރަށް ކަމަށްވާ އިރުއުތުރުގެ މުގައްދަސް ސިޓީ މަޝްހަދުގަ އެވެ. މި ދެ ސިޓީގައި ވެސް އެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަވަށްޓެރި އިރާގުން ވެސް ވަނީ ޖުލައި 8 ގައި ޚާމަނާއީއަށް އިހުތިރާމް އަދާކުރުމުގެ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ތާވަލުކޮށްފަ އެވެ.

މި ޖަނާޒާ ބާއްވަން އެންމެ ފުރަތަމަ ރޭވީ މާޗް މަހު އެވެ. ނަމަވެސް، ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ޖަނާޒާ ފަސްކުރީ އެވެ.

އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން، އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވަނީ މާޗް މަހުގެ ކުރީކޮޅު އީރާނުގެ އާ ރޫހީ ލީޑަރުގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. މިއީ 1979 ވަނަ އަހަރު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ގާއިމުކުރި ފަހުން މި މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާ އެވެ.

މުޖްތަބާ ޚާމަނާއީއަށް ވަނީ އޭނާގެ ބައްޕަ އާއި އެހެން ބައެއް އިސްވެރިން އަވަހާރަވި ބޮމުގެ ހަމަލާގައި އަނިޔާވެފަ އެވެ. މަގާމާ ހަވާލުވެވަޑައިގަތް ފަހުން އޭނާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އަދި މުއާމަލާތް ކުރައްވަނީ ހަމައެކަނި ދައުލަތުގެ ރަސްމީ ބަޔާންތަކުގެ ޒަރީއާއިންނެވެ. -- އޭއެފްޕީ